ތިބާ ތިއަހުރީ ކައްވަޅުގަ ތިބާއާ ކުރެވޭނެ 3 ސުވާލަށް ޖަވާބުދޭން ތައްޔާރުވެގެން ހެއްޔެވެ؟ ނޫންނަމަ ތައްޔާރުވުމުގެ މަސައްކަތް އަވަހަށް މިމަގުން ފަށާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 30ސ
ތިބާ ތިއަހުރީ ކައްވަޅުގަ ތިބާއާ ކުރެވޭނެ 3 ސުވާލަށް ޖަވާބުދޭން ތައްޔާރުވެގެން ހެއްޔެވެ؟ ނޫންނަމަ ތައްޔާރުވުމުގެ މަސައްކަތް އަވަހަށް މިމަގުން ފަށާށެވެ!

އަހުރެން ފުރަތަމަވެސް ކޮށްލަން ބޭނުންވަނީ ސުވާލެކެވެ! ސުވާލަކީ ތިބާ ތިއަހުރީ ކައްވަޅުގައި ތިބާއަށް ކުރެވޭނެ 3 ސުވާލަށް ޖަވާބުދޭން ތައްޔާރުވެގެންހެއްޔެވެ؟ ތިބާ ޢަމަލުކުރަމުން ތިއަގެންދަނީ ޖަވާބުދެވޭނެ ގޮތަށް ހެއްޔެވެ؟   

އެއްވެސް ޝައްކެއް ނެތެވެ. ކޮންމެ މީހަކުވެސް އެއްބަސްވާނެ އެއްކަމަކީ ނުވަތަ ކޮންމެ މީހަކުވެސް ޤަބޫލުކުރާނެ އެއްކަމަކީ ކޮންމެ ކަމެއްވެސް ކުރެވޭނީ އެކަމަކަށް ތައްޔާރުވެގެންކަމެވެ. އަދި ކަމެއް ކާމިޔާބުކުރެވުން އޮތީ އެކަމަކަށް ތައްޔާރުވެވުނު ވަރަކުން ކަމެވެ.  

ކޮންމެ މީހަކަށްވެސް އެމީހާ މަރުވާނެކަން އެބަ އެނގެއެވެ. އެކަން ޤަބޫލުނުކުރާ ހަމައެކަކުވެސް ދުނިޔެއަކު ނުހުންނާނެއެވެ. އަދި މަރުވެ ވަޅުލެވުމާއިއެކު 2 މަލާއިކަތުން ވަޑައިގެން 3 ސުވާލުކުރައްވަވާނެ ކަމާއި ކައްވަޅުގެ ޙަޔާތާއި އާޚިރަތް ކާމިޔާބުވުން އޮތީ އެ 3 ސުވާލަށް ޖަވާބުދެވިގެންކަން ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރާނެއެވެ.

ޙަދީޘްފުޅުން އެނގެން އޮތީ ޤިޔާމަތަށް ދިއުމުގެ ފުރަތަމަ މަރުޙަލާއަކީ ކައްވަޅުކަމެވެ. އެމަރުހަލާ ފަސޭހަވެއްޖެ ނަމަ ފަހުން އަންނަން އޮތް މަރުޙަލާ (ޤިޔާމަތް ދުވަހުގެ ކަންކަން) ފަސޭހަވެގެންދާނެކަމެވެ. އަދި ފުރަތަމަ މަރުޙަލާ އުނދަގޫ ވެއްޖެ ނަމަ ފަހުން ކުރިމަތިވާނެކަންކަން އިތުރަށް އުނދަގޫވެގެންދާނެކަމެވެ.  

މިޙަދީޘްފުޅު ބަޔާންކުރައްވަވައި ޢުޘްމާން އިބްން ޢައްފާން، އެކަލޭގެފާނުގެ ތުނބުޅިފުޅު ކަރުނައިން ފޯވަންދެން ކީރިތިކުރެއްވެވިއެވެ!  

ކޮންމެ މީހަކު ވަޅުލެވުމުންވެސް ކުރެވޭނެ 3 ސުވާލު ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. އެމީހަކަށް ކައްވަޅުގައި ކުރިމަތިވާނެ ޙާލަތު ކަނޑައެޅިގެންދާނީ އެހިސާބުންކަމުގައިވާތީއެވެ. ވީމާ މަރުވުމަށްފަހު އެންމެ މުހިންމު ކަމަކީ 3 ސުވާލުގެ ޖަވާބު ދެވުމެވެ. ވީމާ މިއީ ވަރަށް ވިސްނުންތެރިކަމާއިއެކު ފިކުރުކޮށް ޢަމަލުކުރަންޖެހޭނެ ކަމެކެވެ.  

ދެލޯބިވެރިންނަށް ބެލި ނަމަވެސް ލޯބިވާކަން އަތާއި ކުރެހުމުން ދެއްކުމަކުން ނުފުދެއެވެ. އަތުގެ ވާހަކަ މިބުނަނީ އިސްލާމް ދީނަށް ބެލުމެއްނެތި ލޯބިވެރިންކަމަށް ބުނެ މިހާރު ބައެއް މީހުން ކުރާ ޢަމަލުތަކގެ ވާހަކައެވެ.  

މިބުނަނީ އެކަންކަމުން އެކަނި ލޯބިވާކަން ހާމަކުރުމުން ނުފުދޭނެ ވާހަކައެވެ! ލޯބިވާކަން ދައްކައިދޭންޖެހެނީ ތެދުވެރިކަމާއި ވަފާތެރިކަމުންނެވެ. އަޅައިލުމާއި އޯގާތެރިކަމުންނެވެ!  

ލޯބިވެރިޔާ ގެއްލިގެން އަދި ޒަވާޖީ ޙަޔާތުގެ ބައިވެރިޔާ ގެއްލިގެންވެސް ޝަކުވާކުރަންވާނީ ތިމާ އަމަލުން އަދާކުރަންޖެހޭ ދައުރު އަދާކުރުމަށްފަހުގައެވެ. ތިމާ ތެދުވެރިވެ ވަފާތެރިވެ އަޅައިލުމާއި އޯގާތެރިކަން ދިނުމަށްފަހުގައެވެ. އެކަންކަން ފުރިހަމަނުކޮށް ތިމާއަށް ކަމެއް ގެއްލުނު ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތެވެ.  

މިބުނެވުނީ މީސްތަކުންގެ މެދުގައި އެކަން އޮތްގޮތެވެ. ދެން އޮތީ ތިމާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަން ޖެހޭ ގުޅުމެވެ. އެކަމަށް ބެލިނަމަވެސް ތިމާ މިހުރީ ﷲ ތަޢާލާއަށް އީމާންވެގެން ކަމަށާއި ﷲ ތަޢާލާ ދެކެ ލޯބިވާކަމަށް ބުނުމަކުން ނުފުދޭނެއެވެ. 24 ގަޑިއިރު ހޭލާހުރެ އެހެން ކިޔަމުން ހިނގިނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ފައިދާކުރާނީ އީމާންވުމަށްފަހު ކުރަންޖެހޭ ޢަމަލުތައްކުރުމުންނެވެ.  

ﷲ ތަޢާލާ ދެކެ ލޯބިވުމަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންވުމެވެ. އެކަންކަން ކުރުމަށް އަމުރުފުޅު ކުރައްވަވާފައިވާ އެންމެހައި ކަންކަންކަން ކުރުމާއިއެކު ނަހީކުރެއްވެވި އެންމެހައި ކަންކަމުން ދުރުހެލިވެހުރުމުންނެވެ. އެކަންކަން ކުރުމުގައި ކިޔަމަންތެރިކަން އަދާނުކޮށް ދުލުން ބުނާ ބަހަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ!  

މަރުވެވަޅުލެވުމާއިއެކު ދެ މަލާއިކަތުން ވަޑައިގެން ސުވާލުކުރައްވަވާނެކަން އެބައެނގެއެވެ. ސަލާމަތްކަން ލިބުން އޮތީ ޖަވާބުދެވިގެންކަންވެސް އެނގެން އެބައޮތެވެ. ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް ޖަވާބު ދެވޭނީ ދުނިޔޭގައި ހުރިއިރު ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކުރި މީހަކަށެވެ!  

ތިމާގެ ވެރި ރައްބަކީ ﷲ ތަޢާލާކަމަށް ބުނެވޭނީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ދުނިޔޭގައި އަމަލުކުރި މީހަކަށެވެ. ތިމާގެ ވެރި ރައްބަކީ ﷲ ތަޢާލާކަމަށް ޤަބޫލުކުރާނަމަ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ދުނިޔޭގައި އަމަލުކުރާނެއެވެ. ޢަމަލު ނުކުރެވުނުނަމަ އެވަނީ އެކަން ޤަބޫލުނުކުރެވިފައެވެ.  

ދުނިޔޭގައި އުޅުނުއިރު ތިމާއަކީ މުސްލިމެއް ކަމަށް ބުނިނަމަވެސް އިސްލާމް ދީނަށް ޢަމަލުނުކުރާ މީހަކަށް ތިމާގެ ދީނަކީ އިސްލާމް ދީން ކަމަކަށް ޖަވާބެއް ނުދެވޭނެއެވެ. އެމީހެއްގެ ދީނަކީ އިސްލާމް ދީންކަމަށް ޤަބޫލުކުރާ މީހާ ދުނިޔޭގައި ހުރިއިރު އިސްލާމް ދީނަށް ޢަމަލުކުރާނެއެވެ! ޢަމަލުނުކުރިނަމަ އެވަނީ އެކަން ޤަބޫލުނުކުރެވިފައެވެ.  

ހަމައެފަދައިން ތިމާގެ ރަސޫލަކީ މުޙައްމަދު () ކަމަށް ޖަވާބުދެވޭނީ ރަސޫލް () ގެ ސުންނަތަށް ޢަމަލުކުރި މީހަކަށެވެ. މުޙައްމަދު ރަސޫލް () އަކީ ރަސޫލާކަމަށް ޤަބޫލުކުރެވުނު ނަމަ ސުންނަތަށް ތަބަޢަވީހެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ރަސޫލް () ގެނެސް ދެއްވެވި އެންމެހައި ކަންކަމަށް ޢަމަލުކުރީހެވެ. ނުކުރެވުނު ނަމަ އެކަން ނުކުރެވި އެއޮތީ އެކަން ޤަބޫލުނުކުރެވުނީތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން