މިބޮޑު ޙަޤީޤަތް އެނގުމުންވެސް ކަމެއް ދިމާވާއިރަށް ކަންކަން އޮޅުންފިލުވަން ސިޙުރުވެރިންގެ ގާތަށް ދާނަން ހެއްޔެވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 17ސ
މިބޮޑު ޙަޤީޤަތް އެނގުމުންވެސް ކަމެއް ދިމާވާއިރަށް ކަންކަން އޮޅުންފިލުވަން ސިޙުރުވެރިންގެ ގާތަށް ދާނަން ހެއްޔެވެ؟: މުފްތީ މެންކް

ﷲ ތަޢާލާ ނޫން ދެވަނަ އެއްވެސް ފަރާތަކަށް ޣައިބުގައިވާ ކަންކަން ނުއެނގޭނެކަން ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރާނެއެވެ. އެހެންކަމާއިއެކުގައިވެސް ޢާއިލާގެ ތެރޭގައިވެސް އަދި އެހެން ގޮތަކުން ނަމަވެސް ކަމެއް މެދުވެރިވެ ކިރިޔާ ޝައްކެއްވާއިރަށް ސިހުރުވެރިންގެ ގާތަށްގޮސް ޝިރުކުގެ ޢަމަލުތައް ކުރުން ގިނަވަމުން މިދަނީ ބިރުގަންނަންޖެހޭ މިންވަރަށެވެ.  

ސިހުރުވެރިންނަށް ޣައިބުގައިވާ ކަންކަން ބުނެދޭކަމަށްވަނީ އެމީހުންނާއި ގުޅިފައިވާ ޖިންނި ޝައިޠޯނުންނެވެ. ޖިންނި ޝައިޠާނުންނަށް ޣައިބު އެނގޭކަމަށް ޤަބޫލުކޮށް ގިނަ ބައަކު ޝިރުކުރުމުގެ ތެރެއަށް ވެއްޓިގަނެ އާޚީރަތް ނަގާލަމުންދާއިރު ޖިންނިންނަށް ޣައިބު ނުއެނގޭ ކަމުގެ ހެކި ﷲ ތަޢާލާ ވަނީ މީސްތަކުންނަށް ދައްކަވައިފައެވެ.  

އެކަން އެންމެ ބޮޑަށް މީސްތަކުންގެ ލޯތަކަށް ދެއްކެވި އެއް ހާދިސާއަކީ ސުލައިމާންގެފާނު އަވަހާރަވި ހާދިސާއެވެ. ސުލައިމާނުގެފާނުގެ ފުރާނަފުޅު ﷲ ތަޢާލާ ގެންދެވުމުން އެކަމެއް ޖިންނިންނަކަށް ނުއެނގުނެވެ. ޖިންނިން މަސައްކަތްކުރާތަން ބައްލަވަން ސުލައިމާނުގެފާނު ހުންނެވި ކަމަށް ހީކޮށް ސުލައިމާންގެފާނު ޖިންނިންނާއި ހަވާލު ކުރެއްވެވި މަސައްކަތް ޖިންނިން ދިއައީ ކުރަމުންނެވެ. މަސައްކަތް އަވަހަށް ނިންމަން އަވަދިނެތި ދިއައީ ބުރަކޮށް މަސައްކަތްކުރަމުންނެވެ.  

"ދެންފަހެ، އެކަލޭގެފާނު އަވަހާރަވުމަށް ތިމަންރަސްކަލާނގެ ނިޔާކުރެއްވިހިނދު، ކަތުރުފަނި ނޫންއެއްޗެއް އެއުރެންނަށް އެކަލޭގެފާނު އަވަހާރަވެއްޖެކަމަށް ނޭންގިއެވެ. އެ ކަތުރުފަނި އެކަލޭގެފާނުގެ އަސާކޮޅު ކަމުންގެންދިޔައެވެ. ދެންފަހެ، އެކަލޭގެފާނު ވެއްޓިވަޑައިގަތުމުން، ޖިންނީންނަށް އެނގިއްޖައޫއެވެ. ހަމަކަށަވަރުން، އެއުރެންނަށް ޣައިބް އެނގޭނަމަ، އިހާނަތްތެރިކަން ދެނިވި ޢަޛާބު ގައި (އެބަހީ: ގަދަ މަސައްކަތުގައި) އެއުރެން ނުތިބީހެވެ."

(ސަބާ: 14)  

ސުލައިމާނުގެފާނު އަވަހާރަވިކަން ޖިންނިންނަށް އެނގުނީ ފަނިފަކުސަ ސުލައިމާނުގެފާނުގެ އަސާކޮޅު ކަމުން ގޮސް އެ އަސާކޮޅު ބިނދި ސުލައިމާނުގެފާނު ވެއްޓިވަޑައިގަތުމުންނެވެ. ޖިންނި ޝައިޠާނުންނަށް ޣައިބުއެނގޭނަމަ ނުވަތަ ހިނގާ ހުރިހާ ކަމެއް އެނގޭނަމަ ސުލައިމާނުގެފާނު އަވަހާރަވުމުން އެކަން ނުއެނގުނީ ކީއްވެގެން ހެއްޔެވެ؟ މިއީ ކީރިތި ޤްރްއާނުން އެނގެން އޮތް ޙަޤީޤަތެކެވެ.  

ވީމާ ސިހުރު ހަދާ މީހުން ގާތަށް ގޮސް އެމީހުންނަށް ޖިންނި ކިޔައިދޭ ވާހަކަތައް އެއީ ތެދުކަމަށް ޤަބޫލު ނުކުރާށެވެ. ﷲ ތަޢާލާ ނޫން އެއްވެސް ފަރާތަކަށް ޣައިބެއް ނުއެނގޭނެއެވެ. އަދި ދުނިޔޭގައި ހިނގާހައި ކަމެއްވެސް ނުއެނގޭނެއެވެ. އެނގޭ ކަމަށް ކޮންމެ މީހަކު ބުނި ނަމަވެސް، ޖިންނި ޝައިޠާނުން ބުނި ނަމަވެސް އެހަދަނީ ކަނޑައެޅިގެން ވަރަށް ބޮޑު ދޮގެކެވެ. ވީމާ އެމަޅީގައި ޖެހި ﷲ ތަޢާލާއަށް ޝަރީކުކުރާ މީހުންގެ ތެރޭގައި ނުހިމެނޭށެވެ!  

ސުލައިމާނުގެފާނަށް ޖިންނިން ކިޔަމަންތެރިކުރައްވަވައި ދެއްވެވީވެސް ﷲ ތަޢާލާއެވެ. ވީމާ ﷲ ތަޢާލާ ނުދެއްވަވާ ބާރެއް ޖިންނަކަށް ލިބިގެނެއް ނުވެއެވެ. އަދި އަނގަވައި ނުދެއްވަވާ ކަމެއް ނުވެސް އެނގޭނެތެވެ. އެކަންވެސް ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ.  

"އަދި ސުލައިމާންގެފާނަށް ތިމަންރަސްކަލާނގެ ވައިރޯޅި ކިޔަމަންކުރެއްވީމެވެ. އެ ވައިރޯޅީގެ ހެނދުނުގެ (އެބަހީ: މެންދުރުކުރީގެ) ދަތުރަކީ މަސްދުވަހުގެ ރާސްތާއެވެ. އަދި އެ ވައިރޯޅީގެ ހަވީރުގެ (އެބަހީ: މެންދުރުފަހުގެ) ދަތުރަކީ މަސްދުވަހުގެ ރާސްތާއެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ރަތުލޯވިރުވައި ދެއްވީމެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅާއެކު، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި މަސަައްކަތްކުރާ ބަޔަކު، ޖިންނީންގެ ތެރެއިން ލެއްވީމެވެ. އެ ޖިންނީންގެ ތެރެއިން، ތިމަންރަސްކަލާނގެ އަމުރުފުޅުން އެއްކިބާވެ، ނުކިޔަމަންތެރިވާ ބަޔަކަށް، ނަރަކައިގެ ހުޅުގަނޑުގެ ޢަޛާބުގެ ރަހަ ތިމަންރަސްކަލާނގެ ދައްކަވާހުށީމެވެ. (ނޯޓު: ވައިރޯޅީގެ މަސްދުވަހުގެ ދަތުރޭ ބުނެވުނީ ފައިމަގުގައި ހިނގާ ދަތުރުވެރިޔަކަށް މަސްދުވަހުން ދެވޭހާހިސާބަށް ވައިރޯޅީގެ ބޭނުންކުރައްވައިގެން ހެނދުނު ދަތުރެއް، ހަވީރު ދަތުރެއް ކުރެއްވޭނެގޮތް، ﷲ، ސުލައިމާންގެފާނަށް މެދުވެރިކޮށްދެއްވުމަށެވެ.) (ސަބާ: 12) 

ޤުރްއާން ޤަބޫލުކޮށް ޤުރްއާނަށް އީމާންވާކަމަށް ބުނަމުން ސިޙުރުވރިންގެ ގާތަށް ގޮސް ޣައިބުގައިވާ ކަންކަން އޮޅުންފިލުވަން މަސައްކަތްކުރީމާ މިކުރެވެނީ ކޮންކަމެއް ކަމާއިމެދު ކޮންމެ މީހަކުވެސް އަމިއްލައަށް ވިސްނައިލާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން