ތިމާއަށްވުރެ ތަނަވަސް ޢާއިލާތަކުގެ އަންހެނުންނާ ކައިވެނިކުރުމަކީ ގިނަ ފަހަރު ކައިވެނި ފޭލްވާ ސަބަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ތިމާއަށްވުރެ ތަނަވަސް ޢާއިލާތަކުގެ އަންހެނުންނާ ކައިވެނިކުރުމަކީ ގިނަ ފަހަރު ކައިވެނި ފޭލްވާ ސަބަބެއް!

އަނބިންގެ ޚަރަދުތައް ބޮޑުވާތީ ބައެއް ފިރިން ޝަކުވާކުރެއެވެ. އެކަމަކު މަދު މީހަކު ނޫނީ އެކަން އެގޮތަށް މެދުވެރިވާ ސަބަބާއިމެދު ވިސްނައެއް ނުލައެވެ. އެހެންވެ ރަނގަޅު ޙައްލެއް އޮންނަނީ ނުފެނިފައެވެ.  

ދިރާސާތަކުން އެނގޭ އެއް ކަމަކީ ތަނަވަސް ޢާއިލާއަކުން އައިސް ޢާއިލީ ތަނަވަސްކަން ލިބިގެން ބޮޑެތިވާ އަންހެނުންގެ ޚަރަދުތައް ބޮޑުކަމެވެ. އެއީ އެކަނބަލުންގެ ކުށެއްވެސް ނޫނެވެ. އެއީ އޭނާގެ މައިންބަފައިން އޭނާ ތަރުބިއްޔަތުކޮށްފައި ހުންނަ ގޮތުން މެދުވެރިވާ ކަމެކެވެ.  

ދެން މިދިމާވާ މައްސަލައަކީ ތަނަވަސްކުޑަ ފިރިހެނަކުދެކެ ލޯބިވެ ކައިވެނިކުރިނަމަވެސް އޭނާގެ މައިންބަފައިން އޭނާއަށް ކުރިފަދައިން ފިރިމީހާ ލައްވައިވެސް ޚަރަދުތައް ކުރުވަން ބޭނުންވަނީއެވެ. އެފެންވަރަށް ކަންކަން ކޮށްނުދެވޭނަމަ ފޫހިވަނީއެވެ. އެކުގައި އުޅެން ބޭނުންނުވަނީއެވެ. އެންމެފަހުން ކައިވެނި ރޫޅިގެންދަނީއެވެ.  

ދިރާސާތަކުން އެނގޭގޮތުގައި ތަނަވަސް ޢާއިލާއަކަށް ނިޞްބަތްވެ ތަނަވަސްކަމުގައި ބޮޑުވިނަމަ ފިރިމިހާ އާއިއެކު ދަތިޙާލުގައި ކެތްތެރިވާން މަސައްކަތްކުރަނީ ވަރަށް މަދު އަންހެނެކެވެ. އަދި އެއީ ވަރަށް އަޚްލާޤް ރަނގަޅު، ތަޤްވާވެރި އަންހެނަކަށް ނޫނީ އޭނާގެ ދިރިއުޅުމަށް ގެނެވޭނެ ބަދަލެއްވެސް ނޫނެވެ. 

މިފަދަ ހުރިހާ ކަމަކުންވެސް އެނގިގެން މިދަނީ އެއް ކަމެކެވެ. އެއީ ޙަޔާތަށް ބައިވެރިއަކު ހޯދުން އެންމެ ރަނގަޅީ ތިމާގެ ފެންވަރުން ކަމެވެ. ތިމާއަށްވުރެ މަތީފެންވަރުން ކައިވެނިކުރާނަމަ ކައިވެނީގެ ކުރިން ތިމާގެ މާލީ ޙާލަތު ބަޔާންކޮށްދީ ޚަރަދުކުރެވޭނެ މިންވަރު ހާމަކުރަންޖެހޭ ކަމެވެ. އެކަމަށް އޭނާ ރުހިޤަބޫލުވާންޖެހޭ ކަމެވެ.   

އެހެނެއް ނޫނެވެ. އަނބިމީހާގެ އަމިއްލަ ތަނަވަސްކަން ހުރެފައި ތިބާއަށްވެސް ޚަރަދުކޮށްގެން، ނުވަތަ އަނބިމީހާގެ އަމިއްލަ ޚަރަދުތައް އަމިއްލައަށް ކޮށްގެން އެކުގައި އުޅެން އެއްބަސްވާ އަންހެނަކާއި ކައިވެނިކުރުމަކީ މައްސަލައެއް ނޫނެވެ. މައްސަލަ ކުރިމަތިވަނީ ޢާއިލާ މުއްސަނދިނަމަވެސް ދަރިންނަށް އެ މުއްސަނދިކަން ޙިއްޞާނުކުރާ އަންހެނުންނާއި ކައިވެނިކުރުމުންނެވެ.  

ބައެއް ފިރިހެނުން ތަނަވަސް މީހުންގެ ދަރިންނާއި ކައިވެނިކުރަނީ އަދި ބައެއް އަންހެނުންވެސް ތަނަވަސް މީހުންގެ ދަރިންނާއި ކައިވެނިކުރަނީ ބައިވެރިޔާގެ ޢާއިލާގެ ފަރާތުން ތަނަވަސްކަން ފޯރުކޮށްދޭނެ ކަމަށް ބަލައިގެން އެކަމުގެ އުންމީދުގައެވެ. 

ނަމަވެސް ގިނަ ފަހަރު އެކަން އެހާފަސޭހައިން އެގޮތަކަށް މެދުވެރިއެއް ނުވެއެވެ. ގިނަ މައިންބަފައިން ބޭނުންވަނީ ދެމަފިރިން އަމިއްލައަށް އުޅޭތަން ދުށުމަށެވެ. ލޯބިން އެކުގައި އުޅޭތަން ފެނުމަށެވެ. މާލީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވަނީ ދެމަފިރިންނަށް އުފަލުގައި އުޅެވިދާނެކަން ޔަޤީންކުރެވުމުންނެވެ. 

ވީމާ ތިމާއަށްވުރެ ތަނަވަސް މީހަކު ބައިވެރިއަކަށް އިޚްތިޔާރުކުރާނަމަ މިކަންކަމަށް ވިސްނައިގެން ކައިވެނިކުރާށެވެ! ޚާއްޞަކޮށް ފިރިހެނުން ބޮޑަށް ވިސްނަންވާނެއެވެ. ސަބަބަކީ ކައިވެނިކުރުމަށްފަހު އަނބިމީހާގެ ކަންކަން ބެލެހެއްޓުމަކީ ފިރިމިހާގެ މަސްއޫލިއްޔަތަކަށްވާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން