ދަރިއަކު ދެކެ ކިތަންމެ ލޯބިވިޔަސް މައިންބަފައިންގެ މުދައު ދަރިންގެ މެދުގައި ބަހަންޖެހޭނީ ދީނުގަ އޮތް މަގުން ޢަދުލުވެރިކަމާއެކު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ދަރިއަކު ދެކެ ކިތަންމެ ލޯބިވިޔަސް މައިންބަފައިންގެ މުދައު ދަރިންގެ މެދުގައި ބަހަންޖެހޭނީ ދީނުގަ އޮތް މަގުން ޢަދުލުވެރިކަމާއެކު!

ފުރަތަމަ މިފާހަގަކޮށްލަނީ ހެޔޮލަފާ މައަކު މިހާރުވެސް ވަމުންދާ މަތިވެރި ޤުރްބާނީއެއްގެ ވާހަކައެވެ. އޭނާގެ ފިރިހެންދަރިފުޅު ކުއްލި ގޮތަކަށް ދުނިޔެ ދޫކުރީއެވެ. އެއިރު އެދަރިފުޅުގެ ތުއްތު ކުއްޖަކު އޮތެވެ. މިއަދު އެދަރިފުޅަށް 12 ވަރަކަށް އަހަރެވެ. ކުއްޖާގެ ޚަރަދުތައް ބަލަހައްޓަމުން އެގެންދަނީ އެތުއްތު ދަރިފުޅުގެ މާމަކުރާ މަސައްކަތުންނެވެ. 

ވީމާ ހެޔޮލަފާ މައިންގެ އަގު ވަޒަންކުރަންވާނެއެވެ. މަދު ނަމަވެސް މައަކު ކުރާ ނުބައި ކަމަކުން މައިން ބަދުނާމުކޮށް ވާހަކަދައްކައިގެންނުވާނެއެވެ. ގިނަވާނީ ދަރިން ދެކެ ވަރަށް ބޮޑަށް ލޯބިވާ މައިންކަމަށްވާތީއެވެ. 

ބައެއް މައިންބަފައިން އެމީހުންގެ މުދައު ވަކިދަރިއަކަށް ދިނުމަކީވެސް ކުރިމަތިވަމުން އަންނަ މައްސަލައެކެވެ. އެއީވެސް މަދުބައަކުކުރާ ކަމެކެވެ. 

ބައެއް މައިންބަފައިން ދުނިޔޭގައި ތިބެ އެމީހުންގެ މުދައު އެމީހުން ރުހޭ ދަރިއަކަށް ނުވަތަ ރުހޭ ދަރިންނަށް ދީ އެހެން ދަރިން ބާކީ ކުރުމަކީ އިސްލާމް ދީނުގައި އެކަން ކުރަން އޮތްގޮތެއް ނޫނެވެ. މުދައު ބަހަންވާނީ ނުވަތަ ދޭންވާނީ ހުރިހާ ދަރީންގެ މެދުގައި ޢަދުލުވެރިކޮށެވެ. ބައިއަޅަންޖެހޭނީ ދީނުގައި އޮތްމަގުންނެވެ. މިއީ ޙަދީޘްފުޅުން ޘާބިތުވާ ކަމެކެވެ. 

މުދަލަކީ ﷲ ތަޢާލާ ޙަވާލުކުރައްވަވާ އަމާނާތެކެވެ. މުދަލުން ޢަމަލުކުރަންވާނީ ޢަމަލުކުރަން ދީނުގައި އޮތް މަގުންނެވެ. 

ކޮންމެ ކަމެއްގައިވެސް ދަރިންގެ މެދުގައި ކަންކަން ކުރަންވާނީ ޢަދުލުވެރިކަމާއިއެކުގައެވެ. ވަކިދަރިއަކަށް ރަނގަޅުވާނެ ގޮތަށް ކަންކަން ކުރުމަކީ ޢާއިލީ ގުޅުން ކެނޑިގެންދާ ސަބަބެކެވެ. ކުދިންގެ މެދުގައި ފިތުނަވެރިކަމާއި ޙަސަދަވެރިކަން އުފެދޭ ސަބަބެކެވެ. އެފަދަ ކަންކަމަށް ފުރުޞަތު ދިނުމެއް ދީނަކު ނެތެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން