ﷲ ތަޢާލާ އަހުރެމެންނަށް ދެއްވަވާފައިވާ ކޮންމެ ނިޢުމަތަކީވެސް ވަރަށް މުހިންމު ނިޢުމަތެކެވެ. ކޮންމެ ނިޢުމަތެއްގެ ބޭނުންވެސް ހިފަންވާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. ލޮލަކީ އެންމެ މުހިންމު އެއް ނިޢުމަތް ކަމުގައި އެނިޢުމަތުގެ ބޭނުން ހިފަންވީ ގޮތްވެސް ﷲ ތަޢާލާ ވަނީ އަންގަވަފައެވެ. މައްސަލައަކަށްވަނީ ވިސްނައިނުލެވޭ ކަމެވެ.
ވަރަށް ލޯބިން އުޅެމުން ކުރާ ކައިވެނިތައްވެސް އެހާފަސޭހައިން ރޫޅެމުން މިދަނީ ކީއްވެގެންކަމާއިމެދު ވިސްނާލައިފިނަމަ އެނގޭނެއެވެ. މައްސަލަތައް ގިނައިން ކުރިމަތިވަނީ ކައިވެންޏަށް ފަހުގައިވެސް ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން ބެލުންތައް ތިރި ނުކުރެވޭތީއެވެ.
އެހެން ބުނަން މިޖެހެނީ ބެލުންތައް ތިރިކޮށްގެން ދިރިއުޅޭ ޢާއިލާތަކުގައި ވަރީގެ މައްސަލަތައް މަދުކަމުންނެވެ. އެކަމުން އެނގިގެންދަނީ ޒަވާޖީ ޙަޔާތް ކާމިޔާބުކުރުމުގަ އިސް ތިރިކުރުން ވަރަށް މުހިންމު ދައުރެއް އެބަ އަދާކުރާކަމެވެ. ﷲ ތަޢާލާގެ އެންގެވުމަށް ޢަމަލުކުރުމުގެ މުހިންމުކަން ބޮޑުކަމެވެ.
ދީނުގައިވާ އެންގެވުން ބޮލާލައި ޖަހާފައި އަހަރެމެން މީހަކަށް ކިތަންމެ ވަރަކަށް ބެލި ނަމަވެސް އެކަމުން ﷲ ތަޢާލާއަށް ލިބިވޮޑިގަންނަވާނެ އެއްވެސް އުނިކަމެއް ނެތެވެ. ހުރިހާ ގެއްލުމެއްވެސް ލިބޭނީ ހަމަ އަހަރެމެންނަށެވެ. ބެލުންތައް ތިރިކުރަން ﷲ ތަޢާލާ އެހައި ވަރުގަދައަށް އަމުރުފުޅު ކުރައްވަވާފައި އެވަނީ ހަމަ އަހަރެމެންނަށް އެންމެ ފައިދާހުރި ގޮތަކީ އެއީ ކަމުގައިވާތީއެވެ. ވީމާ ކައިވެނިތައް ޜޫޅުމުން ސަލާމަތްވުމަށްޓަކައި ބެލުންތައް ތިރިކޮށް އިސްލާމް ދީނުގައިވާ ރިވެތި އުޞޫލުން އަމަލުކުރުމަށް ވަރަށް ވަރުގަދައަށް ވަޞިއްޔަތް ކުރަމެވެ.
މިހާރަކަށް އައިސް ކައިވެނި ރޫޅުން ގިނަވެފައިވުމަކީ ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މުޞީބާތް ކަމަށް ވެސް ބުނެވިދާނެއެވެ. ސުވާލަކީ މިހައި ބޮޑު މުޞީބާތަކަށް މިކަން ވެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ހޯދުންތަކުން އެނގުނު ގޮތުގައި އެންމެ ބޮޑު މައްސަލައަކީ ބެލުންތައް ތިރި ނުކުރުމެވެ.
އިސްލާމް ދީނުގައި ބެލުންތައް ތިރިކުރަން ޖެހޭނެ ކަމަށް އައިސްފައި އެވަނީ ވަރަށް ގިނަ ސަބަބުތަކެއް ހުރުމުންނެވެ. އަދި ބެލުންތައް ތިރި ނުކުރުމުން ފާފަވެރިވަނީ ވެސް އެކަމުގައި ހުރި ނުރައްކައުތެރިކަމާއި ގެއްލުންތައް ބޮޑުކަމުންނެވެ.
އިންސާނުންގެ ހިތުން ދަހިވެތިކަން ފިލުވައިލުމަކީ ވަރަށް ބޮޑު ތަޤްވާވެރިއަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. އިންސާނުންނަކީ ފެންނަ ތަކެއްޗަށާއި ކަންކަމަށް ހިތް ކިޔާ ބައެކެވެ. އެއީ އިންސާނުންގެ ކިބައިގައި ޠަބީޢީ ގޮތުންވެސް ހުންނަ ސިފައެވެ. ވީމާ އެކަމަކީ އަހަރެމެން ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ.
ބެލުންތައް ތިރިނުކުރާނަމަ ޝައުޤުވެރިވާފަދަ އަންހެނުންނާއި ފިރިހެނުން ގިނަވާނެއެވެ. ދެމެދަށް ޝައިޠޯނާ ވަދެގަންނާނެއެވެ. ވަރަށް ހީލަތްތެރިގޮތަކަށް ދެމީހުންގެ މެދުގައި ގުޅުން އުފައްދުވާނެއެވެ. ޝައިޠޯނާ އެކަމަށް އެހައިބޮޑަށް ސަމާލުކަންދޭ ސަބަބަކީ އިބިލީސް އެންމެ ބޮޑު އިނާމުދޭ ކަމަކީ ދެމަފިރިއަކު ދުރުކުރުވުން ކަމުގައިވާތީއެވެ. ވީމާ އެކަމަސް ހޭލުންތެރިވެ އިސް ތިރިކުރަން މަސައްކަތްކުރާށެވެ. އެކަން ކުރެވޭނަމަ އެކަމުގެ ފައިދާ ފެންނާނެއެވެ. އިން ޝާ ﷲ
ނިންމާލަމުންވެސް ބުނާނީ ދެމަފިރިންގެ ދެމެދަށް ވަދެގަންނަން ޝައިޠޯނާއަށް ދެވޭ އެންމެ ފަހި ފުރުޞަތަކީ ބެލުންތައް ތިރިނުކުރުން ކަމުގައެވެ. ނުދިނުން އޮތީ އެމީހެއްގެ އަތްމަތީގައި ކަމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން