ޢާއިޝަތު ރަފާޙް ޢަލީ
އިރުއެރުމުން އާމްދަނީ ހޯދަން މަސައްކަތްކުރާ ފަދައިން ރޭގަނޑުވުމުން ނދުމުގެ ކުރިން ކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ނަމަވެސް ގިނަބއަކަށް އެކަންކަމަށް އިހްމާލްވެވޭކަން އެއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ.
ތިރީގައިވާ ލިޔުމަށް ބައްލަވާށެވެ! ޢަމަލުކުރެވުނު އެންމެ ބޮޑަށް ޢަމަލުކުރާށެވެ! ހުރިހާ ސޫރަތެއް ނުކިޔެވޭނަމަ ކިޔެވުނު ވަރަކަށް ނަމަވެސް ކިޔަވަން މަސައްކަތްކުރާށެވެ!
މާތް ﷲ ގެ ކަލާމްފުޅު ކީރިތި ގުރްއާން ގިނަގިނައިން ކިޔެވުމަކީ މާތްކަމެކެވެ. މަތިވެރިކަން ލިބޭނެ ކަމެކެވެ. އެކަލާނގެ ހަޟްރަތުގައި ގަދަރު އުފުލި ސުވަރުގޭގައި މަތީ ދަރަޖަ ހާސިލްކުރެވޭނެ ކަމެކެވެ. ކިޔަވާ ކޮންމެ އަކުރަކަށް 10 އަޖުރު ދެއްވާނެ ކަމެކެވެ. ހިތުގައި ނޫރު ލެއްވި އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނެ ކަމެކެވ. މާއްދީ ގޮތުންނާއި ރޫހާނީ ގޮތުން ޖެހޭ ތަފާތު ބަލިތަކަށް ޝިފާ ލިބޭނެ ކަމެކެވެ. ޢާއްމުކޮސް ގިނަގިނައިން ގުރްއާން ކިޔެވުމަށް ބާރު އެޅިފައި ވުމާއެކު ޚާއްސަކޮށް ވަކި އާޔަތްތަކާއި ސޫރަތްތައް ރެއާއި ދުވާލުގައި ކިޔުން މޮޅުއިތުރު ވެގެން ވާކަމަށް އައިސްފައިވެެެއެވެ. މިގޮތުން ރެއާއި ދުވާލު ޚައްސަކޮށް ކިޔުމަށް ވާރިދުވެފައިވާ އާޔަތްތަކާއި ސޫރަތްތަކުގެ ތެރޭގައި:
ސަޖިދަ ސޫރަތާއި މުލްކު ސޫރަތް
ޖާބިރު ރަޟިޔަ ﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ.
"أنَّ النَّبيَّ صلَّى اللَّهُ عليهِ وسلَّمَ كانَ لا ينامُ حتَّى يقرأَ {الم تَنْزِيلُ} و{تَبَارَكَ الَّذِي بِيَدِهِ الملْكُ}"
(أحمد والترمذي صححه الالباني وشعيب الارنؤوط)
މާނައީ: "ހަމަކަށަވަރުން ނަބިއްޔާ ޞައްލަ ﷲ އަލައިހި ވަސައްލަމް الم تنزيل (އެބަހީ: ސަޖިދަ ސޫރަތާއި) تبارك الذي بيده الملك (އެބަހީ: މުލްކު ސޫރަތް) ކިޔެވުމަށް ދާންދެން އަވަހާރަފުޅު ނުލައްޕަވައެވެ."
އެބަހީ އެކަލޭގެފާނުގެ އާދަފުޅަކީ މި ދެ ސޫރަތް ނިދުމުގެ ކުރީން ކިޔުއްވުމެވެ. ނިދުމުގެ ކުރީން ވަކި ވަގުތެއްގައި މި ސޫރަތް ކިޔެވުމަށް ސައްހަ ހަދީޘެއް އައިސްފައެއް ނުވެއެވެ. ސައްހަ ނޫން ބައެއް ޙަދީޘްތަކުގައި މަޢްރިބް ނަމާދާއި ޢިޝާ ނަމާދާއި ދެމެދުގައި ކިޔެވުމަށް އައިސްފައިވެއެވެ. އެހެންނަމަވެސް ނިދުމުގެ ކުރީން ރޭގަނޑުގެ ކޮންމެ ވަގުތަކުވެސް މި ދެ ސޫރަތް ކިޔެވިދާނެއެވެ. އަދި މުލްކު ސޫރަތް ކިޔެވުމަކީ ކަށްވަޅުގެ އަޛާބުން ދުރުކޮސްދޭނެ ކަމެކެވެ. ކަމސް އަދި ބައެއް ރިވާޔަތްތަކުގައި ވާގޮތުން ރޭގަނޑު ކިޔެވުން މޮޅުއިތުރު ކަމުގައި ޢަބްދުﷲ ބުން މަސްޢޫދު ރަޟިޔަ ﷲ ޢަންހުގެ ބަސްފުޅެއްގައި އައިސްފައިވެއެވެ.
އިސްރާ ސޫރަތާއި ޒުމަރް ސޫރަތް
ޢާއިޝާ ރަޟިޔަ ﷲ ޢަންހާ ވިދާޅުވިއެވެ.
"قالَت عائشةُ رضِيَ اللَّهُ عنها : كانَ النَّبيُّ صلَّى اللَّهُ عليهِ وسلَّمَ لا ينامُ حتَّى يقرأَ الزُّمَرَ وبني إسرائيلَ".
(أحمد والترمذي صححه الالباني في الصحيحة)
މާނައީ:" ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް، ޒުމަރު ސޫރަތާއި ބަނޫ އިސްރާއީލް ސޫރަތް (އެބަހީ: އިސްރާ ސޫރަތް) ކިޔެވުމަށް ދާންދެން އަވަހާރަފުޅު ނުލައްޕަވައެވެ."
އިޚްލާސް ފަލަގް އަދި ނާސް ސޫރަތް
"ކޮންމެ ރެއަކު ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެނދުކޮޅުގައި އޮށޯވެވަޑައިގެންފިނަމަ، ދެ އަތްތިލަ ޖަމަޢަކުރައްވާ قُلْ هُوَ ٱللَّهُ أَحَدٌ ﴿١﴾ އަދި قُلْ أَعُوذُ بِرَبِّ ٱلْفَلَقِ ﴿١﴾ ވިދާޅުވެ، އަތަށް ފުމެލައްވައެވެ. އަދި ބޯފުޅާއި މޫނުފުޅުން ފެށިގެން އަތްޕުޅުން ބީއްސެވޭ ހުރިހާ ހިސާބެއްގައި އަތްޕުޅު ބީއްސަވައެވެ. މިގޮތަށް ތިން ފަހަރު ކަންތައް ކުރައްވައެވެ."
އާޔަތުލް ކުރުސި
އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހު އާއި ބައްދަލުވެ ވަޑައިގެންނެވި ޒަކާތުގެ މުދަލުން ވައްކަން ކުރި ޝައިތާނާގެ ވާހަކަ ބަޔާންވެފައިވާ ޙަދީޘްގައި އައިސްފައިވެއެވެ. ތިންވަނަ ރޭ ވައްކަން ކުރަން އެމީހާ އައުމުން އަބޫ ހުރައިރާ އެމީހަކު ހިފެހެއްޓުމަށްފަހު ދެން ދޫކޮށްނުލެވޭނެކަން ވިދާޅުވުމުން އެމީހަކު ބުންޏެވެ. "އެ ކަލިމައަކުން ﷲ ތިބާއަށް މަންފާކުރާނެ ކަލިމައެއް ތިމަންނަ އުނގަންނާދެނަމެވެ. ތިމަންނަ ދޫކޮސްލާށެވެ. އެހިނދު ކޮން ކަލިމައެއްތޯ ސުވާލު ކުރެއްވުމުން އެމީހަކު ބުންޏެވެ. "ނިދުމަށްޓަކައި އެނދުގައި އޮށޯވެއްޖެނަމަ އާޔަތުލް ކުރްސި ނިމެންދެން ކިޔަވާށެވެ.! އޭރުން ތިބާ ރައްކާތެރި ކުރައްވާނެ މަލާއިކަތަކު ﷲ ލައްވާނެއެވެ. އަދި ފަތިސް ވަންދެން އެއްވެސް ޝައިތާނަކަށް ތިބާއާއި ކައިރިއެއް ނުވެވޭނެއެވެ." ދެން އަބޫ ހުރައިރާ އެމީހާ ދޫކޮސްލެއްވިއެވެ. ހެނދުނު ރަސޫލާ ސައްލަ ﷲ ޢަލައިހި ވަސައްލަމް ގެ އަރިހަށް ވަޑައިގެން އެ ޚަބަރު ދެއްވުމުން އެކަކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. " އޭނާއަކީ ދޮގުވެރިއެއް ނަމަވެސް އެ ހެދީ ތެދެކެވެ.އަދި އެމީހަކީ ޝައިތާނެއް ކަމުގައި އެކަލޭގެފާނު ބަޔާންކޮށްދެއްވިއެވެ. "
ބަގަރާ ސޫރަތުގެ ފަހު 2 އާޔަތް
އަބޫ މަސްޢޫދުލް ބަދްރީ ރަޟިޔަ ﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. «مَنْ قَرَأَ بِالْآيَتَيْنِ مِنْ آخِرِ سُورَةِ الْبَقَرَةِ فِي لَيْلَةٍ كَفَتَاهُ»، މާނައީ:" ބަޤަރާ ސޫރަތުގެ 2 އާޔަތް ރޭގަނޑެއްގައި ކިޔަވައިފި މީހަކަށް ފުދިގެންވެއެވެ." رواه البخارى
ޢިލްމުވެރީން ބަޔާން ކުރައްވާ ގޮތުގައި ފުދިގެންވުމުގެ މާނައަކީ ރޭއަޅުކަމުގެޘަވާބާއި ދަރުމަލިބުމެވެ. އަދި އެއީ ޝައިތާނުންނާއި އެހެނިހެންވެސް ގެއްލުންދޭ ތަކެތީން ރައްކާތެރިވުމަށް މި 2 އާޔަތް ފުދދިގެންވުމެވެ
އާލްޢިމްރާން ސޫރަތުގެ ފަހު 10 އާޔަތް
އިމާމް ބުޚާރީ އާއި އިމާމް މުސްލިމް އިބްނު ޢައްބާސް ރަޟިޔަ ﷲ ޢަންހުމާގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘެއްގައވެއެވެ. ރަސޫލު ﷲ ސައްލަ ﷲަ ޢަލައިހި ވަސައްލަމް މައިމޫނާ ރަޟިޔަ ﷲ ޢަންހާ ގެ ގެކޮޅުގައި އަވަހާރަފުޅު ލެއްޕެވި ރެއެއްގައި އެކަލޭގެފާނު ދަންވަރު ހެފފުޅު ލެއްވުމަށް ފަހު މޫނުފުޅުން އަވަހާރަފުޅު ލެއްޕެވުމުގެ އަސަރުތައް އަތުން ފުއްސެވުމަށްފަހު އާލް ޢިމްރާން ސޫރަތުގެ ފަހު 10 އާޔަތް ކިޔަވާ ވިދާޅުވިއެވެ.
ބަޔާންވެދިޔަ ސޫރަތްތަކާއި އާޔަތްތަކުގެ އިތުރަށް ނިދުމުގެ ކުރީން ކާފިރޫން ސޫރަތް ކިޔެވުމަށް ބައެއް ޙަދީޘްތަކުގައި ވާރިދުވެފައިވެއެވެ. އަދި ރަސޫލާ އަވަހާރަފުޅު ލެއްޕެވުމަށް އޮށޯންނެވުމުގެ ކުރީން މުސައްބިހާތު ސޫރަތްތައް ކިޔަވާ ވިދާޅުވާކަމުގައި ބައެއް ރިވާޔަތްތަކުގައި އައިސްފައިވެއެވެ.
މުސައްބިހާތު ސޫރަތްތަކަކީ: އިސްރާ، ހަދީދް، ޙަޝްރު، ޞައްފު، ޖުމްޢަ، ތަޣާބުން ސޫރަތާއި ޢައްލާ ސޫރަތެވެ. މި ސޫރަތްތައް ކިޔެވުމަށް އައިސްފައިވާ ހަދީޘްތައް ސައްހަ ކުރެއްވުމުގައި ޢިލްމުވެރީންގެ މެދުގައި އިޚްތިލާފް އައިސްފައިވެއެވެ. މިކަން ދަނެގެން މި ސޫރަތްތައްވެސް ކިޔެވިދާނެއެވެ.