ދުނިޔޭގަ ހުރެވުނުއިރު އެކަންކަން ނުކުރެވުނީތީ ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ 6 ކަންތައް! ޢާއިލާގެ މީހުންނަށާ އެކުވެރިންނަށްވެސް ޝެއާކޮށް ހިތާމައިން ސަލާމަތްކުރުވާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
ދުނިޔޭގަ ހުރެވުނުއިރު އެކަންކަން ނުކުރެވުނީތީ ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ 6 ކަންތައް! ޢާއިލާގެ މީހުންނަށާ އެކުވެރިންނަށްވެސް ޝެއާކޮށް ހިތާމައިން ސަލާމަތްކުރުވާތި!

ބަންގީގެ އަޑުއިވުމުން ވައިބޭރުކުރަމުން ޝައިޠޯނާ ދުވެ ފިލާ އުޞޫލުން ހެޔޮ ނަޞޭޙަތް އަޑުއަހަން ބޭނުން ނުވެ ދުވެފިލާ މީހަކަށްވެގެން އާޚިރަތް ކާމިޔާބެއް ނުކުރެވޭނެއެވެ. ހަމައެފަދައިން ކަންކަން ތިމާއަށް އެނގުމުން އެހިސާބުން ފުއްދާލައިގެންވާކަށްވެސް ނެތެވެ. ވީހާ ގިނަ ބައަކަށް އަންގައިދީ ހޭލުންތެރިކުރުވައިގެން ވީހާ ގިނަ ބައަކަށް ރަނގަޅު ގޮތްތައް ހޯދައިދޭން މަސައްކަތްކުރަންވެސް އެބަޖެހެއެވެ.

މިރޭ މިދައްކާ ވާހަކަތައް ޢާއިލާގެ މީހުންނަށާއި އެކުގައި މަސައްކަތްކުރާ މީހުންނަށާއި އެކުވެރިންނަށްވެސް ޙިއްޞާކުރާށެވެ! އެމީހުންގެ ތެރޭގައިވެސް މިކަންކަން ނުއެނގޭ އެތައް ބައަކު ތިބޭނެތީއެވެ! މުސްލިމުންނަކީ އެމީހެއްގެ ޢާއިލާގެ އެންމެންނާއި އެކުވެރިންވެސް ގޮވައިގެން ސުވަރުގެދާން މަސައްކަތްކުރަންޖެހޭނެ ބައެކެވެ.

މިރޭ ބުނެދޭން މަސައްކަތްމިކުރަނީ މީސްތަކުން އެންމެ ބޮޑަށް ކަންބޮޑުވާނެ ދުވަހު، ޤިޔާމަތް ދުވަހު ދުނިޔޭގައި ހުރިއިރު އެކަމެއް ނުކުރެވުނީތީ އާއި އެކަންކަމަށް ސަމާލުކަން ނުދެވުނީތީ އެންމެ ބޮޑަށް ދެރަވެ ހިތާމަކުރާނެ ކަންކަމުގެ ތެރެއިން ބައެއް ކަންކަމުގެ ވާހަކައެވެ. އެގޮތުން 6 ކަމެއް ފާހަގަކުރަން މަސައްކަތްކުރާނަމެވެ

ފުރަތަމަ ކަމަކީ ކީރިތި ޤުރްއާން ނުކިޔެވުނުކަމެވެ. ޚާއްޞަކޮށް ބަޤަރާ ސޫރަތް ނުކިޔެވުނުކަމެވެ. ކިޔެވިނަމަ ތިބާއަށް ޤުރްއާން ޝަފާޢަތްތެރިވާނެއެވެ. އެނިޢުމަތް ނުލިބުމުން ކުރަންޖެހޭނެ ހިތާމައިގެ ބޮޑުކަން އިޙްޞާޞްކުރެވޭނީ ކިޔެވި މީހުންނަށް ޤުރްއާން ޝަފާޢަތްތެރިވުމުގެ ސަބަބުން ސުވަރުގެ ވައްދަވާ މަންޒަރު ފެނުމުންނެވެ.

ދެވަނަ ކަމަކީ ގޭގައި ނަމަވެސް އެހެންތަނެއްގައި ނަމަވެސް އަދި ކތަންމެ ބޮޑު ތަނެއްގައި ނަމަވެސް ކިތަންމެ މަދުބައަކު ނަމަވެސް އަދި ގިނަ ބައަކު ނަމަވެސް ބައްދަލުވުމެއް ބާއްވައި އެބައްދަލުވުމުގައި ﷲ ތަޢާލާ ހަނދުމަނުކުރުމެވެ.

ތންވަނަ ކަމަކީ މީސްތަކުންގެ ތަޢްރީފް ލިބިގަތުމަށާއި މަތީމަޤާމް ބޭނުންވެގެން އެކަމަށް ދަހިވެތިވުމެވެ. މަޤާމަށް ކުފޫ ހަމަނުވިނަމަވެސް މަޤާމަށް ދަހިވެތިވެ ލިބިފައިވާ މަޤާމް ދޫކޮށްލަން ބޭނުންނުވުމެވެ. އަބަދުވެސް މަތީ މަޤާމްހޯދަން ވާދަކުރުމެވެ.

ހަތަރުވަނަ ކަމަކީ ދެއްކުންތެރިކަމުގެ ނިޔަތުގައި އަޅުކަންކުރުމެވެ. އެފަދަ މީހުން ކިތަންމެ ގިނަ އަޅުކަމެއްކޮށް ބޮޑެތި ފަރުބަދަތައް ހައި ގިނަ އަޅުކަމުގެ ފުނިވަރުތައް ހިފައިގެން ޤިޔާމަތް ދުވަހު ދިއަ ނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ! އެއަޅުކަންތައް ކުރަން ކިތަންމެ ގިނަ މަސައްކަތްތަކެއް ކޮށްފައިވީނަމަވެސްމެއެވެ. ކިތަންމެ ގިނަ ރޯދަހިފައި ކިތަންމެ ގިނަ ރޭއަޅުކަންކޮށްފައިވީނަމަވެސްމެއެވެ.

ފަސްވަނައީ މީސްތަކުންނަށް ނުބައި ބަސްބުނެ، ދެބައުޑުވައި ޣީބަބުނެ މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެ އެބާވަތުގެ އަމަލުތައްކޮށްފައިވުމުން ބަދަލުދޭންޖެހޭ މީހުންނެވެ. އެމީހުންނަށް ޖެހޭނީ އެމީހުންކުރި ކަންކަމަށް ބަދަލުދޭށެވެ! ބަދަލުދީ އަތުގައިހުރި ޘަވާބު ހުސްވުމުން ދެން ޖެހޭނީ އެހެންމީހުން ކޮށްފައިވާ ފާތަކުގައި ހިފައި އަމިއްލަކޮނޑުގައިޖަހާށެވެ! ތިމާ ދުވަހަކު ނުވެސްކުރާ ފާފަތައް ކޮނޑުޖަހައިގެން ނަރަކައަށް ވަންނާށެވެ!

ހަވަނައީ ޤިޔާމަތް ދުވަހަށް ތައްޔާރުނުވެވުމެވެ. މަރުވާނެކަމާއި ކައްވަޅުގައި ޒަމާންތަކެއް ހޭދަކުރަންޖެހޭނެ ކަމާއި ތާލަފިލި ފުމެލެއްވެވުމުން ކައްވަޅުން ތެދުވެ މަޙްޝަރުކުރެވޭނެކަން އެނގޭއިރު އެކަންކަމަށް ތައްޔާރުނުވެ ހުއްޓައި މަރުވެއްޖެ ނަމަ ކުރަންޖެހޭނެ ހިތާމައިގެ ބޮޑުކަން އެނގިގެންދާނީ ހަމަ ޤިޔާމަތް ދުވަހުއެވެ!

ދުޢާއަކީ އަހަރެމެން އެންމެންނަކީ މިކަންކަމަށް ވިސްނައިގެން ސުވަރުގެ ލިބުން އެދިގެން ދުނިޔޭގައި ތިބެ މަސައްކަތްކުރާ ، ޤިޔާމަތް ދުވަހު މިއިން ޙާލަތެއް ކުރިމަތިނުވާނެ މީހުން ކަމުގައި ލައްވަވައިދެއްވެވުމެވެ. އާމީން

--ޝައިޚް އަޙްމަދު ޢަލީގެ ދަރުސަކުން

މިއަދު އޮންލައިން