ޝިރުކުގެ ބަސްފަދައިން އެއްގޮތަކަށްވެސް ދުލުން ބުނެގެން ނުވާނެ ބަސްތައް ހުރެއެވެ. މީހެއްގެ ދުލުން ބުނެވޭނެ އެންމެ ނުބައިކަން ބޮޑު އެއް ބަހަކީ "ﷲ ތިމަންނާއަށް، ނުވތަ އެހެން މީހަކަށްވިޔަސް ޢަފޫ ނުކުރައްވަވާނެ" ކަމަށް ބުނެވޭ ބަހެވެ. ރަޙްމަތް ނުލައްވަވާނެ ކަމަށް ބުނުމާ ނުދިންނަވާނެ ކަމަށް ބުނުން ފަދަ ބަސްތަކެވެ.
މިބުނާ ބަހުގެ ދަލީލަކީ ހާމައަށް ފާފަކުރަމުން ދިއަ މީހަކާއި ދިމާއަށް އަޅުވެރިއަކަށް އެފަދަ ބަހެއް ބުނެވިގެން އަޅުވެރިޔާ ނަރަކައަށް އަދި ފާފަކުރަމުން އައި މީހާ ސުވަރުގެ ވެއްދެވިކަން ޙަދީޘްފުޅުން އެނގެން އެބައޮތްކަމެވެ.
ރަނގަޅަށް ހަނދާނުގައި ބަހައްޓާށެވެ. މިބަޔާންކުރި ޙދީޘްފުޅު މާނަކުރަންވާނީ އެއިގެ އަޞްލާއިއެއްގޮތަށެވެ. އެއީ އެއްވެސް ޙާލެއްގައި އަޅުކަންކުރާ މީހުން ނަރަކައަށް ވައްދަވާފައި ފާފަކުރާ މީހުން ސުވަރުގެ ވެއްދެވުމެއް ނޫނެވެ. އެއިގެ މާނައަކީ ﷲ ތަޢާލާ އެއްވެސް ކަމެއް ނިންމަވާނެ ގޮތް ތިމާއަށް އެނގޭކަމަށް ބުނުމުގެ ހުރި ނުބައިކަން ބޮޑުކަމެވެ.
މިސާލަކަށް ތިމަންނާގެ ފާފަތައް ފުއްސަވައެއް ނުދެއްވަވާނެތޭ، ކަލޭގެ ފާފަތައް ފުއްސަވައި ނުދެއްވަވާނެތޭ، މިވެނި މީހެއްގެ ފާފަތައް ފުއްސަވައި ނުދެއްވަވާނެތޭ ބުނެވޭނީ ﷲ ތަޢާލާ އެމީހަކާއިމެދު ނިންމަވާނެ ގޮތް އެނގޭނަމަ ނޫންހެއްޔެވެ؟ އެއީ ހަމަ އެއްވެސް މީހަކަށް އެނގޭނެ ކަމެއް ނޫނެވެ. އެކަލާނގެއީ ދީލަތިވަންތަކަން ބޮޑުކަމުން ދުޢާކުރުމުން ތަޤްދީރު ބަދަލުކުރައްވަވާ ރަސްކަލާނގެއެވެ.
ވީމާ ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ތިމަންނާގެ ފާފަތައް ފުއްސަވައި ނުދެއްވަވާނެ ކަމަށް ނުބުނާށެވެ. އަދި އެގޮތަސް ނުދެކޭށެވެ. ތިބާއަށް ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ތިބާ ނަރަކައަށް އެއްލައިލެވޭ ސަބަބަކީ އެފާފަތައް ކަމުގައި ނުވެ ﷲ ތަޢާލާ އާއިމެދު ބުނެވުނު އެ ނުބައިބަސް ކަމުގައި ވެދާނެ ކަމަށް ބިރުވެތިވާށެވެ!
ޔަޤީންކުރަންވީ މިއާޔަތެވެ.:
"ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސް ތަކުގެ މައްޗަށް ފާފައިން އިސްރާފްކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމް ވަންތަ ރަސްކަލާނގެއެވެ."
މިއާޔަތުގައި ވަޙީ ކުރައްވަވާފައި އެވަނީ "ތިމަން ރަސްކަލާނގެ އަޅުތަކުން" މިފަދައިންނެވެ. ތިބާއަކީވެސް ﷲ ތަޢާލާގެ އަޅެކެވެ. ".. އެއުރެންގެ އަމިއްލަ ނަފްސް ތަކުގެ މައްޗަށް ފާފައިން އިސްރާފްކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ." މިފަދައިން ވަޙީކުރައްވަވާފައި އޮތުމުން އެނގިގެންދަނީ ތައުބާވުމުން ކޮންމެ އަޅެއްގެވެސް ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާނެ ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން