ބައެއް މީހުން ވަރަށް ގިނައިން ހެޔޮ ޢަމަލުތައް ކުރެއެވެ. ނަމާދުގައި އެންމެ ކުރީ ސަފު ހޯދަންވެސް މަސައްކަތްކުރެއެވެ. މިހެން ގޮސް އެތައް އަޅުކަމެއް ކުރެއެވެ. ނަމަވެސް އެމީހުންނަށް އެމީހުން ކުރާ އެއްވެސް ކަމަކުން އެއްވެސް ފައިދާއެއް ނުކުރާނެ ތަނުގައި ޢަޛާބު ދެއްވަވައިފާނެ ސަބަބެއްވެސް އެބައޮތެވެ.
އެ ސަބަބަކީ އެކަމެއް ކުރުމުގައި ޛައްރެއްގެ މިންވަރަށް ނަމަވެސް ދެއްކުންތެރިކަން ހިމެނިފައިވާނަމައެވެ. ބުނަން ހެއްޔެވެ. 99 އިންސައްތަ އިޚްލާޞްތެރިވެފައި އެންމެ އިންސައްތައެއްގެ ދެއްކުން ތެރިކަން ހިމެނިފައިވީނަމަވެސް އެ ޢަމަލެއް ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ.
މިއީ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއްކަންތަކެވެ. މިޘާލަކަށް ތިބާ އަވަށްޓެރިންނަށް ހެޔޮކޮށް ހިތައި އެހީތެރިވެދެނީއެވެ. ތިބާގެ ނިޔަތުގައި ތިބާއަކީ ދީލަތި މީހަކުކަން މީސްތަކުންނަށް ދެއްކުން އެއްވެސް މިންވަރަކަށް ހިމެނިފައިވާނަމަ ތިބާކުރާ އެއްވެސް ޞަދަޤާތެއް ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ.
ގިނަ ހެޔޮ ޢަމަލުތަކެއް ކުރިނަމަވެސް ގިނަ ބައަކަށް ލިބޭނެ އެންމެ ބޮޑު އެއްދެރައަކީ އެމިހާގެ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރެއްވެވުމެވެ. ވީމާ އެކަންކަން ކުރަން ކުރި ބޮޑު ހޭދައާއި އުފުލަ ބުރަ ޤިޔާމަތް ދުވަހު ވެގެންދާނީ އެއްވެސް ބުރަދަނެއް ނެތް ކަންކަމަށެވެ! ވީމާ މިކަމަށް ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ.
- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން