ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމުކުރުމަށް ދޫކުރަން ނިންމާފައިވާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ލޯނު ސްކީމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަ އަންގާރަ ދުވަހު އެސްޑީއެފްސީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާނެ ކަމަށެވެ. މީގެ ކުރިން މި ލޯނު ސްކީމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، ކުރީގެ ދައުރުގައި 39 ފަރާތަކުން ލޯނަށް އެދި ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރެއިން 19 ފަރާތެއް ޝަރުތު ހަމަވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޝަރުތުހަމަވާ ފަރާތްތަކާއެކު އެގްރީމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް ކަމަށާއި، އެގްރީމަންޓްގައި ސޮއިކުރާ ހިސާބުން ފެށިގެން ލޯނު ދޫކުރަމުން ގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި ފަހަރު ލޯނަށް ހުޅުވާލާއިރު އިތުރު ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ. އޭގެ ތެރޭގައި އަލަށް ބަންނަ ދޯނިތަކުގައިވެސް އާރްއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހިމެނެއެވެ.
އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ މި ލޯނުގެ ދަށުން ރަހުނަކާ ނުލައި 100،000 ރުފިޔާއިން ފެށިގެން 2،000،000 ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ. މި ލޯނު ސްކީމަކީ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، މަސްވެރިންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.