ކައިވެނީގެ ކުރިން ވަރަށް ލޯބިވެފަ ކައިވެނިކުރެވި ބާރުލިބުމުން މުޅިން ތަފާތު މީހަކަށް ބަދަލުވެ އަނިޔާވެރިވާ މީހުން ގިނަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ކައިވެނީގެ ކުރިން ވަރަށް ލޯބިވެފަ ކައިވެނިކުރެވި ބާރުލިބުމުން މުޅިން ތަފާތު މީހަކަށް ބަދަލުވެ އަނިޔާވެރިވާ މީހުން ގިނަވެއްޖެ!

ދުނިޔޭގައި މުނާފިޤުން ވަރަށް ގިނަވެއްޖެއެވެ. ނަތީޖާއެއްގެ ގޮތުން ކައިވެނީގެ ކުރިން އުޅެނީ ވަރަށް ލޯނިންނެވެ. ކައިވެނި ކުރެވި ބާރުލިބުން ބަދަލުވަނީ އަނިޔާވެރިއަކަށެވެ. ކުރިން އުޅެނީ އެކުގައި ވަޤުތު ހޭދަކުރެވޭވަރު މަދުވެގެންނެވެ. އެހެންވެ މައިންބަފައިންނަށް ސިއްރުންވެސް ބައްދަލުކުރަން ބޭނުންވެއެވެ.

އެކަމަކު ކައިވެނި ކުރެވި އެކުގައި އުޅުމުގެ މިނިވަންކަން ލިބުމުން، ޙަލާލު ގޮތުގައި އެކުގައި ވަޤުތު ހޭދަކުރުމުގެ ފުރުޞަތު ލިބުމުން މަޑުމަޑުން އަނބިމީހާއާއި ދުރުވަމުންގޮސް ނިދަން އަންނަނީވެސް އަނބިމީހާ އެކަނި އިންތިޒާރީގައި އޮވެ ނިދާފަހުންނެވެ.

މިކަންކަން މިގޮތަށް ވުމަށް މެދުވެރިވާ ސަބަބަށް ބަލައިލަމާ ހިނގާށެވެ!

ކޮންމެ މީހެއްގެވެސް ޙަޤީޤީ ސިފަ ފެންނާނީ އެމީހަކާއިއެކުގައި ދިރިއުޅުމުންނެވެ. ކައިވެނިކޮށްގެން އެކުގައި ދިރިއުޅުމުން، ވިޔަފާރިކުރުން ފަދަ މުޢާމަލާތުތައް ކުރުމުންނެވެ. އިތުބާރުކުރަންޖެހޭ ކަންކަން ކުރިމަތިވުމުންނެވެ. ޚާއްޞަކޮށް އެމީހަކަށް ކިތަންމެ ކުޑަ ނަމަވެސް ގެއްލުމެއް، އުނިކަމެއް ލިބިދާނެ ފަދަ ކަމެއް ކުރިމަތިވުމުންނެވެ. ވަކިން ޚާއްޞަކޮށް ހިތްހަމަނުޖެހޭ ފަދަ ކަމެއް މެދުވެރިވުމުންނެވެ. އަނެކާގެ މައްޗަށް އަމުރުކުރުމުގެ ބާރުލިބުމުންނެވެ.

ގިނަ ބައަކު އެންމެ ގިނައިން ކުރާއެއް ޝަކުވާއަކީ "ކައިވެންޏަށްފަހު ބައިވެރިޔާ ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. މިހާރު ފެންނަނީ ކުރިން އޭނާގެ ކިބައިން ފެނުނު ސިފަތަކެއް ނޫނެވެ. މުޅިން ތަފާތު ސިފަތަކެކެވެ. ފެންނަނީ މުޅިން އެހެން މީހެކެވެ." މިފަދަ ޝަކުވާތަކެވެ.

ޙަޤީޤަތުގައި މިވާގޮތަކީ ކައިވެންޏަށްފަހު މީހުން ބަދަލުވަނީއެއް ނޫނެވެ. ކައިވެންޏަށްފަހު މީހާގެ އަސްލު ސޫރަ ފެންނަނީއެވެ. އަސްލު ސިފަތައް ފައުޅުވެގެންދަނީއެވެ. ކައިވެނީގެ ކުރިން އޭނާ އެދެއްކީ އޭނާގެ ޙަޤީޤީ ސިފައެއް ނޫނެވެ. ކައިވެނިކުރުމުގެ ބޭނުމުގައި ސިފައ އޮޅުވާލައިގެން ދެއްކީއެވެ.

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ބައިވެރިޔާގެ އަސްލު ސިފަ ތަފާތުވުމުގެ މައްސަލަ މިހައިބޮޑުކަމަށް ވެގެން މިދަނީ އިސްލާމް ދީން ހުއްދަނުކުރި ނަމަވެސް މިޒަމާނުގައި ކައިވެނީގެކުރިން ގުޅުންތައް ހިންގާތީއެވެ. ގުޅުންތައް ހިންގަން ބޭނުންވެގެން ދެއްކި ސިފައާއި މީހާގެ ޙަޤީޤީ ސިފަ ތަފާތުވަނީއެވެ. ކައިވެނިކުރެވި ބައިވެރިޔާއަކީ އަމިއްލަ މިލްކެއްކަމަށްވުމުން ކުރިން ނުދައްކައި ފޮރުވައިގެން އުޅުނު ސިފަތައް ހާމަވެގެންދަނީއެވެ.

ޙައްލަކީ ކައިވެނީގެކުރިން އަތުލައިގަންނަން ޖަހާދަލުގައި ނުޖެހި ސަލާމަތުން ހުރުމެވެ. އެދަލުގައި ޖެހެވިއްޖެނަމަ ހުރިހާ ކަމަކުން ކޮޅުކެހިލިބޭނެއެވެ. ދުނިޔޭގައިވެސް މައްސަލަތައް ކުރިމަތިވާނެއެވެ. އަދި އާޚިރަތް ދުވަހުވެސް މައްސަލަތައް ކުރިމަތިވާނެއެވެ. ވީމާ ކައިވެނީގެކުރިން ބަލަންވީ އަބަދުވެސް ބުނަމުންމިދާ ފަދައިން ރަސޫލް (ޞޢވ)ގެ ހަދީޘްފުޅުގައިވާ ކަންކަމަށެވެ. ދީންވެރިކަމަށެވެ. ތަްްވާވެރިކަމާއި އަޚްލާޤަށެވެ.

 

އިތުރަށް މިޒަމާނުގައި ބަލަންވީ އަނބިމީހާ ގޮވައިގެން ދިރިއުޅުމުގެ ހިތްވަރުއެބަހުރިތޯއެވެ. އާމްދަނީ ހޯދަން މަސައްކަތްކުރަން ޝައުޤުވެރިކަންހުރިތޯއެވެ. އަނބިންގެކިބައިން ބަލަންވީ ގެވެހި ދީނީ ދިރިއުޅުމަކަށް ޝައުޤުވެރިކަން ހުރިތޯއެވެ؟ އެކަންކަމަށް ޝައުޤވެރިކަން ހުރިނަމަ ދެން އިތުރަށް ބޭނުންވާ ކަންކަން ދަސްކޮށްދެވިދާނެއެވެ.

ިޝަރުޠުތަކަށް ބަލައިގެން ކައިވެނިކޮށްފިނަމަ ޒަވާޖީ ޙަޔާތުގައި އުފާވެރިކަން ލިބިގެންދާނެއެވެ! އިން ޝާ ﷲ

ކައިވެނީގެ ކުރިން ގިނަ މީހުން އެދައްކާ ސިފަތަކަށް އެހައިބޮޑަށް އިތުބާރުނުކުރާށެވެ! އަޞްލު ސިފަ ފޮރުވައި މަކަރުހަދާ މީހުން ގިނަވަމުން އަންނާތީއެވެ. މިއީ މިއަދު ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަމެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން