މޯލްޑިވިއަންއަށް ކުރިއެރުން ނުލިބި އޮތީ ކުރީގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވުނު މޯލްޑިވިއަންގެ އައު ވައިޑް ބޮޑީ މަތިންދާބޯޓު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، 2018 ވަނަ އަހަރު ޕީޕީއެމްގެ ސަރުކާރު ނިމުނުއިރު އައިލެންޑް އޭވިއޭޝަނަކީ ފައިދާވާ، ހިންގުން ހަރުދަނާ ކުންފުންޏެއް ކަމަށެވެ. ނަމަވެސް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން ޤައުމީ އެއަރލައިނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ސީ ޕްލޭންގެ ގިނަ ކޮންޓްރެކްޓްތަކެއް އޮތީ ހުއްޓިފައި. ކުންފުނީގައި އޮތް އެންމެ ރަނގަޅު އެއަރބަސް 2022 ވަނަ އަހަރު ގެނައި ބޯޓު އޮތީ ދޫކޮށްލާފައި. ބޭނުންކުރަމުންދިޔަ ޑޭޝް 8 މަރުކޭޝްގެ ބޯޓުތަކުގެ ތެރެއިން ސްޕެއަރ ނަގަމުން ގޮސް، 4 ބޯޓު އޮތީ ބޭނުންނުކުރެވޭ ހާލަތުގައި. މިލިޔަނުން ދޫކޮށްފައިހުރި ދަރަނިތައް ހޯދޭތޯ އަޅުގަނޑުމެން ބަލަމުންމިދަނީ. ރަނގަޅަށް ނުބެލެހެއްޓުމުގެ ނަތީޖާއަކީ އެތައް ބޮޑު ދަރަންޏަކުން ދެރުން," ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އަމީން އިތުރަށް ވިދާޅުވީ، ރާއްޖެއަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކަށްވުމުން ދުރު މަންޒިލްތަކަށް ޤައުމީ އެއަރލައިން މެދުވެރިކޮށް ދަތުރުތައް ކުރެވިދާނެ ކަމަށެވެ. ނަމަވެސް، މިހާތަނަށް އައިރުވެސް ދުރު ރާސްތާތަކަށް ދަތުރުތައް ފެށިފައިނުވަނީ މީގެ ކުރީ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ މިވާހަކަފުޅުން ދޭހަވަނީ، މޯލްޑިވިއަންގެ ކުރިއެރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަމާއި، މި ހުރަސްތައް ފަހަނައަޅައި ދިއުމަށް މިހާރުގެ ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަމެވެ. އެހެންނަމަވެސް، ކުރީގެ ސަރުކާރުތަކުގެ ސިޔާސަތުތަކުގެ ސަބަބުން މި މަސައްކަތް ފަސޭހައިން ކުރިއަށް ނުދާކަން ވަޒީރުގެ ބަސްފުޅުން ހާމަވެއެވެ.