ތިމާ އެކަން ޤަބޫލުކުރާ ގޮތަކީ އެންމެ ރަނގަޅު ގޮތްކަން އެހެން މީހުންނަށް ވިސްނައިދޭން އުޅެމުން ގޮސް ތިމާގެ ޚިޔާލަށް އަނެކާ ތާއީދު ނުކުރުމުން ޒުވާބުކޮށް ހަޑިހުތުރު އެއްޗެތިކިޔާ ޙާލަތަށް ކަންކަން އެބަގެންދެއެވެ. މިއީ ވަރަށް ދެރަ ކަމެކެވެ.
މިމައްސަލަ ބޮޑަށް ކުރިމަތިވަނީ ސުންނަތް ކަންކަމުގައެވެ. ބައެއް ކަންކަމުގައި ސުންނަތުގައި އޮތީ އެންމެ ގޮތެއް ނޫނެވެ. އެތައް ގޮތެއްވެސް އެބައޮތެވެ. ޤަބޫލުކުރަންވީ ޞައްޙަ މަގުން ޘާބިތުވާ ކޮންމެ ކަމަކީވެސް ހަމަ ސުންނަތް ކަމެވެ.
ކަން އޮތީ މިފަދައިން ނަމަވެސް މިހާރަކަށް އައިސް ގިނައިން ފެންނަނީ ކޮންމެ މީހަކުވެސް ކޮންމެވެސް ފަތުވާއެއް ދެވޭތޯ އުޅޭތަނެވެ. ދީނުގެ ކޮންމެވެސް ކަމެއް އޮތް ގޮތް ބުނެދޭން އުޅޭތަނަށްވުރެ ގިނައިން ފެންނަނީވެސް ކޮންމެވެސް ކަމަކާއި ގުޅިގެން މައްސަލައެއް ނެރެގެން މީސްތަކުންގެ މެދުގައި އެކަން ފަތުރަން އުޅޭތަނެވެ. "މިވެނި ޝައިޚަކު، މިވެނި މީހަކު ނުވަތަ އެވެނި ޝައިޚަކު، އެވެނި މީހަކު ބުނީ މިހެން،" ކިޔައިގެން ވާހަކަތައް ފަތުރަން އުޅޭތަނެވެ.
ޝައިޚުންގެ ވާހަކަފުޅު ތަފާތުވެދާނެއެވެ. އެއީ ބައެއް ކަންކަމުގައި ޢަމަލުކުރަންވީ ގޮތުގެ ގިނަ ޙަދީޘްފުޅުތަކެއް ހުރުމުންނެވެ. ޞައްޙަ ކޮންމެ ޙަދީޘްފުޅެއްގައިވެސް އެއޮތީ ހަމަ ރަނގަޅަށެވެ. އެއަކު އެއްވެސް މައްސަލައެއް ނެތެވެ.
ޝައިޚުން ނަޞޭޙަތްދެއްވާނީ އެ ޝައިޚަކު ބޮޑަށް ބުރަވެވަޑައިގަންނަވާ ގޮތް ހާމަކޮށްދެއްވުމަށެވެ. އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. ޤަބޫލުކުރަންވީ ކަމަކީ ޞައްޙަ ޙަދީޘްފުޅަކުން ޙުކުމްފުޅު ނެރުއްވަވާނަމަ އެއޮތީ ހަމަ ރަނގަޅަށަ ކަމެވެ.
ވީމާ މިފަދަ މައްސަލަތަކުގައި ހިފައިގެން ދެކޮޅަށް ދުވުމުގެ ބަދަލުގައި ތިމާއަށް ކުރެވެން ހުރި ކަންކަން ކުރަން އުޅުން މާރަނގަޅުވާނެއެވެ. މަސައްކަތްކުރަންވީ ހެޔޮ ޢަމަލުކުރުން ގިނަކުރެވޭތޯއެވެ. ރަނގަޅަށް ނުއެނގޭ ޙާލު ޝައިޚުން ނުވަތަ ހެޔޮބަސްބުނާ މީހުން ކުށްވެރިކުރުމުން ވާނީ ފާފަވެރިއެވެ. ތިމާއަށް ޘަވާބުލިބޭނީ ތިމާ ހެޔޮ ޢަމަލު ކުރިވަރަކުންނެވެ.
ތަކުރާރުކޮށްލާނަމެވެ! ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ ތިމާއަށް ހެޔޮ ޢަމަލެއް ކުރެވޭތޯއެވެ! އެހެން މީހުން ކުރާ ކަންކަމާ ކުށް ހޯދަން ވަޤުތު ނަގާލުމުން ވާނީ ކުރެވޭ ފާފައަކަށެވެ! އަދި ދެބަސްވާން ނުޖެހޭ ކަންކަމުގައި ދެބަސްވެ ޚިޔާލުތަފާތުވެ ޒުވާބުކުރުމަކީވެސް ކުރެވޭ ފާފައެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން