ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށް، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި 7 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އޮޕަރޭޝަންގައި ބިދޭސީ 4 އަންހެނަކާއި 3 ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ. އަދި މި މައްސަލަތައް އިތުރަށް ތަޙްޤީޤު ކުރުމަށްފަހު، މީގެތެރެއިން 2 އަންހެނަކު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މިހާރު ޑީޕޯޓުކޮށްފައިވާ ކަމަށާއި، ބާކީ 5 ބިދޭސީން ޑިޕޯޓުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން، ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ފާހަގަކުރެއްވިއެވެ. މިގޮތުން، ރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިހާތަނަށް 5000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައިވާ ކަމަށްވެސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިއެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ހަރަކާތެއް ހިންގަމުންދާ ކަމަށާއި، މިހާތަނަށް 50 ރަށެއްގައި މި އޮޕަރޭޝަންގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި މިހާތަނަށް 18,919 ބިދޭސީންގެ ބަޔޯމެޓްރިކް މައުލޫމާތު އެއްކޮށްފައިވާ ކަމަށާއި، މި މަސައްކައި، މި މަސައްކަތް ރާއްޖޭގެ 194 ރަށެއްގައި ފަށާފައިވާ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއްވިއެވެ.