އަޅުގަނޑުގެ އެކުވެރިއެއްގެ ފިރިމީހާ 3 ރޭ މަތިން (ނިދީގައި އޮވެ) އަނބިމީހާ ވަރިކޮށްފިން ކަމަށް ބުނެފިއެވެ. ބުނެވެނީވެސް ބާރަށެވެ. އެހެން އެވަނީ ކީއްވެގެންތޯއެވެ؟ އެބުނުމުގެ މައްޗަށް ވަރިވާނެތޯއެވެ؟
ސުވާލުގެ ފުރަތަމަ ބައަށް ސީދާ ސަބަބު ބުނަން އުނދަގުލެވެ. މިޘާލަކަށް ބުނާނަމަ ދެމަފިރިން ދުރުކުރުވަން ބައަކު ހަދާ ސިޙުރެއްގެ ސަބަބުން ފެންނަ ހުވަފެނެއްގައިވެސް އެފަދަ ބަހެއް ބުނެވިދާނެއެވެ. އެއިގެ އިތުރުން އަނބިމީހާ ވަރިކުރުމާއިމެދު ފިރިމީހާ ވިސްނަމުން ގެންދާނަމަ ހުވަފެނެއް ނުފެނިވެސް އެފަދަ ބަހެއް ބުނެވިދާނެއެވެ.
އެގޮތަށް އެކަން މެދުވެރިވަނީ ފިރިމީހާގެ ސިކުނޑީގައި އެކަން ބޮޑު މައްސަލައެއްގެ ގޮތުގައި ހަރުލާފައި ހުންނާތީކަމަށްވުން ގާތެވެ. ސަބަބަކީ މީހަކު ކަމަކަށް މާބޮޑަށް ވިސްނާނަމަ އެކަމެއްގެ ވާހަކަ ނިދީގައި ދެކެވޭ ގޮތް މެދުވެރިވާތީއެވެ.
ދެން އޮތީ ނިދީގައި އެބަސް ބުނެވިއްޖެނަމަ ވަރިވުމުގެ މައްސަލައެވެ. ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ނިދީގައި އެބަސް ބުނެވުނަސް ވަރިއެއް ނުވާނެއެވެ. ވަރިވާނީ ހޭލައި ހުރެގެން ވަރިކޮށްފިނަމައެވެ. ހުވަފެނުގައި ނުވަތަ ނިދީގައި ދެއްކޭ އެއްވެސް ވާހަކައަކީ އެމީހާގެ އެއްވެސް އަމިއްލަ ބާރެއް އޮވެގެން ދެއްކޭ ވާހަކަތަކެއް ނޫނެވެ. ވީމާ ނިދީގައި ދެއްކޭ އެއްވެސް ވާހަކައެއްގެ ޒިންމާ އުފުލާކަށް ނުޖެހޭނެއެވެ. އެއަށް ޢަމަލުކުރާކަށްވެސް ނުޖެހޭނެއެވެ.