ދުނިޔޭގަ ތަނަވަސް މީހަކަށްވުމަށް ދަހިވެތިނުވާށެވެ! އެއީ ސުވަރުގެ ވަދެވުން ލަސްވާނެ ކަމެކެވެ!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
ދުނިޔޭގަ ތަނަވަސް މީހަކަށްވުމަށް ދަހިވެތިނުވާށެވެ! އެއީ ސުވަރުގެ ވަދެވުން ލަސްވާނެ ކަމެކެވެ!: ބިލާލް އައްސަދު

ތަނަވަސްކަމަކީވެސް ﷲ ތަޢާލާ ދެއްވަވާ ނިޢުމަތެކެވެ. ހެޔޮގޮތުގައި އެނިޢުމަތުގެ ބޭނުން ހިފިއްޖެނަމަ އާޚިރަތް ކާމިޔާބުކުރަން ފަސޭހަވެގެންދެއެވެ. ތިމާ މަރުވިޔަސް ތިމާއަށް ޘަވާބު އިތރުވާނެ ގިނަ ކަންތައްތަކެއް ކުރެވެން އޮތީވެސް ތަނަވަސްކަން ލިބިގެންނެވެ، 

ނަމަވެސް ސުވާލަކީ އަހުރެމެން ތަނަވަސްކަމަށް ބޭނުންވަނީ އާޚިރަތް ހޯދަން ހެއްޔެވެ؟ މިސުވާލުގެ ޖަވާބުގައި އާނއެކެވެ ބުނެވޭނީ ހާދަ މަދު ބައަކަށެވެ. މިހެން ބުނަން މިޖެހެނީ މީސްތަކުންގެ ޢަމަލުތަކުން އެކަން ފެންނަ ގޮތުންނެވެ. 

މާއްދިއްޔަތަށް މީހުންގެ ވިސްނުން ގެންގޮސްފައިވާވަރު ބޮޑުކަމުން މިއަދު މީހެއްގެ ގާތު އެމީހާ އެންމެ އެދޭކަމަކީ ކޮބައިތޯ އަހައިފިނަމަ 99.9 މީހުން އެދޭނެ ކަމަށް ލަފާކުރެވެނީ ނުވަތަ ބޭނުންވާނެ ކަމަށް ލަފާކުރެވެނީ ތަނަވަސްކަމެވެ. ފައިސާއެވެ. ބިލިއަނަރުކަމެވެ. އެހެންކަމުން އެއީ ހަމަ އެންމެ ރަނގަޅު ވިސްނުން ކަމާއިމެދު ވިސްނައިލަން ޖެހެއެވެ. 

ދުނިޔޭގައި ފަޤީރު ޙާލުގައި އުޅެން ޖެހުމުން ތިއަ ކަންބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟ ޢާންމު ގޮތަކަށް ބުނާނަމަ މުއްސަނދިންނަށްވުރެ 40 އަހަރު ކުރިން ފަޤީރުން ސުވަރުގެ ވަންނާނެއެވެ. މިދައްކަނީ ދުނިޔޭގެ ކަލަންޑަރުން 40 އަހަރުގެ ވާހަކައެއް ނޫނެވެ. އާޚިރަތުގެ ކަލަންޑަރުން 40 އަހަރުގެ ވާހަކައެވެ. އެއީ ދުނިޔޭގެ ކަލަންޑަރުން ކިތައް ހާސް އަހަރުކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. 

މުހާޖިރީންގެ ތެރެއިން ފަޤީރު ބޭކަލުން މުހާޖިރީންގެތެރެއިން މުއްސަނދިންނަށްވުރެ 500 އަހަރު ކުރިން ސުވަރުގެ ވަންނާނެތެވެ. ސަބަބެއް ކަމަށް ރަސޫލް () ބަޔާން ކުރައްވަވާފައިވަނީ ﷲ ތާޢާލާ އެމީހުންނަށް ތަނަވަސްކަން ނުދެއްވަވާތީ ތަނަވަސްކަން ބޭނުންކުރި ގޮތުގެ ހިސާބު ދައްކަން ނުޖެހުމެވެ. ޒަކާތް ދެއްކިންތޯ، ޢާއިލާއަށް ޚަރަދުކުރިންތޯ، ފައިސާ ހޯދީ ހަމަ ހަލާލު ގޮތުގައިތޯ ފަދަ ސުވާލުތަކަށް ޖަވާބުދާރީވާން ފަޤީރުންނަށް ނުޖެހޭނެތީއެވެ. 

ދުނިޔޭގައި ތަނަވަސްކަން ނުދެއްވެވުމުން އެކަމާއިމެދު ކަންބޮޑުވެ ހިތާމަ ނުކުރަންވީ މިސަބަބަށްޓަކައެވެ. އާޚިރަތް ދުވަހު ސުވަރުގެ ވެއްދެވުމުގައި މިހައި ބޮޑު އިސްކަމެއް ލިބޭތީއެވެ. ޖަވާބުދާރީވާން ޖެހޭ ކަންކަން މަދުވެގެންދާތީއެވެ. 

ޢަބްދުއްރަޙްމާން ބިން އައުފް އަކީ އެންމެ ތަނަވަސް ޞަޙާބީންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭކަލެކެވެ. ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ރަސޫލް () ދެއްވެވި 10 ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. ނަމަވެސް ޢަބްދުއްރަހްމާން ބިން އަޢްފް ސުވަރުގެ ވަދެވަޑައިގަންނަވާނީ "ފިރުކިފައި" ކަމަށް ރަސޫލް () ޙަދީޘްފުޅު ކުރެއްވެވުމުން، އެއީ އެކަލޭގެފާނުގެ ތަނަވަސްކަމުގެ ބޮޑުކަމުންކަން އެނގިވަޑައިގެން ފިރުކިފައި ސުވަރުގެ ވަދެވަޑައި ނުގެން އަވަހަށް ސުވަރުގެ ވަދެވަޑައިގަތުމަށްޓަކައި އަމިއްލަފުޅު މުއްސަނދިކަން އެކުގައި ﷲ ތާޢާލާގެ މަގުގައި ޞަދަޤާތް ކުރެއްވެވި ބޭކަލެކެވެ. 

މުއްސަންޖަކަށް ވުމަކީ ސުވަރުގެއިން އެމީހަކަށް ލިބޭނެ ދަރަޖަ ދަށްވާނެ ކަމެއް ނޫނެވެ. އެމީހަކަށް ޙައްޤު ދަރަޖަ އެމީހަކަށް ލިބިގެންދާނެއެވެ. ވަދެވުން ލަސްވަނީ ހިސާބުތަކަށް ޖަވާބުދާރީވާން ޖެހޭނެތީއެވެ. ﷲ ތައާލާ ބޭނުންފުޅުވެވޮޑިގެންފިނަމަ ފަޅި ސިކުންތެއްގެ ތެރޭގައި ހުރިހާ އެންމެންގެ ހިސާބު ބައްލަވައި ނިންމަވައި ލެއްވެވުމުގެ ކުޅަދުންވަންތަކަން ލިބިވޮޑިގެންވެއެވެ. އެކަން އެގޮތަށް މެދުވެރި ކުރައްވަވާ ސަބަބެއް ކަމަށް އަހަރެން ޤަބޫލުކުރަނީ ތަނަވަސްކަން ދެއްވެވުމުން ބޭނުންކުރާ ގޮތާއިމެދު މީސްތަކުން ވަރަށް ބޮޑަށް ވިސްނައި ޖަވާބުދާރީވާން ޖެހޭނެ ކަމަށް ތައްޔާރުވެގެން ތިބުމަށް ދެއްވަވާ ވަރަށް ވަރުގަދަ "މެސެޖެއް"ގެ ގޮތުގައެވެ.

 

ބިލާލް އައްސަދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން