އިންޔެ މާލެއަށް ކުރި ވިއްސާރައިގައި ފެންގަނޑު ހިނދުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވަނީ ޕަމްޕްތައް ބަރާބަރަށް މަސައްކަތް ކުރިނަމަވެސް ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ވިއްސާރައިގައި މާލެއަށް އިއްޔެ ކުޑަވަގުތުކޮޅެއްގެތެރޭގައި ބޯކޮށް ވާރޭވެހި ފެންބޮޑުވިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މާލޭގައި ހުރި ޕަމްޕްތައް ބަރާބަރަށް މަސައްކަތް ކުރިނަމަވެސް ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންގަނޑު ހިނދުމުގައި ގޮންޖެހުންތަކެއް ދިމާވިކަމަށެވެ.
މާލޭގެ އިތުރަށް ރަށްރަށަށް އެކި ވަރުގެ ގެއްލުންތައް ލިބުނުކަން ފާހަގަކުރައްވާ ވަޒީރު ވަނީ ބޭރު ތޮށި ހަލާކުވެފައި ހުރި ރަށްރަށަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމަށް ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ މިފަދަ މައްސަލަތައް ދިމާވަނީ ދުރަށް ވިސްނާނުލާ ކަންކަން ކުރުމުގެ ސަބަބުންކަމަށެވެ.
"ވާރޭވެހުމުން ރަށްރަށުގައި ނަރުދަމާގެ މައްސަލަތައް ވަރަށް ބޮޑަށް ކުރިމަތިވޭ. މިކަންވާ ގޮތަކީ ރަށްރަށުގައި ނަރުދަމާގެ މަސައްކަތްތައް ފަރުދީގޮތުންނާއި ސަރުކާރުގެ ތެރެއިން މިކަން ކުރެވޭއިރުވެސް ދުރު މުސްތަޤުބަލަކަށް ވިސްނާލުމެއްނެތި ކުރެވިފައި ހުރުމުން," ވަޒީރު ވިދާޅުވިއެވެ.
މިއީ ދެތިން ދުވަހުން ހައްލުވާނެ މައްސަލަތަކެއް ނޫންކަމަށާއި މިފަދަ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުން އަލަށް ފަށާ މަޝްރޫޢުތަކުގައިވެސް ދުރު މުސްތަޤުބަލަށް ވިސްނުމަށްފަހު މަޝްރޫޢުތައް ކުރިއަށްގެންދަވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.