ހަނދުމަކޮށްދިނުމެއް!: ދާވޫދުގެފާނުގެ ދުޢާ ކުރަމުންގެންދާ މީހަކަށް ހިތްހަމަޖެހުން ލިބި، ހެޔޮ ގޮތްތައް މެދުވެރިވާތަން ފެންނާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 35ސ
ހަނދުމަކޮށްދިނުމެއް!: ދާވޫދުގެފާނުގެ ދުޢާ ކުރަމުންގެންދާ މީހަކަށް ހިތްހަމަޖެހުން ލިބި، ހެޔޮ ގޮތްތައް މެދުވެރިވާތަން ފެންނާނެ! އިން ޝާ ﷲ

ވިސްނައިލާށެވެ! އަމިއްލަ ނަފްސްދެކެ ލޯބިވާ މީހަކުނަމަ އޭނާގެ މައިންބަފައިންނާއި އަނބިދަރިންނާއި ޢާއިލާގެ މީހުން ދެކެ ލޯބިވާނެއެވެ. ސަބަބަކީ އެކަމުން ތިމާއަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމަށް އުންމީދުކުރެވޭނެތީއެވެ. 

ހަމައެފަދައިން ބައިވެރިޔާ ދެކެ ލޯބިވާނަމަ ބައިވެރިޔާގެ މައިންބަފައިންނާއި ބައިވެރިޔާގެ ޢާއިލާގެ މީހުން ދެކެ ލޯބިވާނެއެވެ. ސަބަބަކީ އެކަމުގެ ސަބަބުން ބައިވެރިޔާގެ ކިބައިން ތިމާއަށް ލޯބިލިބުން އިތުރުވާނެ ކަމަށް އުންމީދުކުރެވޭނެތީއެވެ. 

ދެން މިކިޔައިދެނީ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާ މީހާ ހެޔޮލަފާ ޞާލިހް މީހުން ދެކެ ލޯބިވުމުގެ މުހިންމުކަމެވެ. ދާވޫދުގެފާނު ކުރެއްވެވި ދުޢާއިންނެވެ. ހެޔޮލަފާ ޞާލިޙް އަޅުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވާނެކަން ޤަބޫލުކުރެވޭއިރު އެފަދަ މީހުންދެކެ އަހުރެމެންވެސް ލޯބިވުމުގެ މުހިންމު ކަމެވެ. އެކަމުގެ ސަބަބުން ތިމާއަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމުގެ އުންމީދުގައެވެ. 

ދެން ބުނެލަން އޮތީ ލޯބިވުމުގެ ތަރުތީބު އޮޅުވާލައިގެން ތިމާ އެދޭ ލޯތްބެއް ނުލިބޭނެވާހަކައެވެ. ކޮންމެ ކަމެއްވެސް ކާމިޔާބުވުން އޮތީ ތަރުތީބަކުން ކުރުމުންނެވެ. އެތަރުތީބަކީ އެކަމެއް ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތެވެ. 

މިއަދު މީހުން، މީހުންދެކެ ލޯބިވާ ސަބަބުތަކުގެ ލިސްޓުގެ އެންމެ މަތީގައި އޮންނަނީ ފައިސާވެރިކަމާއި ބާރުވެރިކަމާއި ނުފޫޒުގަދަކަމާއި އެމީހަކު ހުންނަ މަތީ މަޤާމާއި އެމީހެއްގެ ކިބައިން ތިމާއަށް ފައިދާކުރާނެ މިންވަރެވެ. 

މިފަދަ އެންމެންގެ ވިސްނުމާ ދަވޫދުގެފާނުގެ ދުޢާ މުޅިންތަފާތެވެ! 

"ހައްދަވާ ގެންގުޅުއްވާ އިލާހް އެވެ! އިނބަ ﷲ އާއި އިނބަ ﷲ ދެކެ ލޯބިވާ މީސްތަކުންދެކެ ލޯބިވުމުގެ ތައުފީގް މިއަޅާ އަށް ދެއްވަވައިފާންދޭވެ. އަދި އިނބަ ﷲ އަށް ލޯބިވުމަށް މަގުފަހިވާފަދަ ޢަމަލުތައް ކުރުމުގެ ތައުފީގް ދެއްވާފާންދޭވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާގެ އަމިއްލަ ނަފްސަށްވުރެ އަދި އަހްލުވެރިންނަށްވުރެ އަދި ފިނިފެނަށްވުރެ އިބަ ﷲ ދެކެވާ ލޯބި އިތުރުކޮށްދެއްވާފާންދޭވެ!" 

اللَّهُمَّ إِنِّي أَسْأَلُكَ حُبَّكَ وَحُبَّ مَنْ يُحِبُّكَ وَالْعَمَلَ الَّذِي يُبَلِّغُنِي حُبَّكَ اللَّهُمَّ اجْعَلْ حُبَّكَ أَحَبَّ إِلَيَّ مِنْ نَفْسِي وَأَهْلِي وَمِنْ الْمَاءِ الْبَارِدِ 

3490 سنن الترمذي كتاب الدعوات باب ما جاء في عقد التسبيح باليد

ދާވޫދުގެފާނުގެފާނު މިފަދައިން ދުޢާ ކުރެއްވެވިކަމަށް ޙަދީޘްފުޅުގައިވެއެވެ. (ތިރުމިޒީ- 3490) 

މި ޙަދީޘްފުޅުން އެނގެނީ ﷲ ތަޢާލާ ދެކެ ލޯބިވާންޖެހޭނެ މިންވަރެވެ. އެކަމަށް އެދެން ޖެހޭނެ މިންވަރެވެ. "އަދި އިބަ ﷲ އަށް ލޯބިވުމަށް މަގުފަހިވާފަދަ ޢަމަލުތައް ކުރުމުގެ ތައުފީގް ދެއްވާފާންދޭވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާގެ އަމިއްލަ ނަފްސަށްވުރެ އަދި އަހްލުވެރިންނަށްވުރެ އަދި ފިނިފެނަށްވުރެ އިބަ ﷲ ދެކެވާ ލޯބި އިތުރުކޮށްދެއްވާފާންދޭވެ!"

 

 

 

އަދިހަމަ އެހެންމެ ﷲ ތަޢާލާ ދެކެ ލޯބިވާ މީސްތަކުން ދެކެ ލޯބިވުމަކީވެސް ކުރަންޖެހޭ ކަމެއް ކަމެވެ. މުސްލިމުން އެކަކު އަނެކަކު ދެކެ ލޯބިވާންޖެހޭ މިންވަރެވެ. ލޯބިވާންވީ ﷲ ތަޢާލާ ދެކެ ލޯބިވާ މީހުންދެކެ ކަމެވެ. އެފަދަ މީހުން ދެކެ ލޯބިވުމަށް މަގުފަހިކުރައްވަވައި ދެއްވެވުން އެދިގެން ދުޢާކުރަން ޖެހޭނެ ކަމެވެ.

 

 

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

މިއަދު އޮންލައިން