ޑރ. އަނާރާގެ ތަޢްރީފް ސަރުކާރަށް: މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ފެނިގެންދިޔައީ، ރައްޔިތުންނާ ވަަރަށް ގާތުން މަސައްކަތްކުރައްވާ މަންޒަރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ޑރ. އަނާރާގެ ތަޢްރީފް ސަރުކާރަށް: މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ފެނިގެންދިޔައީ، ރައްޔިތުންނާ ވަަރަށް ގާތުން މަސައްކަތްކުރައްވާ މަންޒަރު

ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ވަނީ މިއަދު ސަރުކާރަށް ތަޢުރީފުކުރައްވައި، މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ފެނިގެންދިޔައީ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްކުރައްވާ މަންޒަރު ކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. ގުޅީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަނާރާ ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ އިޙްސާސްތައް ދެނެގަނެ، އެ ބޭފުޅުންގެ އަޑުއައްސަވައި، ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްކުރައްވާ މަންޒަރު ފެނިގެންދިޔަ ކަމަށެވެ.

އަދި ޑރ. އަނާރާ ވިދާޅުވީ ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ އެންމެ ކުރީކޮޅު ހުރާ ދާއިރާގައި ހިމެނޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާއި ކައުންސިލްތަކާ ބައްދަލުކުރެއްވި ކަމަށް ފާހަގަކުރައްވައި، އެއީ ލިބިވަޑައިގެންނެވި އުފަލެއް ކަމުގައި ވިދާޅުވިއެވެ.

ޑރ. އަނާރާ އިތުރަށް ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނުމަށް ކަމަށެވެ. މީގެ އިތުރުން، ގުޅީ ކައިރީގައި ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢަކީ އެ ރަށުގެ ރައްޔިތުންނަށް މަންފާ ލިބިގެންދާނެ މަޝްރޫޢެއްކަންވެސް ފާހަގަކުރެއްވިއެވެ.

"ސަރުކާރުން ނިންމާ ކޮންމެ ނިންމުމެއް، އަޅުއްވާ ކޮންމެ ފިޔަވަޅެއް އެ އަޅުއްވަނީ ރައްޔިތުންގެ ލާބަޔާ މަންފާއަށްކަމާމެދު އަޅުގަނޑަށް އިތުބާރު އެބައޮތް." މެންބަރު އަނާރާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ގުޅިއަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
 

މިއަދު އޮންލައިން