ﷲ ތަޢާލާގެ ދީލަތިވަންތަކަމުގެ ބޮޑުކަން ނިކަން ދެކިބަލާށެވެ! ތިބާ ނަމާދަށް ދަނިކޮށް މަރުވުން ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ އެމީހާއަށް އެ ނަމާދުކުރިކަމުގެ ޘަވާބު ދެއްވަވާނެތެވެ. އެއީ އޭނާ ނަމާދުކުރަން ނިޔަތްގަނެ އެކަމަށް ޢަމަލުކުރަން މަސައްކަތްކުރީތީއެވެ!
ހަމަ އެއާއިއެކު ސުންނަތް އަޅުކަން ކުރަމުންދަނިކޮށް އެމީހަކަށް ކުރިމަތިވާ ޙާލަތެއްގެ ސަބަބުން އެކަން ކުރެވޭނެ ގޮތް މެދުވެރި ނުވެއްޖެނަމަވެސް އެކަން ކުރިކަމުގެ ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ
މިފަދަ ކަންކަމުން އަންގައިދެނީ ހެޔޮ ޢަމަލުތައް ކުރުންމަތީގައި ދެމިހުރުމުގެ މުހިންމުކަމެވެ. ހަމައެކަނި މިވެނިކަމެއް ކުރަން ނިޔަތް ގަތުމަކުން ނުފުދޭނެއެވެ. އެއިރުން ވާނީ ހަމައެކަނި ނިޔަތްގަތްކަމަށެވެ. މުހިންމީ ނިޔަތް ގަތުމާއިއެކު ޢަމަލުކުރަމުން ދިއުމެވެ.
މިޘާލަކަށް: އަދި ފަހުން ސުންނަތް ރޯދަތައް ހިފާނަމެވެ. މިފަދައިން ނިޔަތް ގަތުމަކުން ނުފުދެއެވެ. ނިޔަތް ގަތުމާއިއެކު އަވަހަށް ރޯދަހިފަން ފަށާށެވެ. ހަމައެފަދައިން "އަހުރެން ރޭއަޅުކަން ކުރާނަމެވެ." ހިތަށް އެރުވުމަކުން ނުފުދެއެވެ. ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ރޭއަޅުކަން ކުރަންފަށާށެވެ!
ހެޔޮކަމެއް ކުރަން އިޚްލާޞްތެރިކަމާއިއެކު ނިޔަތްގަތުމުން 1 ޘަވާބު ލިޔުއްވަވަތެވެ. އެކަން ކުރި ކަމުގެ ޘަވާބު ލިޔުއްވަވާނީ އެކަމެއް ކުރުމުންނެވެ. ބޭނުންވަނީ އިޚްލާޞްތެރި ނިޔަތާއިއެކު ހެޔޮ ޢަމަލުތައް ގިނަކުރަން ޢަމަލުން މަސައްކަތްކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން