ޢުމުރާވުމަށްފަހު ބޮޑަށް ސަމާލުވާތި!: ކައިވެނިކުރުމަށްފަހު ބޭވަފާތެރިވެ ޚިޔާނާތްތެރިވުމަކީ ކުރާ ހެޔޮ ޢަމަލުތައް ޤަބޫލުފުޅު ނުކުރައްވަވައިފާނެ ކަމުގެ ބިރު އޮތްކަމެއް!: ޝައިޚް މުޙައްމަދު ބާޖައުރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 2ސ
ޢުމުރާވުމަށްފަހު ބޮޑަށް ސަމާލުވާތި!: ކައިވެނިކުރުމަށްފަހު ބޭވަފާތެރިވެ ޚިޔާނާތްތެރިވުމަކީ ކުރާ ހެޔޮ ޢަމަލުތައް ޤަބޫލުފުޅު ނުކުރައްވަވައިފާނެ ކަމުގެ ބިރު އޮތްކަމެއް!: ޝައިޚް މުޙައްމަދު ބާޖައުރު

މާތް ﷲ ގެ ހެޔޮ ރަޙްމަތް ފުޅުން ދިވެހީންގެ ގިނަ ބައަކަށް ޑިސެމްބަރު މަހު ޢުމުރާވުމުގެ ހެޔޮ ނަޞީބު ލިބިއްޖެއެވެ. ވަރަށް ގިނަ ދެމަފިރިން އެކުގައިވެސް ޢުމްރާވިއެވެ. މިއީ ﷲ ތަޢަލާއަށް ޙަމްދުކޮށް އުފާކުރަންޖެހޭ ކަމެކެވެ. 

ޙައްޖު ކިޔޫ މިހައި ދިގުވެފައިވާއިރު ތަނަވަސްކަން ހުރިނަމަވެސް ޙައްޖުވުމަކީ އެހައި ފަސޭހައިން ކުރެވެން އޮތް ކަމެއް ނޫނެވެ. އެހެންކަމުން ވެވުނު ޢުމުރާ މަތީގައި ހުންނަން ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ. 

އަދިވެސް ޢުމުރާ ދަރުރެއް ކުރަން އުންމީދުކޮށްގެން އެކަމަށް މަސައްކަތްކުރުމަކީ ހެޔޮކަންބޮޑު ކަމެކެވެ. ނަމަވެސް ފާފަކޮށްލާފައި ޢުމުރާއަށް ގޮސް ދުޢާކޮށްލީމާ ނިމޭނެ ކަމަށް ބަލައިގެން ފާފަކުރަން ހެޔޮނުވާނެއެވެ. ސަބަބަކީ ޢުމުރުވިނަމަވެސް އެކަމުގެ ފައިދާ ކުރާނީ އެޢަމަލު ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވައިފިނަމަ ކަމަށްވާތީއެވެ. ވީމާ އަބަދުވެސް ހުންނަންވާނީ ﷲ ތަޢާލާއަށް ބިރުވެތިވުން މަތީގައެވެ. 

އަދި ޢުމްރާ ނުވެވުނަސް އެމީހަކު ކުރާ ހެޔޮ ޢަމަލުތައް ގެއްލިގެންދާކަށް ހަމައެކަކުވެސް ބޭނުމެއް ނުވާނެއެވެ. އެހެންކަމުން ތިރީގައިވާ ލިޔުމުގައި ޝައިޚް ބަޔާންކުރައްވަވާ ކަންކަމަށް ފަރުވާތެރިވާން އެބަޖެހެއެވެ. މިކަން މިހައި ބޮޑުކަމެއްގެ ގޮތުގައި ފާހަގަކުރަން ޖެހޭ ސަބަބަކީ ދެމަފިރިން އެކަކު އަނެކަކަށް ޚިޔާނާތްތެރިވުމަކީ ބިރެއް ނެތިކުރާ ކަމަކަށްހަދާފައި އޮތުމުންނެވެ. 

ޝައިޚްގެ ބަސްފުޅު: 

މިއަދު އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ އެމީހުންކުރާ ފާފަ ބޭޒާރުނުވާނެކަމުގެ ޔަޤީންކަން އޮތް ނަމަ ފާފަތަކަށް އަރައިގަންނަން ޖެހިލުންވާ ބައެއް ނޫނެވެ. ބައިވެރިޔާއަށް ނުއެނގޭނެކަމުގެ ޔަޤީންކަން އޮތްނަމަ އޭނާއަށް ބޭވަފާތެރިވާން ޖެހިލުންވާ ބައެއް ނޫނެވެ. އަދި ބައެއް މީހުން އެފަދަ ކަންކަން ކުރަނީ ބައިވެރިޔާއަށް އެނގި މައްސލަ ޖެހި ކައިވެނި ރޫޅުމަކީވެސް މައްސަލައެއް ނޫންކަމަށްވެސް ބަލައިގެންނެވެ. 

މިކަން ޢާންމުވަމުން އައިސް ބައެއް ކުދިންނަކީ އެމީހުންގެ މައިންބަފައިން ފެންނަން ނެތްނަމަ ކޮންމެކަމެއް ކުރަންވެސް ޖެހިލުންވާ ބައެއް ނޫނެވެ. 

މިހިޙާލަތަށް ކަންކަން ގޮސްފައިވާއިރު ވިސްނައިލަން ޖެހޭނެ ކަންކަން އެބަހުއްޓެވެ. އެގޮތުން ބަލައިފިނަމަ އަޅުކަންކުރުމަކީ ދަތި އުނދަގޫ ކަމެއް ނޫނެވެ. އުނދަގޫ ކަމަކަށް މިވަނީ ކުރާ އަޅުކަން ރައްކައުތެރިކަމާއިއެކު ﷲ ތަޢާލާގެ ޙަޟްރަތަށް އަޅުކަމުގެ ގޮތުގައި ގެންދިއުމެވެ. 

ޙަދީޘްފުޅުގައި އޮތީ ޤިޔާމަތް ދުވަހުން ބޮޑެތި ފަރުބަދަތައްހައި ގިނައިން ހެޔޮ ޢަމަލުތައް ހިފައިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދާނެ ބައަކު އުޅޭނެ ކަމަށާއި އެމީހުން ކުރި އެއްވެސް ހެޔޮކަމެއް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ ބައަކުވާނެ ކަމަށެވެ. އެއިގެ ތެރެއިން އެއްބައަކީ އެކަނިވާހިނދު ﷲ ތަޢާލާއަށް ބިރެއް ނެތި ފާފަކުރި މީހުން ކަމަށެވެ. 

ކިތަންމެ ގިނައިން އަޅުކަންކޮށްފައިވީނަމަވެސް އެމީހަކު އެކަނިވާހިނދު ﷲ ތަޢާލާއަށް ބިރުވެތިނުވެ ފާފަކުރާ މީހާ ކުރި އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެކަން އެނގެން މިއޮތީއެވެ. ވީމާ ތިމާ ކުރި ފާފަ މީސްތަކުންނަށް ފަޅާނޭރުމަކީ އެއްވެސް ކާމިޔާބީއެއް ނޫނެވެ. އެހެނީ އޭނާ ކުރި ފާފަ ކުރިކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. އެހެންކަމަށްވާއިރު އޭނާ ކުރި އަޅުކަން ކިތަންމެ ގިނަ ނަމަވެސް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވައިފާނެ ކަމުގެ ބިރަކީ އަދި މާބޮޑު ބިރެކެވެ. އެއަށްވުރެ ބޮޑު ބިރެއް ނެތެއް ނޫންހެއްޔެވެ؟ 

އަހުރެން ވަރަށް ކެރިހުރެގެން ބުނާނަމެވެ. ދެމަފިރިން އެކަކު އަނެކަކަށް މަކަރުހަދައި ބޭވަފާތެރިވާނަމަ މި ޙަދީޘްފުޅުގެ ތެރޭގައި ހިމެނިގެންދާނެއެވެ. އެހެނީ އޭނާގެ ހިތަކު ﷲ ތަޢާލާއަށް އެއްވެސް މިންވަރަކަށް ބިރުވެތިކަމެއް ނުވެއެވެ. 

އަދި ރިޝަވަތުދޭ މީހުންނާއި ރިޝަވަތު ހިފާ މީހުންވެސް މި ޙަދީޘްފުޅުގައިވާ މީހުންގެ ތެރޭގައި ހިމެނިގެންވެއެވެ. 

މީސްތަކުންނޭވެ! ތިބާ ކުރާ ފާފަ އަނެކާއަށް ނުއެނގޭތީ، ފަޅާނާރާތީ ފާފަކުރަން ބިރުވެތި ނުވުމަކީ މިހާބޮޑު ނުރައްކައުތެރިކަން ހިމެނިގެންވާ ކަމެކެވެ. ވީމާ ސަމާލުކަންދޭށެވެ. ތިބާ ދުނިޔޭގައި ހުރެ ކުރި ހެޔޮޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވައިފިނަމަ ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟

 

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން

މިއަދު އޮންލައިން