ސްޓްރެސްގެ މައްސަލަތަކުގައި ފަރުވާދޭ ބައެއް ޑޮކްޓަރުން ސިފަކުރާ ގޮތުގައި ބައިވެރިޔާ ނުވަތަ ތިބާގެ ބެލުމުގެދަށުގައި އެނޫންވެސް މީހަކު ސްޓްރެސް ކުރުވުމަކީ އެމީހަކު ލައްވައި ނޭވާލައްވަމުން މަރާލުން ފަދަ ކަމެކެވެ.
ސްޓްރެސް ގެ މާނައަށް ބަލައިފިނަމަ ދިރިއުޅުމުގައި ކަންބޮޑުވާންޖެހޭ ޙާލަތުގައި އުޅެންޖެހުން، ހިތްދަތުޙާލުގައި އުޅެންޖެހުން، ސަލާމަތްވެވޭނެ މަގެއް ފެންނަން ނެތި ގޮތްހުސްވުން ފަދަ ކަންކަން ހިމެނެއެވެ. މިކަންކަމުގެ ސަބަބުން މާޔޫސްކަން އިތުރުވެ ނަފްސާނީ ގޮތުން މީހާ ބަލިކަށިވެ ދިރިއުޅުންމަތިން ފޫހިވެގެންދެއެވެ.
ޑޮކްޓަރުންގެ ދިރާސާތަކުގެ ނަތީޖާ:
ދިރާސާތަކުން ދައްކާ ގޮތުގައި ސްޓްރެސް، ގޮންޖެހުން ނުވަތަ ތިމާއަށް ނުރައްކާތެރިވެއްޖެކަން އިހުސާސް ކުރެވުމުން ހަށިގަނޑުން ދޭ ޖަވާބަކީ "ޑިޕްރެޝަން" އެވެ. މާނައަކީ އެކަންކަމުގެ ސަބަބުން މީހާގެ ވިސްނުން ހަނިވެ ގޮތްހުސްވެގެންދެއެވެ. ނަފްސް ބަލިކަށިކޮށް ނިކަމެތިކޮށްލައެވެ.
އެއިގެ ސަބަބުން ހިތުގެ ބަލިތަކާއި ސިނކުނޑިއަށް ނުރައްކާވުމާއި އަދި ކެންސަރު ފަދަ ސިއްހީ ހާލަތްތައް ކުރިމަތިވެއެވެ. އެފަދަ ބައްޔެއްގައި އުޅެނިކޮށް އެޙާލަތުކުރިމަތިވެއްޖެނަމަ ބަލި އިތުރަށް ބޮޑުވެގެންދެއެވެ.
ސްޓްރެސްގެ ސަބަބުން މިކަންކަން މެދުވެރިވާ ސީދާ ސަބަބު އަދިވެސް ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް ސްޓްރެސްގެ ސަބަބުން މިކަންކަން ކުރިމަތިވާކަން ޔަޤީންކުރެވެއެވެ.
ކޮންމެ ދެމަފިރިއަކުވެސް ބޭނުންވާންވީ ތިމާގެ ބައިވެރިޔާއަށް މިފަދަ ޙާލެއް ނުޖެއްސުވުމަށެވެ. ބައިވެރިޔާއަށް ތިމާގެ ސަބަބުން "ހިތުގެ ބަލިތައްޖެހި ސިނކުނޑިއަށް ނުރައްކާވެ އަދި ކެންސަރު" ފަދަ ބައްޔެއް ޖެހިއްޖެނަމަ އެކަމުގެ ޒިންމާ ދެދުނިޔޭގައި އުފުލަންޖެހޭނެއެވެ. ނަމަވެސް ބައިވެރިޔާއަށް އެފަދަ ޙާލަތެއް ކުރިމަތިވުމުން ޒިންމާ އުފުލަން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ ދެވޭނެ ބަދަލަކީ ކޮބައިހެއްޔެވެ؟
ވިސްނާށެވެ! ތިމާގެ ސަބަބުން އެންމެ މީހަކަށް ދުނިޔެ ދޫކުރަން ޖެހުނަސް އުންމަތުގެ އެންމެން މެރިފަދަ ނޫންހެއްޔެވެ؟ އަދި ތިމާގެ ސަބަބުން އެންމެ މީހަކަށް ދިރުން ލިބުނަސް އެއީ މުޅި އުންމަތަށް ދިރުން ދިނުން ނޫން ހެއްޔެވެ؟ މިކަންކަން ނުއެނގޭނެ އެންމެ މުސްލިމަކުވެސް ނުހުންނާނެއެވެ.
ހަމައެއާއިއެކު އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާކުރުވާފައި ތިމާއަށް އުފަލުގައި ނުއުޅެވޭނެކަންވެސް ޔަޤީން ނޫންހެއްޔެވެ؟ ﷲ ތަޢާލާ ސްޓްރެސް ކުރައްވަވައިފިނަމަ ފަރުވާ ދެވޭނީ ކާކަށްހެއްޔެވެ؟ ހަމައެކަނި ބިރުވެތިވެފައިވެސް އެހެން މީހުންގެ ހިތުގައި ނުޖައްސުވާށެވެ! ޚާއްޞަކޮށް ޙަޔާތުގެ ބައިވެރިޔާއަށް ރަޙުމްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން