ޝައިޠާނާ އެންމެ ލޯބިވާ މީހުންނާ އެންމެ ރުޅިއަންނަ މީހުންގެ ކިބައިން ފެންނާނެ ބައެއް ސިފަތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 36ސ
ޝައިޠާނާ އެންމެ ލޯބިވާ މީހުންނާ އެންމެ ރުޅިއަންނަ މީހުންގެ ކިބައިން ފެންނާނެ ބައެއް ސިފަތައް-

ދުނިޔޭގައި ތިމާއަށް އުޅެވޭ ގޮތާއިމެދު ނުވިސްނައި ހުރެގެން ހުރެގެން ސަލާމަތެއް ނުވެވޭނެއެވެ. ހަމައެކަނި އާޚިރަތެއްވެސް ނޫނެވެ. އެމީހަކަށް ދުނިޔެވެސް ނުލިބޭނެއެވެ. އަބަދުވެސް އޮންނާނީ ތަކްލީފްތައް އުފުލަންޖެހިފައެވެ. އަދި އަމިއްލައަށް ލިބިގަންނަ ބޮޑެތި ބަލިތަކުގައި އުޅެންޖެހިފައިވާ މީހުންވެސް އަންނަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. 

ވީމާ ތިމާއަށް އުޅެވޭ ގޮތް ބެލުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެކެވެ. މިކަންކަން ބެލުމަށް ނަފްސް ޙިސާބުކުރުން ކަމަށްވެސް ކިޔައެވެ. އެކަން ނުކުރެވޭނަމަ ތިމާއަށް މިހުރެވޭ ޙާލަތެއް ނުއެނގޭނެއެވެ. 

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ޝައިޠާނާއަކީ މީސްތަކުންގެ މައްޗަށްހުރި ބޮޑުވެގެންވާ ޢަދާވާތްތެރިއެއް ކަމަށެވެ. އިބިލީހަށް ހުރީ ނަރަކައިގެ އެންމެ ގަދަފަދަ ޢަޛާބުކަމަށެވެ. އަދި އިބިލީހާއި ބައިވެރިވެ އިބިލީހަށް ތަބަޢަވީ މީހުންނަށްވެސްމެއެވެ. 

ވީއިރު އިބިލީސް އެންމެ ލޯބިވާ މީހުންގެ ތެރޭގައި ހިމެނިއްޖެނަމަ އެމީހާގެ ޙާލާއިމެދު ވިސްނައިލާށެވެ! އެމީހަކަށްހުރީ ނަރަކައިގެ ގަދަފަދަ ޢަޛާބުކަން މިއޮތީ އެނގޭށެވެ. އެނގި ޔަޤީންވާށެވެ! 

ހަމައެއާއިއެކު އިބިލީސް އެންމެ ނަފްރަތުކުރާނީ ﷲ ތަޢާލާގެ މަގުގައި ސާބިތުވާ މީޙުންނަށެވެ! އުފަދަ މީހުންނަށް ހުރީ އެތަނެއްގެ ދަށުން ފެންއާރުތައް ހިނގަހިނގާ ހުންނަ ނިޢްމަތްތަކުން ފުރިގެންވާ ސުވަރުގެއެވެ. މިއީ ކޮންމެ މުސްލިމަކުވެސް ހިތުގެ އަޑިން ޤަބޫލުކުރާ ކަންކަމެވެ. 

ރަސޫލް () އަށްފަހު އިބިލީސް އެންމެ ރުޅިއަންނަ މީހުންގެ ތެރޭގައި 15 ބާވަތެއްގެ މީހުން ހިމެނެއެވެ. އެމީހުންނަކީ: 

1 ﷲ އަށް ބިރުވެތިވެ ފާހިޝް އަމަލުތައް ނުކުރާ ޒުވާނުން

2 ލިބިފައިވާ ޢިލްމަށް އަމަލުކުރާ މީހުންނާއި ޝައްކު އުފެދޭ ކަންކަމުން ދުރުހެލިވެ ތިބޭ މީހުން

3 ހިނައި ޠާހިރުވެ ވުޟޫމަތީގައި ތިބޭ މީހުން

4 އަތްމަތި ދަތިވި ނަމަވެސް ފުއްދާލައި، ސަލާން ނުޖަހައި ދިރިއުޅޭ މީހުން

5 ﷲ އަށް ޝުކުރުވެރިވެ ޞަދަޤާތްކޮށް ޒަކާތް ދައްކާ މީހުން

6 އިސްލާމް ދީނާއިމެދު ޝައްކު އުފެދޭ އެއްވެސް ކަމެއް ނުކޮށް ދުރުހެލިވެގެން ތިބޭ މީހުން

7 ތަޖްވީދުމަގުން، މާނައަށް ވިސްނައިގެން ކީރިތި ޤްރްއާން ކިޔަވާ މީހުން

8 ވަގުތަށް ބަންގި ގޮވާ އިމާމުން

9 ހެޔޮ ނަޞޭޙަތް ދޭ މީހުންނާއި ކަންކަން އިސްލާމްދީނުގައިވާ މަގުން އިޞްލާޙްކުރަން މަސައްކަތްކުރާ މީހުން

10 ﷲ ޙަރާމް ކުރެއްވެވި ތަކެތި ނުކައި ނުބޯ މީހުން

11 ﷲ އަށް ވަކީލްކޮށް އިތުބާރުކުރާ މީހުން

12 ފަޤީރުންނަށް އެހީވާ މީހުން

13 އަވަދި ނެތި އަޅުކަން ކުރާ މީހުން (މީގެތެރޭގައި ޤަވާއިދުން ނަމާދުކުރާ މީހުންނާއި ގިނަގިނައިން އަޅުކަން ކުރާ މީހުން ހިމެނެއެވެ.)

14 ކީރިތި ޤްރްޢާނާއި ސުންނަތުގައި ބަޔާން ވެގެންވާ ގޮތަށް މެނުވީ އެއްވެސް ކަމެއް ނުކުރާ މީހުން

15 ކީރިތި ޤްރްއާނާއި ސުންނަތުގައި ކަމެއް ކުރަން ބަޔާންވެގެންވާނަމަ ކޮންމެ ގޮތަކުން ނަމަވެސް އެކަމެއް ކުރާ މީހުން

 

އިބިލީސް އެންމެ ލޯބިވާ ރަޙްމަތްތެރިންގެ ތެރޭގައި 10 ބާވަތެއްގެ މީހުން ހިމެނެއެވެ. އެއީ: 

1 ޢަދުލަށް ޙުކުމް ނުކުރާ ފަނޑިޔާރުން

2 ޖައްބާރު މުއްސަނދިން

3 ވިޔަފާރީގައި މަކަރުހަދާ މީހުން

4 ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން

5 ރަޙިމުގެ ގުޅުން ކަނޑާ މީހުން

6 ޚިޔާނާތްތެރި ޑީލްތައް ހަދާ މީހުން

7 މިސްކީނުންނާއި ޔަތީމުންގެ ޙައޤުތައް ފޭރިގަނެ އެތަކެތި ބޭނުންކުރާ މީހުން

8 ނަމާދަށް ފަރުވާކުޑަކުރާ މީހުން

9 ޞަދަޤާތް ނުދޭމީހުން

10 ކަންދައްކައި އިސްރާފުކުރާ މީހުން، ބޮޑާ ކިބުރުވެރިން 

ދުނިޔެއަށް ﷲ ތައާލާ ފޮނުއްވަވާ އެންމެން މަގުފުރައްދާނެކަމަށް އިބިލީސްވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވައިފައެވެ. ﷲ ތައާލާ އިބިލީހަށް ވަޙީކުރައްވަވާފައިވަނީ ﷲ ތައާލާގެ މަގުގައި ސާބިތުވާ މީހުންނަށް އިބިލީޙުގެ ބާރު ނުފޯރުވޭނެ ކަމަށެވެ. އަދި އިބިލީސް މީހަކު ލައްވައި ފާފައެއް ކުރުވި ނަމަވެސް ތައުބާވާ މީޙުންނަށް ފާފަ ފުއްސަވައި ދެއްވަވާނެ ކަމަށެވެ. މާނައަކީ ތައުބާވާ މީހުންގެ ތައުބާ ޤަބޫލުފުޅު ކުރައްވަވައި ސުވަރުގެވައްދަވާނެ ކަމެވެ. ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި ﷲ ތަޢާލާ ވަނީ އެކަން ބަޔާންކުރައްވަވައިފައެވެ.   

ﷲ ތަޢާލާ މިވަނީ އަހަރެމެންނަށް އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ.  މިބަޔާންކުރި މީހުންގެތެރެއިން އެމީހަކު ބޭނުން ކޮންމެ ބައެއްގައިވެސް ހިމެނިދާނެއެވެ. އިބިލީސް އެންމެ ލޯބިވާ މީހުންގެތެރޭގައިވެސް ހިމެނިދާނެއެވެ. އަދި އިބިލީސް އެންމެ ރުޅިއަންނަ މީޙުންގެ ތެރޭގައިވެސް ހުރެވިދާނެއެވެ. އެ އިޚްތިޔާރު ﷲ ތަޢާލާ ވަނީ ކޮންމެ މީހަކަށްވެސް ދެއްވަވައިފައެވެ. އެނގޭ ކަމަކީ އިބިލީހުގެ މިތުރަކަށް ވެއްޖެ ނަމަ ދާންޖެހޭނީ ނަރަކައަށް ކަމެވެ. އަދި ސުވަރުގެ ލިބޭނީ އިބިލީސް އެންމެ ރުޅިއަންނަ މީހުންގެ ތެރޭގައި ހިމެނިގެން ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން