1- އިންސާނާ ދެނެގަތުން ވާޖިބުވެގެންވާ ދީނުގެ ތިން އަޞްލަކީ ކޮބާ؟
ޖަވާބު: އިންސާނާ އޭނާގެ ވެރިފަރާތް މަޢުރިފާކޮށް ދެނެގަތުމާއި، އޭނާގެ ދީނަކީ ކޮބައިކަން މަޢުރިފާކޮށް ދެނެގަތުމާއި އޭނާގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މަޢުރިފާކޮށް ދެނެގަތުމެވެ.
2- ތިބާގެ ރައްބަކީ ކާކު؟
ޖަވާބު: އަހަރެންގެ ރައްބަކީ ﷲ އެވެ. އެއީ އެއިލާހުގެ ނިޢުމަތުން އަހަރެން ހައްދަވާ، އަހަރެންނަށް ރިޒުޤުދެއްވާ އަދި އަހަރެންގެ ހުރިހާ ކަންތައްތައް ބަލަހައްޓަވާ، އަދި ހުރިހާ ޢާލަމްތައް ބަލަހައްޓަވާ ފަރާތެވެ. އެއީ އަހަރެން އަޅުކަންކުރާ ފަރާތެވެ. އެފަރާތް ފިޔަވައި ޙައްޤުވެގެން އަޅުކަންކުރެވޭ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. މިކަމުގެ ދަލީލަކީ މާތް ﷲ ގެ ބަސްފުޅު ﭽ ﭖ ﭗ ﭘ ﭙ ﭚ ﭼ الفاتحة: ٢ އެވެ. މާނައަކީ: "އެންމެހާ ތަޢުރީފާއި ޘަނާ ޚާއްޞަވެ މިލްކުވެގެންވަނީ ޢާލަމްތައް ހައްދަވާ ބޮޑުކުރައްވާ އެތަކެތި ތަރުބިއްޔަތުކުރައްވާ އެތަކެތީގެ ވެރި ﷲ އަށެވެ." ﷲ ފިޔަވައި އެހެން ހުރިހާ އެއްޗަކީ ޢާލަމެވެ. އަދި އަހަރެންނަކީ އެޢާލަމްތަކުގެ ތެރެއިން އެކެކެވެ.
3- "ރައްބު" ގެ މާނައަކީ ކޮބާ؟
ޖަވާބު: އެއީ ވެރިފަރާތެވެ. އަޅުކަންކުރެވޭ ފަރާތެވެ. ރިޒްޤު ދެއްވާ ފަރާތެވެ. ކަންތައްތައް ބަލަހައްޓަވާ ފަރާތެވެ. އަދި އަޅުކަންކުރުން ޙައްޤުވެގެންވާ ހަމައެކަނި ފަރާތެވެ.
4- ތިބާގެ ރައްބު ތިބާއަށް އެނގެނީ ކޮންގޮތަކުން؟
ޖަވާބު: އަހަރެންގެ ރައްބު އަހަރެންނަށް އެނގެނީ އެއިލާހު (ވޮޑިގެންވާކަމު) ގެ ހެކިތަކަށާއި އެއިލާހުގެ މަޚްލޫޤުންނަށް ނަޒަރު ހިންގުމުންނެވެ. އެއިލާހުގެ އާޔަތްތަކުގެ ތެރޭގައި ރޭގަނޑާއި ދުވާލު، އިރާއި ހަނދު ހިމެނެއެވެ. އަދި އެއިލާހުގެ މަޚްލޫޤާތުތަކުގެ ތެރޭގައި ހަތް އުޑާއި ހަތް ބިމާއި، އެތަންތާގައި ވާހާ އެއްޗަކާއި އެދެމެދުގައިވާހާ އެއްޗެއް ހިމެނެއެވެ. މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
"ރޭގަނޑާއި ދުވާލާއި، އިރާއި، ހަނދަކީ، އެއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާތަކެއްޗެވެ. ތިޔަބައިމީހުން އިރަށްވިޔަސް އަދި ހަނދަށްވިޔަސް ސަޖިދަ ނުކުރާށެވެ! އަދި އެތަކެތި ހެއްދެވި ﷲ އަށް ސަޖިދަކުރާށެވެ! (އެއީ) ހަމައެކަނި އެއިލާހަށް ތިޔަބައިމީހުން އަޅުކަންކުރާ ކަމުގައިވާނަމައެވެ."
އަދިވެސް މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން، ތިޔަބައިމީހުންގެ ރައްބަކީ، ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި ﷲއެވެ. އެއަށްފަހު، އެކަލާނގެ ޢަރުޝިއަށް އިސްތަވާވެވޮޑިގެންނެވިއެވެ. އެއިލާހު ދުވާލުގެމައްޗަށް ރޭގަނޑު ގެންނަވައި ނިވާކުރައްވައެވެ. (ފޮރުވާލައްވައެވެ). (އެއިން ކޮންމެ އެއްޗެއް) އަވަސްކަމާއެކު (އަނެކައްޗަށް) އެދިގަނެއެވެ. (ޔަޢުނީ: ރޭގަނޑު އަވަސްކަމާއެކު ދުވާލަށް އެދިގަނެއެވެ.) އަދި އިރާއި، ހަނދާއި، ތަރިތައް، އިއިލާހުގެ އަމުރުފުޅަށް ކިޔަމަންވެގެންވެއެވެ. ދަންނާށެވެ! އެންމެހާ ތަކެތި ހެއްދެވުމާއި އެންމެހާ އަމުރެއް (އަދި ޙުކުމެއް) ޚާއްޞަވެ މިލްކުވެވޮޑިގެންވަނީ ހަމަ އެއިލާހަށެވެ. ﷲ ބަރަކާތްތެރިވެވޮޑިގެންވެއެވެ. އެއީ ޢާލަމްތަކުގެ ވެރި ރައްބެވެ."
- ޝައިޚް މުޙައްމަދު ޝާފިޢު