އަހުރެމެން އެދޭ ކަންކަން އެދޭ ގޮތަށް ހިންމަވައި ނުދެއްވެވުމުން ގިނަ ބައަކު ކަންބޮޑުވެއެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅާއިމެދު ސުވާލު އުފައްދައެވެ. ބައެއް ފަހަރު ދިރިއުޅުން މަތިން މާޔޫސްވެސްވެއެވެ.
މިޘާލަކަށް ބޭނުންވި މީހާ ބައިވެރިއަކަށް ނުލިބުމުން ޒަވާޖީ ޙަޔާތްމަތިން ފޫހިވެއެވެ. ބޭނުންވި ވަޒީފާ ނުލިބުމުން ދިރިއުޅެން މަސައްކަތްކުރުންމަތިން ފޫހިވެއެވެ. މިފަދަ އެތައް ކަމެކެވެ. އެފަދައިން ވިސްނޭ މީހުންނަށް ތިރީގައިވާ ލިޔުމުން ކަމުގެ ޙަޤީޤަތް އެނގިލައްވާނެއެވެ. އިން ޝާ ﷲ
ﷲ ތަޢާލާގެ އޯގާވަންތަކަން-
އައްޝައިޚް ޢަބްދުއްރަޙްމާނު ބުން ނާޞިރު އައްސިޢްދީ رحمه الله ވިދާޅުވިއެވެ.
"ދުނިޔަވީ ކަންކަމުގެ ތެރެއިން ކަމެއް އެއީ، އޭނާ އެ އެދޭ މަޤުޞަދަށް ވާސިލުކޮށްދޭ ކަމެއްގެ ގޮތުގައި އަޅަކަށް ހީވެދާނެއެވެ. އެހެނަސް އެއީ އޭނާއަށް ގެއްލުން ހުރި ކަމެއްކަން، ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާތީ އަދި އޭނާއަށް ފައިދާ ހުރި ކަންކަމުން އެކަން އޭނާ ދުރުހެލިކުރުވާނޭކަން އެއިލާހު މޮޅަށް ދެނެވޮޑިގެންވާތީ، އެއިލާހު އޭނާ އެކަމުން އެއްކިބާކުރައްވައެވެ. އެއީ އަޅާއަށް، ﷲ ތަޢާލާގެ ޙަޟްރަތުންވާ އޯގާތެރިކަމުގެ ތެރެއިންވާ ކަމެކެވެ.
ފަހެ އެކަމަށްޓަކައި އެ އަޅާ ފަހަރުގައި ނުރުހުންތެރިވެގެން އުޅެދާނެއެވެ. އޭނާއަށް ނޭނގޭ ކަމަކީ އޭނާގެ ރައްބު، އޭނާއަށް އެކަމުގައި އޯގާތެރިވެވޮޑިގެންވެފައިވާ ކަމެވެ. އެއީ ފައިދާ ހުރި ގޮތް އިރާދަކުރައްވާފައި އޭނާއަށް ގެއްލުން ހުރި ކަންތައް އޭނާއާ އެއްކިބާ ކުރެއްވުމުގެ ޛަރީޢާއިންނެވެ.
ފަހެ މިފަދަ ކަންކަމުގައި، ﷲ ތަޢާލާގެ ނިޔާފުޅާ މެދު ރުހުމަކީ އެންމެ މަތިވެރި ދަރަޖަތަކުގެ ތެރޭގައި ލައްވާފައިވަނީ އެ ސަބަބަށްޓަކައެވެ."
"المواهب الربانية للسعدي (ص: 123)"
- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ