ﷲ ތަޢާލާގެ މަގުގައި ދަރިން ތަރުބިއްޔަތުކޮށް މިސްކިތާއި އޮޅުކުރުމުން ކުރާނެ ބޮޑު ފައިދާ ގިނަބައަކަސް މިހާރުވަނީ އޮޅިފައެވެ. އެހެންވެ އެކަމަށް ގިނަ ބައަކު އެކަމަށް އިހްމާލުވެއެވެ. އެހެންވެ މިގެނެސްދެނީ ވަރަށް ޢިބްރަތްތެރި ފިލާވަޅެކެވެ.
ލޮބުވެތި މައިންބަފައިންނޭވެ! ހޭލުންތެރިވެލައްވާށެވެ! ތިބާގެ ދަރިފުޅަކީވެސް ކޮންމެ ކަމެއް ޖެހުނަސް މިސްކިތަށް މިޞްރާބުޖަހާނެ ކުއްޖެއްގެ ގޮތުގައި ތަރުބިއްޔަތުކުރާށެވެ! ތިބާ ނެތް ދުވަހަކުވެސް އެކަމުން ފައިދާކުރާނެ ބޮޑުކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ
ކިތަންމެ ބޮޑު ކަމެއް ކުރިމަތިވިނަމަވެސް ޙައްލު ހޯދަން ދާން އޮތް ފުރަތަމަ ތަނަކީ މިސްކިތެވެ. އަންހެނަކުނަމަ އަރަންވީ މުސައްލަ މައްޗަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރެވެނީ އަހުރެމެންގެ ތެރެއިން ކިތައް މީހުންނަށް ހެއްޔެވެ؟ މިބުނި މަގުން ޢަމަލުކުރަންވީ އެންމެ ބޮޑު ސަބަބަކީ ފުރަތަމަ ކަމަކަށް ކުރަން އޮތް ކަމަކީ ހެޔޮ ޢަމަލުކޮށް ދުޢާކުރުން ކަމަށްވާތީއެވެ.
މިކިޔައިދެނީ މަންމަ އާއި ބައްޕަ މަރުވެ އަޅައިލާނެ އެކަކުވެސް ނެތިގެން ކާންބޯންވެސް ނުލިބިގެން އިމާމާ ޝަކުވާކުރަން މިސްކިތަށް ދިއަ 9 އަހަރުގެ ކުއްޖަކަށް އެއްފަހަރާ ލެއްވެވި ރަޙްމަތުގެ ވާހަކައެވެ. ރަނގަޅަށް އަޑުއަހާށެވެ!
އިންސާނުންކަމަށްވީތީ އަބަދުވެސް މައްސަލަތައް ކުރިމަތިވާނެއެވެ. އެންމެ މުހިންމީ މައްސަލަތައް ކުރިމަތިވުމުން ޝަކުވާކުރަން ގޮސް ވަންނަ ދޮރެވެ! ނުބައި ދޮރަކުން ވަދެވިއްޖެ ނަމަ މީހާ ޣަރަޤުވެ ނިމިގެން ހިގައިދާނެއެވެ. ރަނގަޅު ދޮރަކުން ވަދެވިއްޖެ ނަމަ ލައްވަވާނެ ރަޙްމަތުގެ އަދަދު ވަޒަންވެސް ނުކުރެވޭނެއެވެ. މިކިޔައިދޭ ވާހަކައިން އެކަން އެނގިގެންދާނެއެވެ.
އެއް ދުވަހަކު 9 އަހަރު ނުފުރޭ ކުޑަ ކުއްޖަކު މިސްކިތަށް އައިސް އިމާމް އާއި ޝަކުވާ ކުރިއެވެ. "އަހަރެންގެ މަންމަ އަހަރެންނަށް ބަލިވެ އިންދާ ބައްޕަ ނިޔާވެއްޖެއެވެ. ގެންގުޅެ ބަލައި ބޮޑުކުރީ މަންމައެވެ. ރޭ މަންމަ ނިޔާ ވެގެން ވަޅުލައިފިއެވެ. އަހަރެން މިހިރީ ގޭގައި އެކަނިވެފައެވެ. ކެވޭނެ ފަދަ ވެސް ނެތިފައެވެ. އިމާމް ނިކަން ވިދާޅުވެބައްލަވާށެވެ. މިހުރިހާ އަނިޔާއެއް އަޅުގަނޑަށް މިލިބެނީ އަޅުގަނޑު ކޮން ކުށެއް ކޮށްގެންތޯއެވެ؟"
ކުރިންވެސް ބުނިފަދައިން އެއީ އެންމެ 9 އަހަރުގެ ކުޑަ ކުއްޖެކެވެ. ކުޑަކުއްޖަކަށްވީނަމަވެސް އެކުއްޖާ އެކުރީ ބައެއް ބޮޑެތިމީހުންނަށްވެސް ކުރެވޭ ޒާތުގެ ޝަކުވާއެކެވެ. ވީމާ އެ ކުއްޖާއަށް ބަލާއިރު ކުރި ޝަކުވާގެ މައްސަލައެއް ނެތެވެ. އޭނާއަކީ އަދި ކުޑަ ކުއްޖެކެވެ. އެހެންވީމާ ކުށެއްވެސް އަދި ކުރެވިފައެއް ނުވާނެއެވެ.
ނަމަވެސް އެއީ އެއް ބައެވެ. އެއީ ކުޑަ ކުއްޖަކަށްވުމުން އެބައި ނުވިސްނިދާނެއެވެ. ނަމަވެސް ވިސްނޭ ވަރުގެ ބޮޑެތި މީހުންވެސް މުޞީބާތެއް ކުރިމަތިވުމުން މިފަދަ ޝަކުވާތައް ކުރެއެވެ. ހަމަ އަނެއްބައި ނުވިސްނޭތީއެވެ.
މިފަދަ ޙާލަތުގައި ފާހަގަކުރަންޖެހޭނެ ކަމަކީ ޙާލަތެއް ކުރިމަތިވުމުން އެއީ މުޞީބާތެއް ކަމަށް އަހަރެމެންނަށް ވިސްނުނު ނަމަވެސް އެކަމުގެ ސަބަބުން އަހަރެމެންނަށް ކުރާނީ ފައިދާއެއްކަން ނުވަތަ ނޫންކަން މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ ތަޢާލާއެވެ. ﷲ ތަޢާލާ އެއްވެސް މީހަކަށް ދެރަ ގޮތެއް މިންވަރެއް ނުކުރައްވަވާނެ އެވެ. ވީމާ މުޞީބާތެއްގެ ގޮތުގައި އަހަރެމެންނަށް ވިސްނޭ ކަންކަމަކީ އަހަރެމެންނަށް ހުރި ފައިދާއަކަށް ވެގެންދެއެވެ. އެކަން ހަމަ މިޝަކުވާކުރި ކުއްޖާއަށް ކުރިމަތިވި ގޮތުން އެނގިގެންދެއެވެ.
އިމާމް މީހާ ގާތު އެ ޝަކުވާ ކުރަން ހުއްޓައި މެންދުރު ނަމާދު ވަގުތުވީއެވެ. މިސްކިތަށް މެންދުރު ނަމާދަށް އައި ތަނަވަސް މީހަކު ކުއްޖާގެ ވާހަކަތައް އަޑު އެހުމަށްފަހު ނަމާދު ނިމިގެން ދިއައީ ކުއްޖާ ގޮވައިގެންނެވެ. އެދެމަފިރިންނަށް ލިބިފައިވަނީ 2 އަންހެން ދަރިންނެވެ. އެ ދެމަފިރިން އެކުއްޖާ ބަލައިގަތީ އެމީހުންގެ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ. ގެންގުޅެ ބޮޑުކޮށް މުދަލުންވެސް ދަރިއަކާއި އެއްވަރުގެ ބައެއް ދިނީއެވެ. އެކުއްޖާއަށް ކިޔަވައިދީ ބޮޑު ދީނީ ޢިލްމުވެރިއަކަށް ހެދުމުން މިއަދު އޭނާއަކީ އިސްލާމް ދީން މަތިވެރިކުރަން ގަދައަޅައި މަސައްކަތްކުރާ ބޮޑު ދީނީ ޢިލްމުވެރިއެކެވެ.
ވީމާ މުޞީބާތެއް ކުރިމަތިވާ ކޮންމެ ހިނދެއްގައި އެކަން ކުރިމަތިކުރެއްވެވީތީ ﷲ ތަޢާލާއަށް ޝަކުވާ ނުކުރާށެވެ! ތިމާ ޙައްޤު ގޮތުގައި ހުއްޓައި ތިމާއަށް ދެރަ ނިކަމެތި ކަމެއް ނުލިބޭނެ ކަމަށް އަބަދުވެސް ޔަޤީން ކުރާށެވެ. ދެރަ ނިކަމެތި ކަމެއް މެދުވެރިވި ނަމަވެސް އެކަމުގައި ފޮރުވިގެންވާ ޙިކުމަތެއް އޮންނާނެ ކަމަށް ޔަޤީންކޮށް ކެތްތެރިވެ ތައުބާވެ އިސްތިޣްފާރުކުރުން އިތުރުކުރާށެވެ! ޝަކުވާ ނުކުރާށެވެ! ﷲ ތަޢާލާއަށް ފުރިހަމައަށް އިތުބާރުކުރާށެވެ! އެއިރުން ހުރިހާ ކަމެއްވެސް ދާނީ ހާޞިލުކުރެވެމުންނެވެ. ދުނިޔެއާއި އާޚިރަތް ލިބޭނީ މިބުނެދިން ވިސްނުމުގައި ދިރިއުޅޭ މީހުންނަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން