ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ ކަމަކީ ކޮބާ؟ މިސުވާލުގެ ޖަވާބަކީ:
ދުނިޔެއާއި އާޚިރަތުގެ ހުރިހާ ބޭނުންތަކެއް ޙާޞިލުވުން ވެސް ގުޅިފައިވަނީ ދުޢާ ޢިޖާބަކުރެއްވެވުމާއި ކަމަށްވުމުން ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ޙާޞިލުވުމަށް އެދޭނެ ކަމަކީ އެމީހާކުރާ ދުޢާ ޢިޖާބަކުރެއްވެވުމެވެ. އެހެންކަމުން އެމީހަކު ކުރާ ދުޢާ ޢިޖާބަކުރެއްވެވުމަށްވުރެ މުހިންމު އެއްވެސް ކަމެއް އެއްވެސް މީހަކަށް ނުއޮންނާނެއެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ!
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަން ﷲ ތިއަބައިމީހުންނަށް ދެއްވެވި ރަނގަޅު ތަކެތިން ތިއަބައިމީހުން ކައި އުޅޭށެވެ! އަދި، ތިއަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަން ކުރާ ކަމުގައި ވާނަމަ، އެކަލާނގެއަށް ޝުކުރުވެރިވާށެވެ!" (ބަޤަރާ ސޫރަތުގެ 172)
ރަނގަޅު ތަކެއްޗަކީ އެންމެ ތާޒާ، އެންމެ ފައިދާހުރި، އެންމެ އަގުބޮޑު ތަކެއްޗެއް ނޫނެވެ. ޙަލާލުތަކެއްޗެވެ. ޙަލާލު ގޮތުގައި ހޯދާފައިހުންނަ ތަކެއްޗެވެ.
މިއާޔަތުން އެނގިގެންދަނީ ކައިބޮއި ހަދަން ޖެހޭނީ ﷲ ތަޢާލާ ޙަލާލް ކުރައްވަވާފައިވާ ތަކެތި ކަމެވެ. އެހެންކަމުން ޙަރާމްވެގެންދަނީ ހަމައެކަނި ޙަރާމް ކުރެއްވެވި ތަކެއްޗެއް ނޫނެވެ. ޙަލާލު ތަކެތި ހޯދާ ގޮތުން އެތަކެތި ޙަރާމްތަކެއްޗަށް ބަދަލުވެގެންދެއެވެ. ވީމާ ދުޢާ އިޖާބަ ކުރެއްވެވުމަށް އެދޭ ނަމަ ޙަރާމް ކުރައްވަވާފައި ބާވަތްތައް ނުކެއުމުގެ އިތުރުން ޙަލާލް ކުރއްވަވާފައިވާ ތަކެތި ޙަރާމް ތަކެއްޗަށް ބަދަލުކޮށްގެން ކައިބޮއި ހަދާ ބައަކު ކަމުގައި ނުވާށެވެ! އަދި ﷲ ތަޢާލާ ދެއްވެވި މިންވަރަށް ޝުކުރުވެރިވާ ބައަކު ކަމުގައިވާށެވެ!
ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައިގެން ގިނަ ބައަކު ޝަކުވާ ކުރާއިރު ނުވަތަ އެކަމާއި ހިތާމަކުރަމުން ގެންދާއިރު ޙަލާލް ރިޒްޤް ކައިބޮއި ހެދުމަށް ސަމާލުކަން ދޭ މީހުންގެ އަދަދު ދަނީ މަދުވަމުންނެވެ. މިއީ އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަންތަކެވެ. އެހެނަސް ގިނަ ބައަކު އެންމެ ބޮޑަށް އިހްމާލުވަމުން ދަނީ އެކަމުގައެވެ. ކަނީ ޙަލާލްތަކެތިކަން ބަލައިލަންވެސް ބޭނުންވާ މީހުންދަނީ މަދުވަމުންނެވެ. ވީމާ ކުރާދުޢާ އިޖާބަ ކުރައްވަވަން އެދޭމީ ފުރަތަމަ ކަމަކަށްވެސް ޙަލާލް ރިޒްޤް ކައި އުޅުމަށް ސަމާލުކަން ދޭށެވެ!
ކޮންމެ މީހަކަށް ވެސް މަސައްކަތް ކުރުމުން އެމީހަކަށް މިންވަރުކުރައްވަވާފައިވާވަރަށް އާމްދަނީ ލިބެއެވެ. މުސާރަވެސް ލިބެއެވެ. ނަމަވެސް ހިތެއް ނުފުރެއެވެ. މިއީ ތިމާއަށް ﷲ ތަޢާލާ ދެއްވެވި މިންވަރު ކަމަށް ޤަބޫލުކޮށް ޝުކުރުވެރިވާ މީހުންގެ އަދަދު ދަނީ މަދުވަމުންނެވެ. ގިނަ ބައަކު މަސައްކަތްކުރަނީ ހޯދުނު ގޮތަކަށް ފައިސާ ހޯދައިގެން ތިމާއަށްވުރެ ގިނަ ފައިސާ ލިބޭ މީހުންނާއި އެއް ފެންވަރުގައި ދިރިއުޅުމަށެވެ.
ﷲ ތަޢާލާ ދެއްވަވަވާ މިންވަރަށް ހިތް ނުފުރުމުން ހިތް ފުރަން މިކުރާ ކަންކަމަކީ ވައްކަން ކުރުމާއި ކޮރަޕްޝަނާއި އެނޫންވެސް ހުއްދަ ނޫން ގޮތްގޮތަށް ފައިސާ އާއި ތަކެތި ހޯދުމެވެ. އެގޮތަށް އެކަން ކުރުމުން އެމީހަކު ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވާނެ ކަމަށް އެނގެން އޮތުމާއިއެކުގައިވެސް އެގޮތަށް އެކަންކަން ކުރުމަށްފަހު ދުޢާ ވެސް ކުރަނީއެވެ. ދުޢާ ޢިޖާބަ ނުކުރެއްވެވުމުން ޝަކުވާ ވެސް ކުރަނީއެވެ. ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ގޮތުގައި އާމްދަނީ ހޯދަން މަސައްކަތްކުރާށެވެ. ﷲ ތަޢާލާ އާމްދަނީ ދެއްވަވާނެތެވެ. އިތުރުކުރަން މަސައްކަތް ކުރަންވާނީ ވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައެވެ. ހުރިހާ ވެސް މައްސަލައަކީ ހިތް ނުފުރޭ ކަމެކެވެ. އެންމެ ހިތާމަހުރި އެއް ކަމަކީ ހިތް ނުފުރިގެން ޙަރާމް ގޮތުގައި އާމްދަނީ ހޯދަނީވެސް ﷲ ތަޢާލާ އާމްދަނީ ދެއްވަވާ މީހުންކަމެވެ. ދެއްވަވާ މިންވަރަށް ޝުކުރު ނުކުރެވިގެން ޙަރާމް ކަންކަންކޮށް ޙަރާމް ގޮތުގައި ފައިސާ ހޯދާކަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން