ތަނަވަސްކަމާ މަތީ މަޤާމް ލިބުމުން ބޮޑާވެ ނިކަމެތިން ނިކަމެތިކުރުމުގެ ކުރިން ނިކަން މިކަންކަމަށް ވިސްނައިލަބަލާށެވެ! ތިމާގެ ސައިޒް ވިސްނޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ތަނަވަސްކަމާ މަތީ މަޤާމް ލިބުމުން ބޮޑާވެ ނިކަމެތިން ނިކަމެތިކުރުމުގެ ކުރިން ނިކަން މިކަންކަމަށް ވިސްނައިލަބަލާށެވެ! ތިމާގެ ސައިޒް ވިސްނޭނެ! އިން ޝާ ﷲ

އޭ އިންސާނާއެވެ! އަތުގައި ކިތަންމެ ފައިސާ ގިނަޔަސް، މުދައު ގިނަޔަސް، ކިތަންމެ މަތީ މަޤާމެއްގައި ހުރެވުނަސް ތިބާއަކީ ހަމަ ދުނިޔޭގައި ހުރި އިންސާނެކެވެ! އެހެން މީހުންނާއި އެއްވެސް ތަފާތެއް ނެތެވެ!  

ކާންބޯން ޖެހެއެވެ. ކައިބޮއިހަދާނަމަ ޙާޖަތްކުރަން ޖެހެއެވެ. ޙާޖަތްކޮށްފިނަމަ ތާހިރުވާންޖެހެއެވެ. ޖުނުބުވެރިވެއްޖެނަމަ ހިނައިގަންނަން ޖެހެއެވެ. ނަމާދުކުރަން ޖެހެއެވެ. ނަމާދުކުރެވޭނީ ވުޟޫކޮށްގެންނެވެ. ނަމާދުގައި ހުއްޓިހުންނަން ޖެހޭނީ ހަމަ އެންމެ ނިކަމެތި މިހާއާއިއެކު ހަމަ އެއް ސަފުގައެވެ. ސަޖިދަކުރަން ޖެހެއެވެ. ނިތްކުރި ބިންމަތީގައި (ތަޅުމުގައި) ޖައްސަންޖެހެއެވެ. ނަރަކައިން ސަލާމަތްވެވި ސުވަރުގެ ވަދެވެން އޮތީ ހަމަ ކުރާ ހެޔޮ ޢަމަލުތަކުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދިއްޖެނަމައެވެ.  

އަދި ކީއްހެއްޔެވެ؟ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނަން ޖެހޭނީ ހަމަ އެކަންޏެވެ. ޖަވާބުދާރީވާންޖެހެއެވެ. ފާފަކޮށްފިނަމަ ޢަޛާބް ޙައްޤުވެއެވެ. ޢަޛާބް ޙައްޤުވެއްޖެނަމަ ޢަޛާބް ދެއްވަވާނެތެވެ.  

ދެން ނިކަން ބުނެބަލާށެވެ! ތަނަވަސްކަމާއި މަތީ މަޤާމުން ޙާޞިލްވަނީ ކޮން ޚާއްޞަ ކަމެއް ހެއްޔެވެ؟ އެންމެ ނިކަމެތި މީހާއާއި ތިބާއާއި ދެމެދު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުރީ ކޮން ތަފާތެއް ހެއްޔެވެ؟  

ވީމާ ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިފައިވީނަމަވެސް އަދި ކިތަންމެ މަތީ މަޤާމެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކު ބޮޑާނުވާށެވެ! ކިބުރުވެރިނުވާށެވެ! ނޫންނަމަ ތިމާއަށް ސުވަރުގޭގެ ވަސްވެސް ނުފެނިދާނެ ކަމަށް ބިރުވެތިވާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން