އުމުރަށް އެކުގަ އުޅޭނެ ބައިވެރިއަކު ހޯދަން ބޭނުންނަމަ އެކަމަށް އޮތް އެންމެ ޔަޤީންކަން ބޮޑު ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
އުމުރަށް އެކުގަ އުޅޭނެ ބައިވެރިއަކު ހޯދަން ބޭނުންނަމަ އެކަމަށް އޮތް އެންމެ ޔަޤީންކަން ބޮޑު ގޮތް-

ކޮންމެ މީހަކުވެސް ބޭނުންވާނީ ތިމާއާއިއެކު ޢުމުރަށް ދެމިހުންނާނެ ބައިވެރިއެކެވެ. ކުޅިވަރަކަށް ކައިވެނިކުރުމަކީ ބޯހަމަޖެހޭ މީހަކު ކުރާނެ ކަމެއް ނޫނެވެ. ހެޔޮލަފާ މީހަކު ނަމަ އެކަން އެގޮތަށް ކާމިޔާބުނުކުރެވުނަސް ކޮންމެ މީހަކުވެސް ބޭނުންވާނީ އަލަތު ކައިވެނިމަތީގައި ދިރިއުޅޭށެވެ.  

ކުރާ ކައިވެނީގެ ޢަދަދުން ރެކޯޑްހަދަން ބޭނުންވާނަމަ އެއީ އަންހެނަކު ނަމަވެސް އަދި ފިރިހެނަކު ނަމަވެސް އެމީހަކުވާނީ ސިކުނޑީގައި މައްސަލައެއް ހުރި މީހަކަށެވެ. އެއީ އެހެން މީހުން ބަލައިގަންނަން ބޭނުންވާނެ ކަމަކަށް ނުވާތީއެވެ.  

ކޮންމެއަކަސް ކައިވެނި ރަނގަޅު ގޮތުގައި ދަމަހައްޓަން ބޭނުންވާނަމަ އެކަމަށް ސަމާލުކަންދޭންވީ އެންމެ ކުރިންނެވެ. ބައިވެރިއަކު އިޚުތިޔާރުކުރުމުގައެވެ. އަހުރެންނަށް ލިބިފައިވާ މަޢުލޫމާތަށްބަލައި ބުނާނަމަ ކައިވެނި ދެމެހެއްޓުމުގެ އެންމެ ބޮޑު ބާރަކީ މީހާގެ ސިފަ ރީތިވުމެއް ނޫނެވެ. މީހާގެ ރިވެތި އަޚްލާޤެވެ. ދިރިއުޅުމުގެ ހަރުދަނާ ކަމެވެ.  

އަޚްލާޤް ރަނގަޅުވެފައި ހަރުދަނާ ދިރިއުޅުމެއް އުޅެން މަސައްކަތްކުރާނަމަ އެމީހެއްގެ ފަހަތުން ލޯބި އަންނާނެއެވެ. ބައިވެރިޔާގެ ކިބައިން ލިބެންޖެހޭ ސަމާލުކަންވެސް ލިބެމުންދާނެއެވެ.  

ސިފަ ރީތިވުން ގިނަ ބައަކު ސިފަކުރަނީ ވަރަށް ލޯބިން ގެންގުޅޭ ބިއްލޫރި އުނބެއްގެ މިޘާލުގައެވެ. ކިތަންމެ ލޯބިން ގެންގުޅުނަސް ވެއްޓޭއިރަށް އޮންނާނީ ތެޅިފައެވެ. އެވަޤުތުން ފެށިގެން އެއިގެ ދުވަސްދިއައީއެވެ. އެމިޘާލު އެގޮތަށް ނަގަނީ ސިފަ އަބަދު އެއްގޮތަކަށް ނުހުންނާނެތީއެވެ. ކިތަންމެ ބަލައިގެން އުޅުނަސް ސިފައަށް ބަދަލު އަންނާނެތީއެވެ. ހަމައެކަނި ސިފައަށް ބަލައިގެން ކައިވެނިކުރިނަމަ ސިފަ ބަދަލުވާ ހިސާބުން ލޯބިވުން ނިމޭނެތީއެވެ.  

އެއިގެ ބަދަލުގައި ރިވެތި އަޚްލާޤާއި ދިރިއުޅުމުގެ ހަރުދަނާކަމަކީ އެމީހަކު ބޭނުންވާހައި ދުވަހަކު އެމީހަކާއި ވަކިނުވެ ދެމިހުންނާނެ ކަންކަމެވެ. ވީމާ ފުރަތަމަ ކަމަކަށް އެދެ ސިފަ ތިމާގެ ކިބައިގައި ހަރުލައްވާށެވެ! އަދި ތިމާ އިޚްތިޔާރުކުރާ ބައިވެރިއަކީ އެ ދެ ސިފަ އެމީހެއްގެ ކިބައިގައި ހުރި މީހަކު ކަން ޔަޤީންކުރުމަށްފަހު ކައިވެނިކުރާށެވެ! ދިރިއުޅުން ކާމިޔާބުކުރެވޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން