ހަނދުމަކޮށްދިނުމެއް!: ހެޔޮކަމެއް ކުރަން އުޅުނަސް ނުކުރެވޭ، ނުބައި ހުރިހާ ކަމެއް ކުރެވޭ މީހަކު އިޞްލާޙްވުމަށް ކުރަން އިބްން ޘައިމިއްޔާ ބަޔާންކޮށްދެއްވެވި ޢަމަލުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 29ސ
ހަނދުމަކޮށްދިނުމެއް!: ހެޔޮކަމެއް ކުރަން އުޅުނަސް ނުކުރެވޭ، ނުބައި ހުރިހާ ކަމެއް ކުރެވޭ މީހަކު އިޞްލާޙްވުމަށް ކުރަން އިބްން ޘައިމިއްޔާ ބަޔާންކޮށްދެއްވެވި ޢަމަލުތައް-

ފުރަތަމަ ކަމަކަށް ތިމާގެ ޢަމަލުތައް އިޞްލާޙްކުރަން ބޭނުންވުމާއި އިޞްލާޙް ނުކުރެވޭތީ ކަންބޮޑުވެވޭނަމަ އެމީހަކަށް އެހުރެވެނީ ވަރަށް ރަނގަޅު ގޮތުގައެވެ. ސަބަބަކީ އެކަމުން އެނގެނީ އެމީހަކީ ސުވަރުގެ ލިބިގަންނަން މަސައްކަތްކުރާ މީހަކު ކަމެވެ. ޝައިޠާނާ އާއި ދުރުހެލިވާން މަސައްކަތްކުރާ މީހަކު ކަމެވެ. 

ކުރެވެމުން އަންނަ ފާފައެއް ކުރުން ހުއްޓާލަން ވިސްނިނަމަވެސް އެކަން ތަންފީޒުކުރުމުގެ ބާރެއް ނުލިބެއެވެ. ނުބައި އެކުވެރިންނާއި ދުރުހެލިވާން މަސައްކަތްކުރިނަމަވެސް އެކަމެއްވެސް ނުކުރެއެވެ. ޒަވާޖީ ޙަޔާތުގައި ތެދުވެރިވާން މަސައްކަތްކުރިނަމަވެސް އެކަމެއްވެސް ނުކުރެވެއެވެ. ކުރާ މަސައްކަތުގައި ތެދުވެރިވާން އުޅުނަސް އެކަމެއްވެސް ނުކުރެވެއެވެ. ނަމާދުކޮށް ރަނގަޅަށް އުޅެން މަސައްކަތްކުރިނަމަވެސް އެކަމެއްވެސް ނުކުރެވެއެވެ. 

މިބަޔާންކުރެވުނު ޙާލަތު ކުރިމަތިވާތީ ޢަމަލުކުރާނެ ގޮތަކާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. 

ޖަވާބެއްގެ ގޮތުން މިބަޔާންކުރަނީ މިފަދަ ޙާލުގައި ހުރި މީހަކު އައިސް އިބްން ޘައިމިއްޔާ ރަޙިމަހުﷲ ޢަންހްގެ އަރިއަހުގައި ދެންނެވި ސުވާލުތަކެކެވެ. މިއަދުގެ ޙާލަތަށް ބަލައިފިނަމަ މިފަދަ ޙާލުގައި ތިބީ ކިތައް މުސްލިމުން ހެއްޔެވެ؟ އަދި މިހުރިހާ ކަންކަން ކުރިމަތިވެފައި ނުވިނަމަވެސް މީގެތެރެއިން ބައެއް ކަންކަން ވަރަށް ގިނަ ބައަކަށްވަނީ ކުރިމަތިވެފައެވެ. އެކި މީހުންނަށް އެކި ކަންކަމެވެ. އެކި މިންވަރަށެވެ. ވީމާ މިޙާލަތުން އަރައިގެނެވޭނެ ގޮތުގެ ވާހަކަ ދައްކަން އެބަޖެހެއެވެ. 

އޭނާއަށް އިބްން ޘައިމިއްޔާ ރަޙިމަހުﷲ ޢަންހްދެއްވެވި ޖަވާބު ފާހަގަކޮށްލާނަމެވެ. ހިތާއި ސިކުނޑި ހުޅުވާލައިގެން ރަނގަޅަށް ދެކަންފަތުން އަޑުއަހާށެވެ! 

-- ތިއަފަދަ ޙާލުގައިވާ މީހަކު ފުރަތަމަކަމަކަށް ﷲ ތަޢާލާގެ މަގަށް ފުރިހަމަ ގޮތުގައި އެނބުރޭށެވެ. ފުރިހަމަ ގޮތުގައި ހުރިހާ ގޮތަކުން ކިޔަމަންތެރިވެ ﷲ ތަޢާލާ އާއި ވީހައި ބޮޑަށް ކުއްތަންވާން މަސައްކަތްކުރާށެވެ. ތުއްތު ދަރިފުޅު އޭނާގެ މަންމަގެ ގާތުން ކިރުބުއިމަށް ޝައުޤުވެރިވާފަދައިން ﷲ ތަޢާލާއި ހުރިހާ ކަމެއްގައި ގުޅިގެންވުމަށް ލޯބިކުރާށެވެ. 

އެހެނީ އެކުއްޖާއަށް ރިޒުޤާއި އެހެނިހެން ކަންކަން ގުޅިފައިވަނީ މައިމީހާގެ ގާތުން ލިބޭ ކިރުފޮދާއިއެވެ. އަހަރެމެންނަށް ލިބެން އޮތް ކޮންމެ ރަޙްމަތެއްވެސް ގުޅިފައިވަނީ ﷲ ތަޢާލާގެ ރަޙްމަތާއިއެވެ. (އެކުއްޖާއަށް ލިބޭ ކިރުފޮދުވެސް ދެއްވަވަނީ ﷲ ތަޢާލާ ފަދައިންނެވެ.) 

-- ދުޢާކުރުން ގިނަކުރާށެވެ! ކީރިތި ޤުރްއާނާއި ރަސޫލް ގެ ސުންނަތުން ފެންނަންހުރި ދުޢާތައްކުރަން ސަމާލުކަންދޭށެވެ. އެހެނީ އެންމެ ރިވެތިވެގެންވާ ޢިބާރާތްތައް ވަނީ އެދުޢާތަކުގައެވެ. 

-- ރޭގަނޑުގެ ފަހުބައިގައި ދުޢާކުރަން މަސައްކަތްކުރާށެވެ. އެއީ ދުޢާ ޢިޖާބަކުރެއްވެވުން އެންމެ ގާތްވެގެންވާ، ދުޢާކުރުން އެންމެ މުހިންމު އެއްވަޤުތެވެ. ބަންގި އާއި ޤަމާދާއި ދެމެދުގައިވެސް ދުޢާކުރާށެވެ. އެވަޤުތަކީ މިސްކިތުގައި އިނދެވޭ ވަޤުތަކަށް ހަދާށެވެ. ސަޖިދައިގައިވެސް ދުޢާކުރާށެވެ. ނަމާދަށްފަހުގައިވެސް ދުޢާކުރާށެވެ. 

-- އިސްތިޣްފާރުކުރުން ގިނަކުރާށެވެ! ކިޔަމަންތެރިކަމާއިއެކު "އަސްތަޣްފިރުﷲ ވައަތޫބް އިލައިހި" ގިނަގިނައިން ކިޔާށެވެ. ގިނަ ގިނައިން ތައުބާވާމީހާއަށް މަރުވުމަށްދާންދެން ރަޙްމަތް ލައްވަވާނެތެވެ. ދުނިޔެއަކީވެސް އުފާވެރިތަނެއް ކަމުގައި ލައްވަވާނެތެވެ. 

-- ދެއިރުގެ ޛިކުރުތައް ކިޔުންމަތީގައި ދެމިހުންނާށެވެ. އެއީ ފަތިސްނަމާދާއި ޢަޞްރުނަމާދަށްފަހު ޛިކުރުކުރަން ގިނަކުރުމެވެ. އެކަމަށް ވަޤުތުކޮޅެއް ހޭދަކުރަމުން ގެންދާށެވެ. އަދި ނިދުމުގެކުރިން ކިޔަންޖެހޭ ޛިކުރުތައްވެސް ކިޔަމުން ގެންދާށެވެ. 

-- ކޮންމެ ޙާލަތެއްގައިވެސް ކެތްތެރިކަން އިތުރުކޮށް ﷲ ތަޢާލާގެ މަގުގައި ޘާބިތުވެހުންނަން ގަދައަޅައި މަސައްކަތްކުރާށެވެ! އެއިރު ތިބާއަށް ތަޤްވާވެރިކަމާއި ކެތްތެރިކަން މިންވަރުކުރއްވަވާނެތެވެ. އިން ޝާ ﷲ 

-- ކޮންމެ ގޮތަކުން ނަމަވެސް، ކޮންމެ ޙާލެއްގައިވެސް އިޙްޞާންތެރިކަމާއިއެކު ފަރުޟު 5 ނަމާދުކުރަމުން ގެންދާށެވެ. އެހެނީ މީހާގެ އިސްލާމްކަން ވަނީ ނަމާދުކުރުމުގައެވެ. 

-- އެންމެ ގިނައިން ކިޔާ އެއް ޛިކުރަކީ  لا حول ولا قوة الا باالله العلي العظيم  ކަމުގައި ހަދާށެވެ. އެއީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެހުރުމަށް ހިތްވަރު ދެއްވަވާނެ ކަމެކެވެ. އެއްވެސް ހެޔޮކަމެއް ﷲ ތަޢާލާގެ ޙަޟްރަތުން ނޫނީ ނުލިބޭނެއެވެ. ވީމާ އެންމެ މުހިންމު ކަމަކީ ކުރަންބޭނުންވާ ކަންކަމަށް ﷲ ތަޢާލާގެ ޙަޟްރަތުން މަދަދާއި ވާގިލިބުމެވެ. 

-- ދުޢާކުރުމަށްފަހުގައާއި އެދޭ ކަންކަން ޙާޞިލުނުވެ ލަސްވާތީ ކަންބޮޑުވެގެން ނުއުޅޭށެވެ. 

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން