ވިއްސާރައިގައި މާލޭގެ 36 ގޭބީސީއަކުން 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ވިއްސާރައިގައި މާލޭގެ 36 ގޭބީސީއަކުން 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ގޭތެރެއަށް ފެން ވަނުމާ ގުޅިގެން 36 ގޭބީސީއަކުން 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ. މިކަން ހާމަކޮށްދެއްވީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންނެވެ.

އެންޑީއެމްއޭއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މާލޭގައި ފެންބޮޑުވެގެން އެކި އެހީތަކަށް އެދި 774 ތަނަކުން ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރެއިން ވެލިބަސްތާ ޖެހުމަށް އެދި 554 ރިކުއެސްޓް ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ. އަދި 53 ގެއެއްގެ ރެޕިޑް އެސެސްމެންޓް ހަދާފައިވާ ކަމަށާއި، 36 ގޭބިސީގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ފޯރުކޮށްދެވިފައިވާ ކަމަށްވެސް އެންޑީއެމްއޭއިން ހާމަކުރެއްވިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ އެހެން ރަށްތަކަށްވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. ރ. އިނގުރައިދޫއަށާއި ށ. މަރޮށްޓަށް އުދައަރައިގެން ގެއްލުން ލިބިފައިވާއިރު، ފ. ނިލަންދޫގައި 80% އަށްވުރެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެފައިވެއޑުވެފައިވެއެވެ. ދ. ކުޑަހުވަދޫ އަދި ދ. މީދޫގައި 10 ވަރަކަށް ގެއަށް ގެއްލުން ލިބިފައިވާއިރު، ފ. މަގޫދޫގައި 9 ގެއަކަށް ގެއްލުން ލިބި، 1 ގެއިން މީހުން ހުސްކުރަން ޖެހިފައިވެއެވެ. މީގެ އިތުރުން އދ. މާމިގިލީގައި 4 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ކ. ގުރައިދޫގައި 60 ގެއަށް އެކި ވަރުގެ ގެއްލުން ލިބިފައިވެއެވެ.

މާލޭގައި ފެންބޮޑުވެގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި މާލޭ ސިޓީ ކައުންސިލް، ފުލުހުންނާއި ސިފައިން، އަދި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނާއި ސްކައުޓުން ބައިވެރިވެފައިވާ ކަމަށް އެންޑީއެމްއޭއިން ފާހަގަކުރެއްވިއެވެ.

އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި 142.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަން ފާހަގަކޮށްލެވެއެވެ. މޫސުން ގޯސްވެފައިވާ މި ދުވަސްވަރު ރައްޔިތުން ސަމާލުވުމަށާއި، އިތުރު އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކުން އެންޑީއެމްއޭއާ ގުޅުމަށް އެ އޮތޯރިޓީން އިލްތިމާސްކުރައްވައެވެ.

މިއަދު އޮންލައިން