2024 ވަނަ އަހަރަކީ ރާއްޖެއިން އެންމެ ގިނަ ބައަކު ޢުމްރާވި އަހަރެވެ! ޑިސެމްބަރު މަހުގެ ޢުމްރާ ދަތުރު ދިއަ މީހުން މިހާރު މިވަނީ އެނބުރި އަންނަން ފަށައިފައެވެ.
މުސްލިމަކަށްވުމަށްފަހު އެންމެ ބޮޑު ސަމާލުކަމެއް ދޭން އޮތީ ނަމާދަށެވެ. އަޅާއާއި ކާފިރުކަމާއި ދެމެދުގައި އޮތީ ނަމާދުއެޅުން ކަމަށް ޙަދީޘްފުޅުގައި އޮތުމުންނެވެ. ނަމާދު ނުކުރާނަމަ އެއީ މުސްލިމެއްކަމާއިމެދު ޢިލްމުވެރިން ބަޙުސްކުރައްވަނީ އެސަބަބަށްޓަކައެވެ.
ނަމާދުކުރުމަކީ 2 ވަނަ ރުކުނެވެ. ޙައްޖުވުން އޮތީ 5 ވަނައިގައެވެ. ވީމާ ޢުމްރާވުމަށްފަހުގައިވެސް ފަރުޟް ނަމާދުތަކަށް ރައްކައުތެރިނުވެވޭނަމަ އެމީހަކު އެވަނީ ނުރައްކަލުގެ ތެރޭގައެވެ. ބުރަ އުފުލުމުގެ އިތުރުން ބޮޑު ޚަރަދުކޮށްގެން ވީޢުމްރާއިން ފައިދާ ނުކޮށްފާނެ ކަމަށްޓަކައެވެ.
ޤިޔާމަތް ދުވަހު ފުރަތަމަ ޙިސާބު ބައްލަވާނީ ނަމާދާއިމެދުގައެވެ. ވީމާ ޙައްޖާއި ޢުމްރާވެސް އަންނާނީ ނަމާދުގެ ފަހަތުންނެވެ. ފައިދާކުރާނީ ނަމާދު ފުރިހަމަވެއްޖެކަމުގައިވާނަމަ ކަމަށްވާތީއެވެ.
މިފަދަ އެތައް ސަބަބުތަކެއް އޮތުމުން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހެނީ ނަމާދަށެވެ. ކުރިން މިބުނި ފަދައިން ޢުމްރާވުމުގެ ފައިދާވެސް ކުރަންއޮތީ ފުރިހަމައަށް ނަމާދުކޮށްގެން ކަމަށްވާތީއެވެ. ވީމާ ޢުމްރާވުމަށްފަހުގައި ނަމާދުތަކަށް ރައްކައުތެރިވާން އިތުރަށް މަސައްކަތްކުރާށެވެ! ފިރިހެނުން ނަމާދުގެ ޖަމާޢަތުގަ ކުރަން މަސައްކަތްކުރާށެވެ! އަންހެނުން ވަޤުތުގެ އެންމެ ކުރީކޮޅުގައި ނަމާދުކުރާށެވެ! އަދި ކޮންމެ ނަމާދެއްވެސް އެނަމާދުގެ ވަޤުތުގައި ކުރަންވާނެއެވެ.
އެއިގެ އިތުރުން ރަވާތިބް ސުންނަތްތަކަށް ރައްކައުތެރިވާށެވެ! ޟުޙާ ނަމާދާއި ވިތުރި އަދި ރޭއަޅުކަން ކުރަން މަސައްކަތްކުރާށެވެ! ޢުމުރާ ވެވުމުން ލިބުނު ފައިދާ ހެޔޮގޮތުގައި ދަމަހައްޓަން މަސައްކަތްކުރުމަކީ އެއީއެވެ. ކުރިއަށްވުރެ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ.