އިމެއް ނެތި އުފާކުރަމުން ދިއަ ޒުވާން އަންހެނަކު މަރުވުމުން އެންމެންގެ ކުރިމަތީގައި ޝައިޠޯނުން އޭނާގެ ސަންދޯއް ހަލާކުކޮށްލި ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
އިމެއް ނެތި އުފާކުރަމުން ދިއަ ޒުވާން އަންހެނަކު މަރުވުމުން އެންމެންގެ ކުރިމަތީގައި ޝައިޠޯނުން އޭނާގެ ސަންދޯއް ހަލާކުކޮށްލި ޙާދިސާއެއްގެ ވާހަކަ-

މިކިޔައިދެނީ އަހުރެންގެ ދެބެއިންގެ ދެދަރި އަންހެން ކޮއްކޮއެއްގެ ވާހަކައެވެ. އޭނާއާއި އަހުރެން އުޅުނީ ވަރަށް ގާތް ދެ އެކުވެރިންގެ ގޮތުގައެވެ. ދެބެއިންގެ މިޒާޖާއި ޚިޔާލާއި ވިސްނުން ތަފާތު ނަމަވެސް ޢާއިލީ ގުޅުން ދަމަހައްޓަން ވަރަށް މަސައްކަތްކުރީމެވެ. އެންމެ ބޮޑު ބޭނުމަކީ ވިސްނައިދީގެން އޭނާ އިޞްލާޙްކުރެވޭތޯ ބެލުމެވެ. 

ޢުމުރުން 26 އަހަރުގައި ކޮއްކޮގެ އޯވަރީއަށް ކެންސަރު ޖެހުނެވެ. ނިޔާވީ ފަރުވާކުރަނިކޮށް އަހަރެއްހައި ދުވަސްފަހުންނެވެ. އޭނާގެ ޖަނާޒާގެ ކަންކަމުގައިވެސް އިސްކޮށް އުޅުނީ އަހުރެންނެވެ. އެއްބަނޑު އެއްބަފާ ބޭބެއެއް ފަދައިންނެވެ. 

އަހުރެމެންގެ ދީނުގެ އާދަކާދަތަކާއި އެއްގޮތަށް ކަންކަން ކޮށްފައި ސަންދޯކު އަޅައި ވަޅުލަން ގެންގޮސް ކައްވަޅުކައިރީގައި ބަހއްޓާފައި އެންމެން ދުޢާކުރަން ދުރަށް ޖެހިލި ވަޤުތެވެ. ދުރުގައި ހުއްޓިލިތަނާ ފެނުނީ ސަންދޯއް ހުޅުވުނު ތަނެވެ. ބާރަށް ގޮސް އަލުން ސަންދޯއް ލެއްޕީމެވެ. އެފަހަރުވެސް ހަމަ ދުރަށް ޖެހިލިތަނުން ހުޅުވިއްޖެއެވެ. ދެންވެސް ގޮސް ލެއްޕީއެވެ. ދެން އިރުކޮޅަކުން އަނެއްކާވެސް ހުޅުވުނެވެ. އަޑެއްވެސް ކިޔެވެ. އެފަހަރު ހުރީ މަތިގަނޑު ފަޅައިގެންވެސް ގޮސްފައެވެ. 

އެހިސާބުން މިހިނގަނީ އާދައިގެ ކަމެއް ނޫންކަން އެނގުނެވެ. އެހެންވެ ބުނެވުނެވެ. "މިހާރު ތިއަ އުނދަގޫ ކުރަނީ އިތުރަށް ކޮންކަމަކަށް ބޭނުންވެގެންހެއްޔެވެ؟ އަދިވެސް އޭނާލައްވައި ފާފަކުރުވޭނެތީ ހެއްޔެވެ؟" އެހެން ބުނެވުނީ އެކަން އެކުރަނީ އޭނާގެ އެކުވެރި ޝައިޠޯނުން ކަމަށްވެދާނެ ކަމުގެ ވިސްނުމުގައެވެ. ނަމަވެސް ފަހުން ވިސްނައިލުމުން އޭނާއަށް ޢަޛާބުލިބެނީ ކަމަށް ވިސްނި ބުނެވުނު ބަހާއިމެދު ވަރަށް ދެރަވިއެވެ. 

މިދެ ގޮތުންކުރެ ވީގޮތެއް ނުއެނގެއެވެ. އެނގޭ ކަމަކީ ފޯރި އުނދަގުލަކީ ދެގޮތުން ކުރެ އެއްގޮަތަކުން ފޯރި އުނދަގޫތަކެއް ކަމެވެ. ދެން އެންމެންވެގެން އަވަސް އަވަހަށް ވަޅަށް ތިރިކޮށް ވަޅުލީއެވެ. 

އަހުރެންނަކީ ޝައިޠޯނުންނާއި ތޮޅެން ދަންނަ މީހެއް ނޫނެވެ. ނަމަވެސް އަހުރެން އެހެން ބުނީ ކޮއްކޮއަކީ ބަލިވަންދެންވެސް ދުނިޔޭގެ އުފާތަކަށް ހެއްލި މަޖާކުރަމުން އައި އަންހެނަކަށްވާތީ މިއުޅެނީ ޝައިޠޯނުން ތަކުގެ އުނދަގުލުން ސަލާމަތް ނުވެވިގެނަކަން ވިސްނިގެންނެވެ. އެކަން ޔަޤީންވީ ސަންދޯކުގެ މަތިގަނޑު ފަޅައިލުމުންނެވެ. 

މިވާހަކަކޮޅަކީ ނުބައިކޮށް "ދުނިޔޭގައި އުޅޭ މީހުން މަރުވުމުންވެސް ޝައިޠޯނުންގެ އުނދަގޫ ފޯރާހެއްޔެވެ؟" މިސުވާލަށް މީހަކު ދީފައިވާ ޖަވާބެކެވެ. މިލިޔުން ހާމަކުރި ވެބްސައިޓަކީ މިބާވަތުގެ ކަންކަމަށް މީހުން ހޭލުންތެރިކުރުވަން ލިޔަމުން އަންނަ ވެބްސައިޓެކެވެ. 

މިލިޔުންކޮޅު ހާމަކުރީ މިޙާދިސާއަކީ ޢިބްރަތް ޙާޞިލުކުރަންޖެހޭ ޙާދިސާއަކަށްވާތީއެވެ!

މިއަދު އޮންލައިން