ގުޅީގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާގުޅޭގޮތުން ރައީސް މަޝްވަރާކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
ގުޅީގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާގުޅޭގޮތުން ރައީސް މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ އަތޮޅު ގުޅިއަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ގުޅިއަށް ވަޑައިގަތީ މިއަދު ހަވީރުއެވެ. އެމަނިކުފާނު ވަޑައިގަތުމުން ރަށުގެ ބަނދަރު ސަރަޙައްދުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދަންނަވާ، ސަލާމްކުރެއްވުމަށް ރަށުގެ ގިނަ ބަޔަކު ބަނދަރު ސަރަޙައްދަށް ވަނީ އެއްވެފައެވެ.

މީގެއިތުރުން ރައީސް ވަނީ ގުޅީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

މިއަދު ހަވީރު ގުޅީ ކައުންސިލްގެ އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ފާހަގަކުރައްވާފައެވެ. އަދި ކައުންސިލަރުންވަނީ އެ ރަށުގައި އައު ކައުންސިލް އިދާރާއެއް ޤާއިމުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާތީ އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

ގުޅީގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ކައުންސިލަރުން ވަނީ ގުޅީގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަން ފާހަގަކުރައްވައި، ބިން ހިއްކުމުގެ މަޝްރޫޢު އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ގުޅިއަކީ ފަތުރުވެރިކަމުގެ ވިޔަފާރީގައިވެސް ކުރިއަރާފައިވާ، އަދި ރަށަށް އަރައި ފޭބުމުގައި ގިނަ ބަޔަކު ބަނދަރު ބޭނުންކުރާ ރަށެއްކަމުގައި ފާހަގަކުރައްވައި، ބަނދަރުގެ ޖާގައިގެ ދަތިކަން ކައުންސިލަރުން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ރަށުގެ ޞިއްޙީ މަރުކަޒުގެ މުވައްޒަފުން މަދުކަމާއި ލެބޯޓަރީގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ބޭނުންވާކަން ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވެސް ވަނީ ޖާގައިގެ ދަތިކަމާއި ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވިކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ގުޅީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.

މިއަދު އޮންލައިން