ނަމާދުކުރަން ބޭނުންވި ނަމަވެސް ނުކުރެވި ކަންނެތްވެވުމާއި ނަމާދުގައިވެސް ކަންނެތް ވެވުމުގެ މައްސަލަ ޙައްލުކުރަން ކުރެވިދާނެ ކަމަކާއިބެހޭ ގޮތުން ބައެއް ކިޔުން ތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.
މުސްލިމުންގެ ތެރެއިން ގިނަ ބައަކު ނަމާދުކުރަން ކަންނެތްވެއެވެ. ނަމާދުކުރަން ކަންނެތްވުމާއި ނަމާދުގައި ކަންނެތްވުމަކީ ތަފާތު ދެކަމެކެވެ. މިރޭ ބަލައިލަނީ މީގެ ތެރެއިން ނަމާދުކުރަން ކަންނެތްވުމުން ސަލާމަތްވެވޭނެ މަގަށެވެ.
ނަމާދަށް ކަންނެތްވެވޭނަމަ ފުރަތަމަ ކަމަކަށްވެސް ވަޤުތު ޖެހުމުން އެންމެ ފުރަތަމަ ކުރާ ކަމަކަށް ނަމާދުކުރުން ހަދާށެވެ. ބަންގީގެ އަޑު އިވުމާއިއެކު އެހެން ހުރިހާ ކަމެއް ބަހއްޓާފައި ނަމާދުކުރަން އަވަސްވެގަންނާށެވެ. ބަންގީގެ އަޑު އިވުމުން ކުއްލި ސިހުމަކަށް ނުވާނެ ގޮތަށްވެސް މިހާރު ނަމާދަށް ތައްޔާރުވެވިދާނެއެވެ. އެއީ ވަޤުތުޖެހުމުގެ ކުރިން ފޯނު އެލާމްވާ އެޕެއްގެ ބޭނުން ކުރުމެވެ. އެއިރުން ބަންގީގެ އަޑު އިވުމުން ތެޅިފޮޅިގންނާކަށް ނުޖެހޭނެވެ. އަދި ބަންގީގެ އަޑު ނުއިވޭތަނެއްގައި މަސައްކަތްކުރާނަމަ މިފަދަ އެޕެއްގެ ބޭނުމުގެ މުހިންމުކަން ވަކިން ބޮޑެވެ.
ދެވަނަކަމަކީ ބަންގިއެއް ޢިޖާބަދޭ މީހަކު ކަމުގައިވުމެވެ. އެހެނީ ބަންގިއަށް ޢިޖާބަދޭއިރު لا حَوْلَ وَلا قُوَّةَ إِلا بِالله މަދުވެގެން 4 ފަހަރު މިކިޔާ ކިޔުމަކީ ވަރަށް މުހިންމު ކަމެކެވެ. ބައެއް ރިވާޔަތްތަކުގައި لا حول ولا قوة الا باالله العلي العظيم ކިޔުމަށްވެސް އައިސްފައިވެއެވެ. ނަމާދާއި ކުރާ އެހެނިހެން އަޅުކަންކުރަންވެސް ފަސޭހަކަން މިންވަރުކުރައްވަވާނެ ކަމެކެވެ. އިން ޝާ ﷲ
ވިސްނައިލާށެވެ. މި ކަލިމަތަކުން އަހަރެމެން މި އިޤްރާރުވަނީ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމެވެ. އަދި ކޮންމެ ހެޔޮކަމެއް ލިބުންވެސް ވަނީ ﷲ ތަޢާލާގެ ޙަޟްރަތުންކަމެވެ. އެއިގެ ތެރޭގައި ނަމާދުކުރުމުގެ ކުޅަދާނަކަމާއި ހިތްވަރު ލިބުންވެސް ހިމެނިގެންވެއެވެ.
ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ހިތާމަކުރަންޖެހޭނީ ދުނިޔޭގައި ކުރަންހުރި ކަންކަން ނުކުރެވިގެނެއް ނޫނެވެ. ނަމާދު ނުކުރެވުނީތީއެވެ. ޖަމާޢަތުގައި ބައިވެރިވެ ނަމާދުކުރުމުން ދެއްވަވަން އޮތް 27 ގުނަ ނުހޯދުނީތީއެވެ. ވީމާ އާޚިރަތް ދުވަހު ހިތާމަކުރަންޖެހޭނެ މީހަކަށް ނުވަން ގަދައަޅައި މަސައްކަތްކުރަމާ ހިނގާށެވެ!
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން