ޗައިނާއިން ފެންނަމުންދަނީ މޫސުމީ ރޯގާއެއް: އެޗްޕީއޭ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޗައިނާއިން ފެންނަމުންދަނީ މޫސުމީ ރޯގާއެއް: އެޗްޕީއޭ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެފައިވާ ގޮތުގައި ޗައިނާއިން މިހާރު ފެންނަމުންދަނީ މޫސުމީ ރޯގާއެކެވެ. މި މަޢުލޫމާތު އެޗްޕީއޭއިން ހާމަކުރެއްވީ ޗައިނާގައި ނޭވާލާ ނިޒާމުގެ ބަލިތައް އާދަޔާ ޚިލާފަށް އިތުރުވެ، އިމަރޖެންސީ ހާލަތު އިޢުލާނުކޮށްފައިވާ ކަމަށް ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ މެދުވެރިކޮށް ޗައިނާގެ ބަލިތަކާ ބެހޭ އިދާރާ، ސީ.ޑީ.ސީއާ ހަވާލާދީ އެޗްޕީއޭއިން ވިދާޅުވެފައިވަނީ، ޗައިނާގެ އެކި ހިސާބުތަކުގައި ނޮވެމްބަރު މަހުގެ 2 ވަނަ ހަފްތާއިން ފެށިގެން ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް، މިދިޔަ އަހަރާ އަޅާބަލާއިރު މި މޫސުމުގައި ނޭވާލާ ނިޒާމުގެ ބަލިތައް ފެންނަ މިންވަރާއި، ބަލީގައި ބޮޑުވަރުވާ މީހުންގެ ނިސްބަތް މަދުކަން ތަފާސްހިސާބުތަކުން ފާހަގަކުރެވޭ ކަމަށް އެޗްޕީއޭއިން ވިދާޅުވެފައިވެއެވެ.

އެޗްޕީއޭއިން އިތުރަށް ވިދާޅުވެފައިވަނީ، ފިނިމޫސުމާ ދިމާކޮށް އާންމުގޮތެއްގައިވެސް ޗައިނާ ހިމެނޭހެން އެހެން ޤައުމުތަކުގައި ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވާ ކަމަށެވެ. އަދި މިއަހަރުގެ ހާލަތާ ގުޅިގެން އެ ޤައުމުގައި އެމަޖެންސީއެއް އިޢުލާނުކޮށްފައި ނުވާ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެފައިވެއެވެ.

މި ދުވަސްވަރު ޗައިނާއިން އެންމެ ގިނައިން ފެންނަމުންދަނީ އިންފްލުއެންޒާ ކަމަށާއި، މީގެ އިތުރުން ނޭވާލާ ނިޒާމުގެ އެހެން ބަލިތައްވެސް ފެތުރެމުންދާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާ ހަވާލާދީ އެޗްޕީއޭއިން ވިދާޅުވެފައިވެއެވެ. އަދި ޗައިނާގެ ހާލަތު މޮނިޓަރ ކުރަމުންދާ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން