ހިތް ސާފުކޮށްގެން ތިބެ ދެމަފިރިން އެކަކު އަނެކަކަށް ގިނަގިނައިން ކުރަން އޮތް ދުޢާއެއް! މައްސަލަތައް ޙައްލުވެ އުފާވެރިކަންވެސް ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ހިތް ސާފުކޮށްގެން ތިބެ ދެމަފިރިން އެކަކު އަނެކަކަށް ގިނަގިނައިން ކުރަން އޮތް ދުޢާއެއް! މައްސަލަތައް ޙައްލުވެ އުފާވެރިކަންވެސް ދެއްވަވާނެ! އިން ޝާ ﷲ

ކޮންމެ ދެމަފިރިއަކުވެސް އަނެކާއަށްޓަކައި ކޮށްދޭން އޮތް އެންމެ މުހިންމު ކަންތައް މަތިން ގިނަ ބައަކު މިވަނީ ހަނދާން ނެތިފައެވެ. އެއީ ދެމަފިރިން އެކަކު އަނެކަކަށްޓަކައި ހެޔޮދުޢާކުރުމެވެ. އަދި ގިނަ ފަހަރު އެކަން ނުކުރެވެނީ ހަނދާން ނެތިގެނެއްވެސް ނޫނެވެ. ހިތް ސާފުނުވާތީއެވެ. ވީމާ ފުރަތަމަ ކަމަކަށްވެސް ދެމަފިރިންވެސް އަނެކާއަށްޓަކައި ހިތްސާފުކުރަން އެބަޖެހެއެވެ.  

ކޮންމެ ކަމެއްގައިވެސް މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ ދުޢާއެވެ. އަދި ދިފާޢީ ހަތިޔާރަކީ ޛިކުރުކުރުމެވެ. އެދޭ ކޮންމެ ކަމަކަށްވެސް ދުޢާކުރުން ގިނަކުރަންވީ އެހެންވެގެންނެވެ. އެގޮތުން ދެމަފިރިން އެކަކު އަނެކަކަށްޓަކައި ހެޔޮދުޢާކުރުން ގިނަކުރާށެވެ!  

އެކަންކުރެވޭނީ ދެމީހުންނަކީވެސް އެކަކު އަނެކަކަށް މާފުކުރުމުގެ ހިތްވަރު ހުރި ދެމީހުން ކަމުގައިވެގެންނެވެ. ޒަވާޖީ ޙަޔާތް އުފާވެރިވުމުގެ ތަޅުދަނޑިއަކީ މާފުކުރުމާއި އެކަކު އަނެކަކަށް ހެޔޮދުޢާކުރުން ގިނަކުރުން ކަމަށް ބުނެވެނީ އެސަބަބަށްޓަކައެވެ.  

މާފުކުރުމަށްބަލައިފިނަމަ އެންމެ މުހިންމު ކަމަކީ ހުރިހާކަމެއް ފަޅާއަރައި ގޯހުން ގޯހަށް ދަންދެން މާފަށް އެދެން މަޑުނުކޮށް ކުށެއް ކުރެވުމުން އަމިއްލައަށް އަވަހަށް މާފަށް އެދުމެވެ. އެހެން ބައެއްގެ ފަރާތުން ކަމެއް އެނގޭއިރު ލިބޭނީ އެންމެ ޞައްޙަ މައުލޫމާތެއްވެސް ނޫނެވެ. ނަތީޖާއަކަށްވެގެންދަނީ އުފެދޭ ނުތަނަވަސްކަން އިތުރު މައްސަލަ މާބޮޑަށް ހޫނުވުމެވެ. އެކަމުން ސަލާމަތްވެވޭނީ ކުށެއް ކުރެވުމުން ތެދަށް ބުނެ މާފަށް އެދުމުންނެވެ.  

އެންމެންނަށްވެސް ކުށް ކުރެވޭނެއެވެ. ކުށެއް ނުކުރެވޭނެ މީހަކު ނުހުންނާނެއެވެ. ވީމާ ކުށެއް ކުރެވުމަކީ ކަންބޮޑުވެ ފިލަން މަސައްކަތްކުރަންޖެހެންވީ ސަބަބެއް ނޫނެވެ. ކުށެއް ކުރެވުމުން މާފަށް އެދުމަށް އަވަސްވެ ގަތުމަކީ މައްސަލަ ޙައްލުވުން ފަސޭހަވެ އަދި ދެމަފިރިންގެ މެދުގައި އިތުބާރުވެސް ބޮޑުވާ ކަމެކެވެ.  

ދެމަފިރިން އެކަކު އަނެކަކަށްޓަކައި މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ! ޙަޔާތް އުފާވެރިވެ ލޯބި އިތުރުވާނެއެވެ! އިން ޝާ ﷲ 

الَّهُمَّ اغْفِرْ لِزَوْجَتِيْ

ޔާﷲ! މިއަޅާގެ އަނބި މީހާ އަށް ފާފަ ފުއްސަވާނދޭވެ 

الَّهُمَّ اغْفِرْ لِزَوْجِيْ

ޔާﷲ! މިއަޅާގެ ފިރި މީހާ އަށް ފާފަ ފުއްސަވާނދޭވެ 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން