ތިމާގެ ރީތިކަން ދައްކައިގެން ކުރާ ކައިވެނިތައް އަވަހަށް ރޫޅުން ގާތްވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ތިމާގެ ރީތިކަން ދައްކައިގެން ކުރާ ކައިވެނިތައް އަވަހަށް ރޫޅުން ގާތްވާނެ!

ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ދެއްވަވާފައިވަނީ ތަފާތު ސިފައެކެވެ. އެގޮތުން ބައެއް މީހުންނަށް ދެއްވަވާ ސިފަ ގިނަ ބައަކަށް ވަރަށް ރީތިވެދާނެއެވެ. އެހެންވެ އޭނާގެ ވަށައިގެން ގިނަ ބައަކު އެނބުރެން ފަށާނެއެވެ. އެހިސާބުން ތިމާއަކީ ރީތި މީހެއްކަން އެމީހަކަށް ޤަބޫލުކުރެވެއެވެ. 

ދެން އޭނާ މަސައްކަތް ފަށަނީ އޭނާގެ ރީތިކަން ދައްކައިގެން ޙަޔާތަށް ބައިވެރިއަކު ހޯދުމަށެވެ. ގިނަ މީހުން އެކަމުގައި ކާމިޔާބުވެސް ކުރެއެވެ. އޭނާ ގުޅެން ބޭނުންވާ މީހަކާއި ކައިވެނިވެސް ކުރެއެވެ.  

މައްސަލަތައް އުފެދެނީ ކައިވެނިކުރުމަށްފަހުވެސް ތިމާގެ ރީތިކަން ހަތިޔާރަކަށް ހަދައިގެން ދިރިއުޅެން މަސައްކަތްކުރީމައެވެ. ބައިވެރިޔާ ޢަމަލީ ގޮތުން އަދާކުރަންޖެހޭ ވާޖިބުތަކާއި ޒިންމާތައް އަދާނުކުރާނަމައެވެ. އެހިސާބުން އަނބިމީހާ ނަމަވެސް އަދި ފިރިމީހާ ނަމަވެސް ބައިވެރިޔާ ދެކެ ފޫހިވާންފަށާނެއެވެ. އެހެންވެ ކަންކަން މަޑުމަޑުން ގޯހުން ޣޯހަށް ދަމުން ގޮސް ދާދި އަވަހަށް އޮންނަނީ ކައިވެނި ރޫޅިފައެވެ.  

މީގެ އަނެއްކޮޅުވެސް އެބަ އޮތެވެ. ސިފަ ހުތުރަސް ބައިވެރިޔާ ނަގަންޖެހޭނެ ޒިންމާތައް ނަގައި އުފުލަންޖެހޭ މަސްއޫލިއްޔަތު އުފުލާނަމަ ބައިވެރިޔާއަށް ދާނީ އޭނާގެ ބައިވެރިޔާގެ ސިފަ ރީތިވަމުންނެވެ. އެއްގޮތަކަށްވެސް އޭނާއާއި ވަކިވާކަށް ބޭނުމެއްވެސް ނުވާނެއެވެ.  

މިކަންކަމަކީ ކޮންމެ ދެމަފިރިއަކުވެސް ވިސްނައިލުން ވަރަށް މުހިންމު ކަންކަމެވެ. އަދި ކީއްހެއްޔެވެ؟ އެމީހެއް ޒިންމާ ރަނގަޅު ގޮތުގައި އުފުލައިގެން ދިރިއުޅެން މަސައްކަތްކުރުމަކީ ﷲ ތަޢާލާ އަންގަވާފައި އޮތް ގޮތެވެ. ވީމާ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅެން މަސައްކަތްކުރަނިކޮށް ދެރަ ގޮތަކަށް ކަންކަން މެދުވެރިވެއްޖަނަމަ މާއުފާވެރި ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން