ދޫކޮށްލަން ހެޔޮނުވާނެ ފުރުޞަތެއް!: ރޭގަނޑު 20 މިނިޓް ޤުރްއާން ކިޔަވައިގެން ކިޔަމަންތެރިކަމާއި އަޅުވެރިކަމުގައި ދެމިތިބޭ މީހުންގެ ތެރެއިންވުމުގެ ފުރުޞަތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދޫކޮށްލަން ހެޔޮނުވާނެ ފުރުޞަތެއް!: ރޭގަނޑު 20 މިނިޓް ޤުރްއާން ކިޔަވައިގެން ކިޔަމަންތެރިކަމާއި އަޅުވެރިކަމުގައި ދެމިތިބޭ މީހުންގެ ތެރެއިންވުމުގެ ފުރުޞަތު!

ޢަބްދު ﷲ ބިން ޢަމްރު ބިން އަލްޢާޞް ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. ރަސޫލު ﷲ ޙަދީޘްކުރެއްވިއެވެ: ”ރޭއަޅުކަމުގައި ދިހަ އާޔަތް ކިޔަވައިފި މީހާ، ޣާފިލުވި މީހުންގެ ތެރެއިން ނުލިޔުވޭހުއްޓެވެ. އަދި ރޭއަޅުކަމުގައި ސަތޭކަ އާޔަތް ކިޔަވައިފި މީހާ، ގާނިތުން (އެބަހީ: ކިޔަމަންތެރިކަމާއި އަޅުވެރިކަމުގައި ދެމިތިބޭ މީހުން) ގެ ތެރެއިން ލިޔެވޭހުއްޓެވެ. އަދި ރޭއަޅުކަމުގައި އެއް ހާސް އާޔަތް ކިޔަވައިފި މީހާ، މުގަންޠިރީން (އެބަހީ: ގިންޠާރުގެ މިންވަރަށް ގިނަގުނަ ސަވާބު ހޯދާ މީހުން) ގެ ތެރެއިން ލިޔެވޭހުއްޓެވެ.“

(ނޯޓު: ގިންޠާރަކީ ހަތްދިހަ ހާސް ދީނާރުކަމަށް ބުނެވެއެވެ.) 

މިޙަދީޘްފުޅާއި ގުޅިގެން ޝައިޚް ޢާޞިމް އަލްޙަކީމަށް ސުވާލެއް ދެންނެވުނެވެ. "ރޭގަނޑުކުރާ ފަރުޟް 2 ނަމާދާ ސުންނަތް ނަމާދުތަކުގައި އަލްހަމްދުކިޔެވީމާ ޤުރްއާން ކިޔެވިކަމަށްވާނެތޯއެވެ.

ޝައިޚްގެ ޖަވާބަކީ "އަލްޙަމްދަކީ ކޮންމެ ރަކްޢަތެއްގައި ކިޔެވުން މަޖުބޫރު ސޫރަތެކެވެ. ވީމާ އެއީ ޤުރްއާން ކިޔެވުމުގެ މާނައިގައި ކުރި އަޅުކަމެއްގެ ގޮތުން ޤުރްއާން ކިޔެވުން ކަމަކަށް ނުވާނެއެވެ. އެހެނެއް ނޫނެވެ. އަލްޙަމްދަށްފަހު ބޭނުންވަރަކަށް ދިގުކޮށް ކިޔަވާށެވެ! އެއީ ޤުރްއާން ކިޔެވުން ކަމަށް ލިޔުއްވަވާނެތެވެ. އެހެނީ ބޭނުންނަމަ ނުކިޔަވައިވެސް ފުއްދައިލެވިދާނެތީއެވެ."  

ކޮންމެ ރެއަކު 100 އާޔަތް ކިޔެވުމުގެ ފައިދާ ޙާޞިލުކުރަން ބޭނުން މީހަކަށް އެކަންކުރަން ބޭނުންވާނީ އެންމެ 20 ވަރަކަށް މިނިޓެވެ. ކޮންމެ ރެއަކު ކިޔެވުމަށް ސުންނަތުން އައިސްފައިވާ ސޫރަތްތައް ކިޔަވަން ގިނަ ބައަކު ވަރަށް ފަރިތަވާނެއެވެ. ވީމާ 20 ވަރަކަށް މިނިޓުން ކިޔަވައިލެވޭނެއެވެ.  

މިހުންނަނީ ފަރުވާކުޑަކޮށް ނުކޮށް ދޫކޮށްލަން ހެޔޮވާވަރުގެ ކަންކަމެއް ނޫނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ކުރަން އެންމެ ފައިދާހުރި ކަންކަމުގެ ތެރެއިން ހިމެނޭ ކަންކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

(ޙަދީޘްފުޅުގެ މާނަ: މުޙައްމަދު އަޝްރަފް)

މިއަދު އޮންލައިން