ދެވަނަ ކައިވެނިކުރުމަށްފަހު ނުކުރާކަމަށްބުނެ ދޮގު ހެދުމަކީ ކުރެވޭ ބޮޑު ފާފައެއް! ދުނިޔޭގަ އޮޅުވާލެވުނަސް ޢަޛާބަކަށް ނުފިލޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 38ސ
ދެވަނަ ކައިވެނިކުރުމަށްފަހު ނުކުރާކަމަށްބުނެ ދޮގު ހެދުމަކީ ކުރެވޭ ބޮޑު ފާފައެއް! ދުނިޔޭގަ އޮޅުވާލެވުނަސް ޢަޛާބަކަށް ނުފިލޭނެ!

އަޅުގަނޑުގެ ފިރިމީހާ ދެވަނަ ކައިވެނިކުރިކަން އަޅުގަނޑަށް ޔަޤީންކުރެވުނުތާ 2 އަހަރުވެއްޖެއެވެ. އެކަމާއި ސުވާލުކުރާއިރަށް ހަދަނީ ދޮގެވެ. ދޮގުހަދަނީ އަޅުގަނޑު ވަރިވެއްޖެނަމަ މާލީ ގޮތުން އޭނާއަށް ދަތިތަކާއި ކުރިމަތިލާންޖެހޭނެތީއެވެ. އަޅުގަނޑުގެ ސުވާލަކީ އެގޮތަށް ދޮގުހަދައި އޮލުވާލުން ދީނުގައި ހުއްދަވާނެތޯއެވެ؟  

ކިޔުންތެރިޔާ ކުރައްވާފައިވާ ސުވާލުގެ ޖަވާބަކީ ދޮގާއި މަކަރާއި ޙީލަތް ހެދުން ﷲ ތަޢާލާ ވަނީ ޙަރާމްކުރައްވަވައިފައެވެ. ނަމަވެސް ތަނަވަސްކަން ހުރިނަމަ އަނބިން ގިނަކުރެވިދާނެއެވެ. 4 އަނބިންވެސް ހަމަކުރެވިދާނެއެވެ. އެކަމަށް އެއްވެސް ހުރަހެއް ނެތްއިރު ދޮގުހަދަންޖެހެންވީ ސަބަބެއްވެސް ނެތެވެ.  

ފިރިމީހާގެ މައްޗަށް ތިއަ ފަދަ ބޮޑު ތުހުމަތެއް ކުރެވޭނަމަ މައްސަލަ ކޯޓަށް ހުށަހަޅާށެވެ! ޤާޟީގެ ކުރިފުޅުމަތީގައި ތެދުބަހުން ޖަވާބުދޭން ޖައްސުވާށެވެ! ކޯޓަށްދާން ބޭނުންނުވާނަމަ އިތުބާރުކުރެވޭ 2 ހެކިނަ ބައިތިއްބައިގެން ސުވާލުކުރާށެވެ! ޔަޤީން ނުކޮށް ތުހުމަތުނުކުރާށެވެ! އެއީ ކުރެވޭ ފާފައަކަށްވެދާނެ ކަމަށްޓަކައެވެ.  

ތިއަބާވަތަށް ކަންކަންކަން ކުރުމުގެ މައްސަލަތައް އަންނަނީ ގިނަ ވަމުންނެވެ. އެމީހުން ފިލާވަޅު ދަސްކުރަނީ ތިރީގައިވާ ވާހަކަތައް ފަދަ ވާހަކަތަކުންނެވެ. ތިއަ ކަނބަލުން ކުރަން އޮތް ކަމަކީ އެޤާޟީގެ މޮޔަ އަނބިމީހާ ފަދަ އަންހެނުން ކަމުގައި ނުވުމެވެ.  

2 އަނބިން ގޭތެރޭގައި ތިއްބައި "މިގެއިން ބޭރުގައި އަހަރެންގެ އަނތްބެއް ވާނަމަ އޭނާ އެހެރީ ވަރިކޮށްފައެވެ!" ބުނާއިރަށް "މިގޭގައި ނުވަތަ އެހެން ތަނެއްގައި ނަމަވެސް އަހުރެން ނޫން އަންތބަކު އިންނަމަ އެއިނީ ވަރިކޮށްފައި" ކަމަށް ބުނަން ޖައްސުވާށެވެ!  

ސުވާލަށް ބަލައި ބުނެލަން އޮތް ދެވަނަ ބަހަކީ ދޮށީއަނބިމީހާގެ ތަނަވަސްކަން ބޭނުންކޮށްގެން ވަގު އަނބިން ގެންގުޅެ އެއަނބިންނަށް ޚަރަދުކުރަން ފުރުޞަތު ނުދިނުމަކުން ދޮށީ އަނބިމީހާގެ ކުށެއް ނެތެވެ. އަނބިން އިތުރުކުރުން ހުއްދަވާނީ އަމިއްލަ ތަނަވަސްކަން ހުރިނަމައެވެ.   

ތިރީގައި އެވަނީ ސޯޝަލް މީޑިއާއިން ފެނިފައިވާ ވާހަކައެކެވެ. ފުރަތަމަ ވާހަކަ ވިދާޅުވެލައްވާށެވެ!   

ޤާޟީއެއް އޭނާގެ އަނބިމީހާއަށް ނޭނގި ދެވަނަ ކައިވެންޏެއް ކުރިއެވެ.  އަދި ފުރަތަމަ އަނބި މީހާއަށް ނޭނގި ސިއްރުން ދެވަނަ އަނބިމީހާގެ ގާތަށް ގޮސް އުޅުނެވެ. މިކަމާ ގުޅިގެން ފިރިމީހާއަށް އައި ބަދަލުތަކުގެ ސަބަބުން ފުރަތަމަ އަނބި މީހާއަށް ޝައްކުވެ، ފިރިމީހާ ގާތު ޝަކުވާ ކުރަން ފެށިއެވެ. 

އަދި އެކަމާ މެދު ސުވާލު ކުރުމުން ދޮގު ނުހަދަން ސީދާ ޖަވާބެއް ނުދެއެވެ. އަދި ފަހަރުގައި ތިއީ ޝައިޠާނާގެ ވަސްވާސް ކަމަށް ބުނެ އަދި ތިކަމަށް އެއްވެސް ދަލީލެއް ނެތޭ ފިރިމީހާ ބުނަމުން އައެވެ. 

ކޮންމެ އަކަސް އެކަމުގެ ސަބަބުން މައްސަލަތައް ޖެހެން ފެށުމުން އެކަމަށް ދޮގު ނަހަދައި ޙައްލެއް ހޯދުމަށް ފުންކޮށް ވިސްނިއެވެ. (އެހެނީ ދެވަނަ އަތްނބެއް ނުވާ ކަމަށް ބުނެއްޖެނަމަ ދެވަނަ އަނބި މީހާ ވަރި ވާނެކަން ޤާޟީއަށް އެނގެއެވެ. ) 

އޭނާގެ ދެވަނަ އަނބިމީހާގެ ގާތަށް ގޮސް ބުންޏެވެ. "ތިބާ އަހަރެންގެ ފުރަތަމަ އަނބިމީހާގެ ގާތަށް ގޮސް، ތިބާގެ ފިރިމީހާ ދެވަނަ މީހަކާއި އިން ކަމުގެ ޝަކުވާ ކުރުމަށް ކަމަށް ބުނެ އަހަރެންނާއި ބައްދަލު ކުރުމަށް އެދޭށެވެ."  

(އެހެނީ އޭނާއަކީ ޤާޟީއެއް ކަމުގައި ވާތީއެވެ.) 

ކޮންމެ އަކަސް އަޞްރު ނަމާދަށްފަހު ދެވަނަ އަނބިމީހާ، ފުރަތަމަ އަނބިމީހާގެ ގޭ ދޮށަށް ގޮސް ޤާޟީއާއި ބައްދަލު ކުރުމަށް އެދުނެވެ. އަދި އެއީ އޭނާގެ ފިރިމީހާ ދެވަނަ ކައިވެންޏެއް ކުރި ކަމުގެ ޝަކުވާ ކުރުމަށް ކަމަށް ބުންޏެވެ.  

ފުރަތަމަ އަނބިމީހާ، ކުރިމަތީގައި މިވަނީ ފިރިމީހާގެ ދެވަނަ އަނބިކަން ނޭނގޭ ޙާލު އޭނާ ގޮވައިގެން ފިރިމީހާގެ ގާތަށް ދިޔައެވެ. ތިން މީހުން އެއް ތަނެއްގައި ތިބެ...

ދެވަނަ އަނބި ސުވާލު ކުރިއެވެ.  

"އޭ ޢިއްޒަތްތެރި ޤާޟީއެވެ.! އަހަރެންގެ ފިރިމީހާ އެހެން މީހަކާއި ކައިވެނިކޮށްފިއެވެ. އެކަމަކު އެކަމަށް އަހަރެންނަށް އެއްވެސް ހެއްކެއް ނެތެވެ." 

ތިއީ ތިބާގެ ހިތުގައި ވާ ވަހުމެއް ކަމަށާއި އަދި ގޯސްކޮށް ވިސްނޭ ވިސްނުމެއް ކަމަށް ވެދާނެ ކަމަށް ޤާޟީ ބުންޏެވެ.  

އަދި ތިކަމުގެ ދަލީލަކީ އަހަރެންގެ އަނބިމީހާއަށް ވެސް ހަމަ ތިހެން އިޙްސާސް ކުރެވެއެވެ. އަހަރެން ﷲ ގަންދީ ހުވާ ކޮށްފަ މިބުނަނީ އެވެ. މިގެއިން ބޭރުގައި އަހަރެންގެ އަނތްބެއް ވާނަމަ އޭނާ އެހެރީ ވަރިކޮށްފައެވެ! 

ފުރަތަމަ އަނބިމީހާއަށް ރޮވުނެވެ. އަދި ތެދުވެ ފިރިމީހާގެ ބޮލަށް ދޮނެއް ދެމުން ބުންޏެވެ. ދުވަހަކު ވެސް ތިބާއާއި މެދު ޝައްކެއް ނުކުރާ ހުށީމެވެ. "  

-كتاب المكر الأليم في الضحك على الحريم-  

- ޢަލް-ޢިބަރް  

މިހިސާބުންވެސް ކޮށްލާނީ ހަމަ ސުރުޚީގައިވާ ސުވާލެވެ! " ޤާޟީއެއް ކަމަކު ދެވަނަ ކައިވެނިކޮށްފަ ނުކުރާކަން ދޮށީ އަންތބަށް ދައްކަން މިހައިބޮޑަށް ކަންކަން އޮޅުވާލަން ހެޔޮވެދާނެތޯ؟"އެވެ.  

އޭނާގެ ބުއްދީގެ ބޭނުންކޮށް ދެއަނބިން ގެއަށް ވައްދާފައި ދޮށީ އަނބިމީހާއަށް އޮޅުވާލުމަށްޓަކައި ގެއިން ބޭރުގައި އޭނާގެ އަންތބެއް ނުހުންނާނެކަމަށް ބުނުމުން އެބުނެވެނީ ކޮންފަދަ ވާހަކައެއްތޯއެވެ؟  

އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައި މިހައިމިންވަރަށް ދޮގުހަދާ ޤާޟީއަކު ޝަރީޢަތްކުރާނެ ގޮތާއިމެދު ސުވާލުއުފެދެއެވެ. އެހެނީ އޭނާގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަން ނެތުމުންނެވެ. އޭނާގެ ދޮގާއި މަކަރުވެރިކަން ﷲ ތަޢާލާ ދެނެވޮޑިގެންވާކަމުގެ ބިރު އޭނާގެ ހިތުގައި ނެތުމުންނެވެ.  

ހަމަ އެއާއިއެކު ދެވަނަ އަނބިމީހާ އެކުރި ސުވާލުކޮށްފައި އެވަނީވެސް އޮޅުވާލައިގެންނެވެ. އޭނާގެ ފިރިމީހާ އޭނާ އާއި ކައިވެނިކުރުމަށްފަހު ދެވަނަ ކައިވެންޏެއް ނުކުރެވެ. އޭނާ ކައިވެނިކުރީ މީހެއްގެ ފިރިއަކާއިއެވެ. ދޮށީ އަންތބަކު އިންކަން އޭނާއަށް އެނގެއެވެ.  

މިކަންކަން ފާހަގަކުރަންޖެހުނީ މިބާވަތުގެ އޮޅުވާލުންތައް އަޅުގަނޑުމެންގެ މުޖުތަމަޢުގައިވެސް އިތުރުވަމުން އަންނާތީ އުފެދޭ މަސައްލަތައް ގިނަކަމުންނެވެ. ޙަޤީޤަތް ފަޅާއެރުމުން ރޫޅެމުންދާ ކައިވެނިތައްވެސް ގިނަކަމުންނެވެ.  

އިސްލާމް ދީނުގައި ދެވަނަ ކައިވެނި ހުއްދައެވެ. ނަމަވެސް ދޮގުހެދުމާއި އޮޅުވައިލުން ހުއްދައެއް ނޫނެވެ. އެއީ ބޮޑެތި ފާފަތަކެވެ.

 

 

މިއަދު އޮންލައިން