ތިމާގެ އަމިއްލަ މަންފާއަށް ވަރިކުރަންވެސް އަދި ވަރިވާންވެސް ހެޔޮނުވާނެ! ހުއްދަވާނީ އެކުގަ ދިރިއުޅެވޭނެ އެއްވެސް ގޮތެއް ނެތުމުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ތިމާގެ އަމިއްލަ މަންފާއަށް ވަރިކުރަންވެސް އަދި ވަރިވާންވެސް ހެޔޮނުވާނެ! ހުއްދަވާނީ އެކުގަ ދިރިއުޅެވޭނެ އެއްވެސް ގޮތެއް ނެތުމުން!: މުފްތީ މެންކް

ކައިވެނިކުރަން ޖެހެނީ ކީއްވެގެންކަން އޮޅުވައިލެވުނު ފަދައިން ވަރިކުރުމާއި ވަރިވުން ހުއްދަވާ ސަބަބުތައްވެސް ގިނަ ބައަކަށް މިވަނީ އޮޅިފައެވެ. ކައިވެނީގެ މުހިންމުކަމާއި ކައިވެނި ދެމެހެއްޓުމުން ކުރާނެ ފައިދާތައްވެސް ގިނަ ބައަކަށް އޮޅިއްޖެއެވެ.

ދައްކަން މިއުޅެނީ ވަރީގެ ވާހަކައެވެ. ނަމަވެސް ކައިވެނިކުރުމުގެ ވާހަކައިން މިފަށަނީ އެންމެ މުހިންމު ކަމަކީ ކައިވެނިކުރުމާއި ކައިވެނި ދެމެހެއްޓުން ކަމުގައިވާތީއެވެ. ވީމާ މިދައްކާ ވާހަކަތަކަށް ފުންކޮށް ވިސްނާށެވެ!

ކައިވެނިކުރުމުގެ މުހިންމުކަން ނިކަން ދެކިބަލާށެވެ! ކައިވެނިކުރުމުން ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަކުރެވުނީއެވެ. ނަމަވެސް ވަރިކުރުމާއިމެދު ވިސްނައިލާށެވެ. އެއީ ﷲ ތައާލާ ހުއްދަ ކުރެއްވެވި ކަންކަމުގެ ތެރެއިން އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ކަންތަކެވެ.

އެހެންކަމާއިއެކުގައިވެސް ވަރިކުރުމަކީ ދެއްވަވާފައިވާ ވަރަށް ބޮޑު ނިޢްމަތެކެވެ. ބޭނުން ހިފަންވާނީ އެންމެ ހެޔޮ ގޮތުގައެވެ. ވަރިކުރުމަކީ ކުޅޭކުޅޭ ކަމަކަށް ހަދައިގެންނުވާނެއެވެ. ވަރިކުރަންވާނީ ކައިވެނިމަތީގައި ދިރިއުޅެވޭނެ ދެން އެހެން ގޮތެއް ނެތުމުންނެވެ.

ވަރިކުރުމަކީ ނިޢްމަތަކަށްވަނީ ވަރިކުރުން ދީނުގައި ހުއްދަ ނުކުރާނަމަ މުޅި ޢުމުރުވެސް އަނިޔާވެރިކަމާއި ނިކަމެތިކމުގައި ލޮލުން ކަރުނައެޅުމުގައި ހޭދަކުރަން ޖެހިދާނެތީއެވެ. އެކަން މިއަދު މިދަނީ ލޮލަށް ފެނި ތަޖުރިބާކުރަމުންނެވެ.

ކިތަންމެ ވަރަކަށް ރުޅި އައިސްގެން ވަރިކުރި ނަމަވެސް "ވަރިކޮށްފީމެވެ! ވަރިކޮށްފީމެވެ! ވަރިކޮށްފީމެވެ!" 3 ފަހަރަށް ބުނެ 3 ފަށް ވަރިއަކުން ވަރިނުކުރާށެވެ! އެއީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ. އެފަދަ ކަމެއް ކޮށްގެން ނުވާނެއެވެ! ޙަރާމް ކޮންމެ ކަމެއް ކުރި ނަމަވެސް ފާފަވެރިވާނެކަން އަބަދުވެސް ހަނދާންކުރާށެވެ!

ކޮންމެހެން ވަރިކުރަން ޖެހިގެން ވަރިކުރި ނަމަވެސް ޢިއްދައިގެ މުއްދަތު، 3 ޙައޟުގެ ތެރޭގައި ކައިވެނި އަލުން ރުޖޫޢަކުރުމާއިމެދު ވަރަށް ބޮޑަށް ވިސްނައންވާނެއެވެ. ދެމަފިރިން އެކުގައި ތިބެގެން ޙައްލު ނުކުރެވުނު މައްސަލަ ނުވަތަ މައްސަލަތައް ދުރުގައި ތިބެގެން ޙައްލުކުރަން މަސައްކަތްކުރާށެވެ! އެފަދަ ޙައްލެއް ފެނިއްޖެ ނަމަ އެންމެ ރަގަޅު ގޮތަކީ އަލުން ކައިވެނި ރުޖޫޢަކުރުމެވެ. އެކަމުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ.

ދަތިހާލުގައި ނިކަމެތިކަންމަތީގައި އަނިޔާލިބެމުންދާ ޙާލުގައި ދިރިއުޅެމުން އަންނަ އަނބިންނަށް، އެ އުޚުތުންނަށް ބަހެއް ބުނެލާނަމެވެ. ވަރިކުރުމަކީ ފިރިމީހާ ކުރަން ޖެހޭ ކަމެއް ނަމަވެސް ވަރިވުން ނޫން ގޮތެއް ނެތިއްޖެ ނަމަ އަނިޔާލިބެން ކެތްތެރިވުމެއް ނެތެވެ. އިސްލާމީ ކޯޓަކަށް ގޮސް ނުވަތަ އެރަށެއްގައި އެކަންކުރަން އޮންނަ އުޞޫލަކުން ވަރިވުމަށް އެދޭށެވެ. އެއީ ކުރަން ލަދުގަންނަން ޖެހެންވީ ކަމެއް ނޫނެވެ! އަނިޔާ ލިބި އަނިޔާގައި ޢުމުރު ހޭދަކުރުމެއް ދީނަކު ނެތެވެ!

--މުފްތީ މެންކުގެ ދަރުސަކު

މިއަދު އޮންލައިން