ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު މާފަންނު މަޖީދީމަގުގައި އަލަށް ބޭސްފިހާރައެއް ހުޅުވައިފިއެވެ. މި ބޭސްފިހާރަ ހުޅުވާފައިވަނީ މާފަންނު، ވެލިގާ ހާޑްވެއަރއާއި ޖެހިގެން ކަންމަތީގައި ހުންނަ އިމާރާތުގެ ފުރަތަމަ ދެ ފަންގިފިލާގައެވެ.
އެސްޓީއޯއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ސަރަޙައްދުގައި ފާމަސީއެއް ހުޅުވަން ނިންމާފައިވަނީ އެ ހިސާބުގައި ގިނަ ކްލިނިކްތަކެއް ހުރުމާއެކު، ޑޮކްޓަރަށް ދައްކާ ފަރާތްތަކަށް އެސްޓީއޯގެ ފާމަސީގެ ޚިދުމަތް ކްލިނިކްތަކާ ކައިރިން ލިބޭނެ ގޮތް ހަމަޖެއްސުމަށެވެ.
މި އަލަށް ހުޅުވި ފާމަސީއަކީ ޒަމާނީ ކޮންސެޕްޓެއްގެ މައްޗަށް ބިނާކޮށް ހުޅުވާފައިވާ ފާމަސީއެއްކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. މި ފާމަސީން ޚިދުމަތް ހޯދާ ފަރާތްތަކަށް ބޭހުގެ އިތުރުން، ހޮސްޕިޓަލް އަދި ގޭގައި ބޭނުންކުރުމަށް ގެންގުޅޭ މެޑިކަލް އެކުއިޕްމަންޓް، އަދި ހޯމްކެއަރ، ޕަރސަނަލް ކެއަރ ރޭންޖްގެ ވަރަށް ގިނަ ތަކެތި ލިބެން ހުންނާނެއެވެ.
ފާމަސީގެ ދެވަނަ ފަންގިފިލާ ޚާއްޞަކޮށްފައިވަނީ މެޑިކަލް އިކުއިޕްމަންޓްސްއާއި މެޑިކަލް ކޮންޒިއުމަބަލްސްގެ ތަފާތު ފަހުގެ ޒަމާނީ ޕްރޮޑަކްޓްތަކަށެވެ. މީގެ އިތުރުން، ދެވަނަ ފަންގިފިލާގައި ހޯލްސޭލް ކޯލްސޭލް ކަސްޓަމަރުންނަށް ޚާއްޞަކުރެވިފައިވާ ކައުންޓަރެއްވެސް ހުންނާނެކަމަށް އެސްޓީއޯއިން މަޢުލޫމާތު ދެއްވިއެވެ.
މި އަލަށް ހުޅުވުނު ފާމަސީ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރު 2:00 އިން ރޭގަނޑު 10:00 އަށެވެ.
މި ފާމަސީ ހުޅުވުމާއެކު، މާލޭގެ މާފަންނު ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި، އެ ސަރަޙައްދުގައި ހުރި ކްލިނިކްތަކަށް ދައްކާ ބަލިމީހުންނަށް ފަސޭހަކަމާއެކު ބޭސް ލިބުމުގެ މަގު ތަނަވަސްވެގެންދާނެކަމަށް ބެލެވެއެވެ.