ފާމަސީތަކަށް ބޭސް ގަތުމަށް ދިޔުމުން އަމިއްލަ އަތުން ފައިސާ ދައްކަންޖެހޭނަމަ ނުވަތަ އާސަންދައިން ބޭސް ލިބެން ނެތްނަމަ އެކަން ރިޕޯޓްކުރުމަށް އާސަންދަ ކުންފުނިން އެދިއްޖެއެވެ.
އާސަންދައިން މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެމުން ބުނެފައިވަނީ، މިފަދަ ހާލަތްތަކުގައި ވައިބަރ މެދުވެރިކޮށް 7591400 ނަންބަރަށް ޝަކުވާ ހުށަހެޅުމަށެވެ. އަދި ޝަކުވާ ހުށަހަޅާއިރު ބޭހުގެ ނަމާއި، ބޭސް ސިޓީ އަދި ރަސީދު ފޮނުވުމަށް އެދިފައިވެއެވެ.
މިފަދަ ފިޔަވަޅެއް އަޅަން ޖެހުނު ސަބަބެއްގެ ގޮތުގައި އާސަންދައިން ފާހަގަކޮށްފައިވަނީ، ފަހަކަށް އައިސް 250 ވައްތަރެއްގެ ބޭސް އަގު ބޮޑުކޮށްގެން ވިއްކަމުންދާތީ، އެ ބޭސްތަކަށް އާސަންދައިން ދޫކުރާ އަދަދު ކޮންޓްރޯލްކުރަން ޖެހުނު ކަމަށެވެ. މިކަމުގެ ސަބަބުން ބައެއް ބޭސްތައް އާސަންދައިން ލިބުން ހުއްޓިގެން ގޮސްފައިވާ ކަމަށް އާސަންދައިން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އާންމުންގެ ފަރާތުން ބޮޑެތި ޝަކުވާތަކެއް އަންނަމުންދާކަން ފާހަގަކުރެވެއެވެ. ގިނަ ބަޔަކު ޝަކުވާކުރަމުންދަނީ ބައެއް ބޭސްތައް އާސަންދައިގެ ތެރެއިން ނުލިބޭ ކަމަށެވެ.
އާސަންދައިން މި އިލްތިމާސް ކޮށްފައިވަނީ، ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށާއި، އާސަންދަ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި ކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ބޭސް ލިބުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ، އަވަސް ހައްލެއް ހޯދުމަށް މަގުފަހިވާނެ ކަމަށް އުއްމީދުކުރެވެއެވެ.