ވަކިކަމެއް ނޫނެވެ. ކޮންމެ ކަމެއް ކުރަންވެސް ޝައުޤުވެރިވެވޭނީ އެކަމަކުން ތިމާއަށް ކުރާނެ ފައިދާ އެނގޭނަމައެވެ. އެކަމެއް ކުރުމުން ތިމާއަށް ކުރާނެ ފައިދާ ބޮޑުކަން އެނގޭ ކަންކަން ކުރުން ގިނަކުރާނެއެވެ. އަދި އެންމެ ފުރިހަމައަށް ކުރަންވެސް މަސައްކަތްކުރާނެއެވެ.
މިގޮތުން ބަލައިފިނަމަ ކުރަން އޮތް އެންމެ ރަނގަޅު އެއް ކަމަކީ ސަޖިދަކުރުން ގިނަކުރުމެވެ. އެހެނީ އެއީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ޢަމަލެކެވެ. ތިމާއަށް ﷲ ތަޢާލާއާއި އެންމެ ބޮޑަށް ކުއްތަންވެވެނީވެސް ސަޖިދައިގައެވެ. ސަޖިދައަކީ ދުޢާ ޢިޖާބަ ކުރައްވަވާ މަޤާމެކެވެ. އަދި އެކަމަކީ އެކަން ކުރުމުން ސުވަރުގޭގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ އަރިހުގައި ވެވެން އޮތް ޢަމަލެއްވެސްމެއެވެ.
ނަމާދުކުރާ ކޮންމެ މީހަކުވެސް ސަޖިދަކުރެއެވެ. ނަމަވެސް ސުވާލަކީ ތިބާއަށް ތިއަކުރެވެނީ ހަމަ ސަޖިދަހެއްޔެވެ؟ ފުރަތަމަ ނިކަން މިކަން އެނގިބަލާށެވެ! އެއަށްފަހު އަމިއްލައަށް ވިސްނާލާފައި ތިއަކުރެވެނީ ހަމަ ސަޖިދަކަން އަމިއްލައަށް ކަނޑައަޅައިބަލާށެވެ!
ސަޖިދަކުރުމުގެ މުހިންމު ކަމުގެ ވާހަކަތައް އަބަދުވެސް ދެކެވެއެވެ. ނަމަވެސް އެކަމަށް ދޭންޖެހޭ ސަމާލުކަން ދެވެނީ ވަރަށް މަދު މީހަކަށެވެ. އެހެންކަމުން އަބޫ ޛައްރުގެ ސަޖިދަކުރެއްވުމާއިމެދު ވިސްނައިލަމާހެއްޔެވެ!
އިމާމަކު އެއް ރޭ މަސްޖިދުލްއަޤްޞާއަށް ވަޑައިގަތުމުން ވަރަށް ހައިރާންކުރުވަނިވި މަންޒަރެއް ފެނިވަޑައިގަތެވެ. މީހަކު ހަމަ ނަމާދު ކުރަނީއެވެ. ސަޖިދައިގައި އޮންނަ އިރު ގިނަކަމުން ދެން ނުތެދުވާނެ ކަމަށް (މަރުވީ ކަމަށް) ހީވާހައި ގިނައިރު ސަޖިދައިގައި އޮވެއެވެ. އެތަން ބައްލަވަން އިންނެވުމަށްފަހު އިމާމް ވަޑައިގެން އޭނާ އާއި ސުވާލު ކުރެއްވިއެވެ.
"ތިހައި ގިނައިރު ސަޖިދައިގައި އޮތުމުން ކުރެވުނު ރަކްޢަތުގެ އަދަދު އޮޅިދާނެ ކަމާއިމެދު ކަންބޮޑެއް ނުވަމު ހެއްޔެވެ؟" ޖަވާބުގައި އޭނާ ބުނީ ސަޖިދައިގައި ގިނައިރުވުމުގެ ސަބަބުން ރަކްޢަތުގެ އޮޅިއްޖެ ނަމަ ﷲ ތަޢާލާ އެކަން ބައްލަވައިވޮޑިގެންވާނެ ކަމަށެވެ. އަދި އޭނާ ރޮމުން ބުންޏެވެ. "އަހަރެން އެމީހަކު ދެކެ އެންމެ ބޮޑަށް ލޯބިވާ މީހާ، ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވިއެވެ. (ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ގޮތަށް) ކުރާ ކޮންމެ ސަޖިދައަކާއިއެކު އެމީހެއްގެ ދަރަޖަ އިތުރު އެއް ދަރަޖައަށް އުފުއްލަވައި ދެއްވަވާނެތެވެ. އަދި ކޮންމެ ސަޖިދައެއްގެ ސަބަބުން ފާފައެއް ފުއްސަވައި ދެއްވަވާނެތެވެ.
އެހިސާބުން ތިއައީ ކޮން ބޭކަލެއްތޯ ސުވާލުކުރެއްވުމުން ވިދާޅުވީ ޞަހާބީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބޫ ޛައްރު ކަމަށެވެ.
ސަޖިދައިގައި ގިނަ ވަގުތު ހޭދަ ކުރެއްވުމަށް ރަސޫލް (ﷺ) އިންތިހާއަށް ލޯބިފުޅު ކުރެއްވެވިއެވެ. ރަސޫލް (ﷺ) އެންމެ ގިނަ ވަގުތު ހޭދަކުރައްވަވަން ބޭނުންފުޅުވެވަޑައިގަތީގައިވެސް ސަޖިދައިގައެވެ.
ސަޖިދައިގެ މުހިންމުކަން ބަޔާން ކުރައްވަމުން ބައެއް އިމާމުން ވިދާޅުވެފައިވަނީ ނަމާދުގައި ކޮޅަށް ހުރުމާއި ރުކޫޢު ކުރުމާއި މިހުރިހައި ކަމަކީ ސަޖިދަ ކުރުމަށް ތައްޔާރުވާން ކުރެވޭ ކަންކަން ކަމަށެވެ. ސަޖިދައިގެ މަތިވެރިކަމުގެ ތެރޭގައި ތިބާއަށް އެންމެ ބޮޑަށް ﷲ ތަޢާލާއި ކުއްތަންވެވޭ ވަގުތަކީ ސަޖިދައިގައި ހޭދަކުރާ ވަގުތު ކަމަށް ބުނެވެއެވެ. އެއީ ސަޖިދައިގައި އޮންނަ ވަގުތަކީ ތިބާގެ ފުރާނަ އެންމެ ބޮޑަށް ﷲ ތަޢާލާގެ ޙަޟްރަތަށް އުފުލިގެންދާ ވަގުތު ކަމުގައިވާތީއެވެ. ސަޖިދައިގައި އޮވެ ގިނަގިނައިން ދުޢާކުރަންވީ މިސަބަބަށްޓަކައެވެ. ތިބާއަށް ﷲ ތާޢާލާއާއި އެންމެ ބޮޑަށް ކުއްތަން ވެވޭ ވަގުތު ކަމަށްވާތީއެވެ.
ރުކޫޢް ކުރާ މީހުންނަށާއި ސަޖިދަ ކުރާ މީހުންނަށް ﷲ ތަޢާލާ ވަނީ ތައްރީފްގެ ބަސްފުޅު ވަހީ ކުރައްވަވައިފައެވެ. މިކަމުންވެސް ރުކޫޢާއި ސަޖިދައިގެ މަތިވެރިކަން އެނގިގެންދެއެވެ.
ހަމައެއާއިއެކު ސުވަރުގޭގައި ރަސޫލް (ﷺ) އާއި އެންމެ އަރިއަހުގައި ވުމަށްވެސް ކުރަންޖެހޭ ކަމަކީ ސުންނަތް ނަމާދުކުރުން ގިނަކޮށް ސަޖިދަކުރުން ގިނަ ކުރުމެވެ. މިއީ ޙަދީޘްފުޅުން ސާބިތުވާން އޮތް ކަމެކެވެ. މި ހަދީޘްފުޅަށް ބަލާއިރު އެއީ ހަމައެކަނި ކުރާ ސަޖިދައިގެ އަދަދު ގިނަކުރުން އެކަންޏެއްވެސް ނޫނެވެ. ސަޖިދައިގައި ހޭދަކުރާ ވަގުތު ގިނަކުރުންވެސް ހިމެނެއެވެ.
ޤިޔާމަތުގެ ތާޅަފިލި ފުމެލެއްވުމުން އެމީހަކު ކައްވަޅުން ތެދުވާނީ އެމީހަކު ދުނިޔޭގައި އެންމެ ފަހުން ކޮށް އުޅުނު ޢަމަލެއްގެ މަތީގައެވެ. އެމީހަކު މަޙްޝަރު ކުރެއްވެވޭނީ ވެސް އެގޮތުގައެވެ. މީހާގެ މރު ގެންދެވުން ވެސް އެންމެ ރަނގަޅީ ސަޖިދައި އޮއްވައެވެ. މި ސަބަބަށްޓަކައި ޝައިޚް ޢަބަދުލްޙަމީދު ކިޝްކް ރަޙިމަހުﷲ، އޭނާގެ މަރު އިމާމެއްގެ މަޤާމުގައި ހުންނަވަނިކޮށް އަދި ސަޖިދައިގައި އޮންނަވަނިކޮށް ގެންދެވުމަށް އެދިވަޑައިގެން ދުޢާ ކުރެއްވެވިއެވެ. އިމާމްގެ ފުރާނަ ﷲ ތަޢާލާ ގެންދެވީ ހުކުރު ދުވަހެއްގައި އިމާމް ދުޢާކުރައްވަމުން ގެންދެވިފަދައިން އިމާމެއްގެ މަޤާމުގައި އަދި ސަޖިދައިގައި އޮންނަވަނިކޮށެވެ. އެއީ 1996 ވަނަ އަހަރު ހިނގި ކަމެކެވެ. ސަޖިދައިގައި އޮންނަވަނިކޮށް ފުރާނަ ގެންދެވުމަށް ޞަހާބީން ގިނަގިނައިން ދުޢާ ކުރެއްވެވިއެވެ.
ސަޖިދަ ކުރަނީ ހަމައެކަނި މުސްލިމުންނެއް ނޫނެވެ. ކުރީގެ އުންމަތްތަކުގެ މީހުންގެ ނަމާދުގައިވެސް ސަޖިދަކުރިއެވެ. އެކަން އިންޖީލާއި އެހެން ފޮތްތަކުން ވެސް އެނގިގެންދެއެވެ.
ސަޖިދަ ކުރުމުގައި ފަރުވާ ކުޑަކުރުމުން މެދުވެރިވާ ގޮތާއިމެދު ނިކަން ވިސްނައިބަލާށެވެ. މުނާފިޤުންވެސް ސަޖިދަ ކުރެއެވެ. ނަމަވެސް ޤިޔާމަތް ދުވަހު މީސްތަކުންނަށް ސަޖިދަ ކުރުމަށް އެންގެވޭ ހިނދު އެމީހުންނަކަށް ސަޖިދައެއް ނުކުރެވޭނެއެވެ. މައި ބަދަ ހުންނާނީ ދަގަނޑުގަޑެއް ފަދައިން ހަރުވެފައެވެ. ސަޖިދަ ކުރަން އުޅުމުން ފުރަގަހަށް ވެއްޓޭނީއެވެ.
ހަމަ އެޢާއިއެކު ނިކަން ވިސްނައިބަލާށެވެ. ސަޖިދަ ކޮށް އުޅުނު މީހަކަށް ކުރެވިފައިވާ ފާފައިގެ ސަބަބުން ﷲ ތަޢާލާ ކަނޑައަޅުއްވަވާ މުއްދަތަކަށް ނަރަކައަށް ވަންނަން ޖެހުނު ނަމަވެސް ސަޖިދަ ކުރުމުން އެމީހާގެ ނިތްކުރީގައި ލާފައި ހުންނަ ކުރައިގައި އަލިފާނެއް ނުހިފާނެއެވެ. އެމީހުން ސުވަރުގެ ވައްދަވަން ނަރަކައިން ނެރުއްވަވާ މަލާއިކަތުންނަށް އެމީހުން ވަކި ކުރެއްވޭނީ ވެސް އެކުރައިގެ ސަބަބުންނެވެ.
ވީމާ ސަޖިދަ ކުރުމުގައި ފަރުވާ ކުޑަ ނުކުރާށެވެ. ސަޖިދައިގައި އޮވެ ބޭކާރު ވިސްނުންތައް ނުވިސްނާށެވެ. ޣާފިލުކަމާއިއެކު ސަޖިދަ ނުކުރާށެވެ. އެކަމުގެ ސަބަބުން ކުރާ ސަޖިދަ ސަޖިދައަކަށްނުވެދާނެ ކަމަށްޓަކައެވެ. ސަޖިދަ ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވައިފާނެ ކަމަށްޓަކައެވެ. ސަޖިދައިގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާބައަކަށްވާށެވެ.
- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން