ފުރަތަމަވެސް ވިސްނައިލާށެވެ! ތިބާ ފަތިހާ ތެދުވެ ތިބާގެ ނިތްކުރި ތަޅުމުގައި ޖައްސައި ސަޖިދަކުރީއެވެ. (ނަމާދުކުރީއެވެ.) ސަޖިދައިގައި އޮވެ ތިބާގެ ވެރި ރައްބުލްޢާލަމީންގެ ޙަޟްރަތުގައި ތިބާ ދަންނަވަން ބޭނުންވާ ހުރިހާ ވާހަކަތަކެއް ދެންނެވީއެވެ! ދެން ނިކަން ބުނެބަލާށެވެ! ތިބާއަށް އެދުވަހު މަދުވާނީ ކޮންކަމެއް ހެއްޔެވެ؟
ލޮބުވެތި އެކުވެރިންނޭވެ! ތިބާ ނަމާދުނުކުރާނަމަ ހަމައެކަނި ފާފަވެރިވަނީއެއްވެސް ނޫނެވެ. ދުނިޔެއިން ތިބާއަށް ލިބެންހުރި ނިޢުމަތްތައްވެސް ގެއްލިގެނަދަނީއެވެ. ވީމާ އާޚިރަތުގެ އިތުރުން ދުނިޔެއިން ލިބެންހުރި ނިޢުމަތްތައްވެސް ތިއަ ނަގައިލަނީ އަމިއްލައަށް ނޫން ހެއްޔެވެ؟
ލޮބުވެތި އެކުވެރިންނޭވެ! ފަތިސްނަމާދުން ދުވަސްފަށާށެވެ! ފުރަތަމަ ކުރާ ސަޖިދައަކީ ފަތިސްނަމާދުގެ އިހު ސުންނަތުގެ ސަޖިދަކަމަށް ހަދާށެވެ! އާޚިރަތުގެ އިތުރުން ދުނިޔޭގައިވެސް ތިބާއަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އުފަލުގައި އުޅެވޭނެތެވެ. އިން ޝާ ﷲ
އާނއެކެވެ! މެންދުރުނަމާދަށް ގޮސް ވަޤުތު ޖެހުމުގެ ކުރިން ފަތިސްނަމާދު ޤަޟާކުރިޔަސް ފުދިދާނެއެވެ. ނަމަވެސް އެއީ ﷲ ތަޢާލާގެ ރަޙްމަތަށް އެދޭމީހާ ކަންތައްކުރަން އޮތް ގޮތެއް ނޫނެވެ. ފަތިސްނަމާދަށް ހޭލަން މަސައްކަތްކުރުމުންވެސް ނުހޭލެވިއްޖެނަމަ ހޭލެވުނުހައި އަވަހަކަށް ފުރަތަމަ ކަމަކަށް ފަތިސްނަމާދުގެ އިހުސުންނަތާއި ފަތިސްނަމާދުކުރާށެވެ! ކިޔަމަންތެރި އަޅުންގެ ގޮތަކީ އެއީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން