ކީރިތި ޤުރްއާން ހިތުދަސްކުރުން ފަސޭހަވުން އެދި ކުރާނެ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
ކީރިތި ޤުރްއާން ހިތުދަސްކުރުން ފަސޭހަވުން އެދި ކުރާނެ ދުޢާއެއް!

ކީރިތި ޤުރްއާން ހިތުދަސްކުރަން އެންމެންވެސް ބޭނުންވާނެއެވެ. ނަމަވެސް އިހްމާލްވެވެނީއެވެ. އެއީ މާބުރަ ކަމެއް ކަމަށް ވިސްނި ތިމާއަށް އެކަން ނުކުރެވޭނެކަން ޤަބޫލުކުރެވޭތީއެވެ. ނަމަވެސް އެއީ އެގޮތަށް ނިންމައި ދޫކޮށްލަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ދުނިޔޭގައި ހުރިހާ ދުވަހަކު އެކަމަށް މަސައްކަތްކުރަން ޖެހޭނެ ކަމެކެވެ.  

ދުނިޔޭގައިވާ ހުރިހާ ފޮތްތަކަށް ބެލިނަމަވެސް ހުރިހާ ދީންތަކެއްގެ މައިފޮތްތަކުގެ ތެރެއިން ކީރިތި ޤުރްއާނަށް ލިބިގެންވާ ޚާއްޞަ މަތިވެރިކަމެއް އެބައޮތެވެ. ސަބަބަކީ ދުނިޔޭގެ އެންމެ ގިނަ ބައަކު ހިތުދަސް އެފަދަ ފޮތަކީ ކީރިތި ޤުރްޢާންކަމަށްވުމެވެ.  

ހަމައެއާއިއެކު ދެން ބުނެލަން އޮތީ އެހެންދީންތަކުގެ އެތައް ސަތޭކަ، އެތައް ހާސް، އެތައް މިލިއަން މީހުންނާއި ބައްދަލުވިއިރުވެސް އެމީހުންގެ ދީނުގެ މައިފޮތް އެކުގައި ހިތުދަސް ހަމައެކަކާއިވެސް ބައްދަލުވެފައެއް ނެތެވެ. ނަމަވެސް ކީރިތި ޤުރްއާން ހިތުދަސް ތުއްތު ކުދިންގެ ޢަދަދު އެކަނިވެސް މިލިއަނުން ގުނައިލެވޭނެއެވެ. އިން ޝާ ﷲ  

ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ އެއްވެސް މީހަކަށް ނުކުރެވޭނެ ކަމެއް ނޫނެވެ. އެއީ އެކަމަށް އެދިގެން މަސައްކަތްކުރި ކޮންމެ މީހަކަށްވެސް ކުރެވެންއޮތް ކަމެކެވެ. ބޭނުންވަނީ ޢަޒުމާއި ހިތްވަރެވެ. އެކަމަށް ކަންނެތްނުވެ މަސައްކަތުގައި ޘާބިތުކަމާއިއެކު ދެމިހުރުމެވެ.  

ފާހަގަކޮށްލާނަމެވެ. ކީރިތި ޤުރްއާން ހިތުދަސްކުރަން މަސައްކަތްކުރާކަށް ވަކި ޢުމުރެއް ނެތެވެ. ޢުމުރުން ކިތަންމެ ދޮށިވެފައިހުރިނަމަވެސް މަސައްކަތްކުރާށެވެ! މިފަދަ ދުޢާތައް ކުރުމާއިއެކުގައެވެ.  

الّلهُمَّ أَعِنِّى  عَلَى حِفْظِ كِتَابِكَ

ޔާ ﷲ! އިބައިލާހުގެ ފޮތް ހިތުދަސް ކުރުމަށް މިއަޅާ އަށް އެހީތެރިވެ

ވޮޑިގަންނަވާނދޭވެ! 

ކީރިތި ޤުރްއާން ހިތުދަސްކުރުމުން އެމީހަކަށް ދުނިޔޭގައިވެސް މަތިވެރިކަން ދެއްވަވައެވެ! އެމީހެއްގެ ޙިމާޔަތުގައި މަލާއިކަތުން ލައްވަވާކަން އެއީ ކޮންފަދަ ބޮޑު ނިޢުމަތެއްހެއްޔެވެ؟  

ކީރިތި ޤުރްއާން ހިތުދަސްކުރެވުމުން އެމީހަކަށް އަހަރެމެން މިކިޔަނީ ހާފިޡް ނުވަތަ ޙާފިޡާއެވެ. އެބަހގެ މާނައަކީ ކީރިތި ޤުރްއާން ޙިމާޔަތްކޮށްގެންހުރިމީހާއެވެ. ކީރިތި ޤުރްއާން ހިތުދަސްކުރެވުމުން އެފޮތް ޙިމާޔަތްކޮށްގެން ހުރި މީހާކަމަށް އެވަނީ އެމީހާގެ ހިތުގައި އެފޮތް ރައްކައުތެރިކުރެވިފައިވާތީއެވެ.  

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ކީރިތި ޤުރްއާނަކީ ޛިކުރެއްކަމުގަ އާއި އެފޮތް އެކަލާނގެ ޙިމާޔަތްކުރައްވަވާނެކަމަށެވެ. އެހެންކަމުން ކީރިތި ޤުރްއާން ހިތުދަސްކޮށްގެން ހުންނަ މީހާ، ރަނގަޅު ގޮތުގައި އަމަލުތައް ބަހައްޓަމުން ގެންދާނަމަ އެމީހަކަށް ﷲ ތަޢާލާ ޙިމާޔަތްކަން ދެއްވަވާނެތެވެ! އިން ޝާ ﷲ  

ކީރިތި ޤުރްއާން ހިތުދަސްކޮށްގެން ހުންނަ މީހާ ރަނގަޅުގޮތުގައި އަމަލުތައް ބަހައްޓައި އެކަމުގެ މަސްއޫލިއްޔަތު އަދާކުރާނަމަ އެމީހާގެ ހިމާޔަތުގައި ﷲ ތަޢާލާ ޚާޞަ "ޓީމެއް" (މަލާއިކަތުން) ލައްވަވަތެވެ. އެއީ އޭނާ ﷲ ތަޢާލާގެ ބަސްފުޅުތައް ޙިމާޔަތްކޮށްގެން ހުރީތީއެވެ!  

ތިމާގެ ޢުމުރަށް ނުބަލާށެވެ! ކީރިތި ޤުރްއާން ހިތުދަސްކުރަން ހިތުލައި ކޮންމެ ދުވަހަކު އެންމެ އާޔަތެއް ނަމަވެސް ހިތުދަސްކުރަން މަސައްކަތްކުރާށެވެ! ކުޅަދާނަކަން ހުރިނަމަ އިތުރުކުރާށެވެ. ﷲ ތަޢާލާ ނިޢްމަތް މިންވަރުކުރައްވަވަނީ ތިމާގެ ނިޔަތާއި އެކަމަށް އެދިގެން ކުރާ މަސައްކަތަށެވެ! ތިބާގެ ނަން ކީރިތި ޤުރްއާން ހިތުދަސްކުރި މީހުންގެ ލިސްޓުގައި ލިޔުއްވިގެންވުމަށް އުންމީދުކުރާށެވެ!  

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން