ބައެއް މީހުންނަށް ޤަބޫލުކުރެވޭ ގޮތުގައި މަރުމަތީގައި ރަހްމަތުގެ މަލާއިކަތުން އެމީހަކާއި ބައްދަލުކުރައްވަވައި ސަލާމް ކުރެއްވެވުން ފަދަ ނިޢުމަތްތައް މިފަދަ ޒަމާނެއްގައި އެކަކަށްވެސް ނުލިބޭނެއެވެ. ނަމަވެސް އެއީ ހަމަ ކުށްހީއެކެވެ.
ހަމަ މިމާލޭގައި ދާދި ފަހުން ހިނގި މިފަދަ ކަމެއްގެ ވާހަކަ މިއަދުނޫހުގައި ވާނީ ގެނެސްދީފައެވެ. އަދިވެސް ހަނދާން އައުކޮށްލައިދޭނަމެވެ.
އެއީ ޢުމުރުން ދުވަސްވީ އަންހެނެކެވެ. އެއްވެސް ބައްޔެއްގައި އުޅެމުން އައި އަންހެނެއް ނޫނެވެ. އާދައިގެ މަތިން އެރޭވެސް ނިންދަވަން ކޮޓަރިއަށް ވައްދައި ދަރިން ޚިދުމަތްކުރަމުން ދަނިކޮށް ނޭވާލާން ކުޑަކޮށް އުނދަގޫވާކަމަށްބުނެ ބޯއުސްކޮށްލިއެވެ. ދެން ފެނުނީ އައްސަލާމް ޢަލައިކުމް ކިޔައި އަތްދިއްކުރަމުން ގެންދާތަނެވެ. އިރުކޮޅަކު އެކަން ތަކުރާރުކުރުމަށްފަހު އެންމެ ފަހުނޭވާލައި ދުނިޔެއަށް އަލްވިދާޢުކީއެވެ.
އޭނާގެ ކިބައިން ފެނިފައިވާ އެންމެ ޚާއްޞަ އެއް ކަމަކީ އަބަދުވެސް ގޭގައި އުޅުމާއި އެއްވެސް މީހެއްގެ ގޯސް ވާހަކަ ނުދެއްކުމެވެ. މީހުންގެ އެބާވަތުގެ ވާހަކަ އަޑުވެސް ނުއެހުމެވެ.
މިވާހަކަކޮޅު ތަކުރާރުކޮށްމިލީ ތިރީގައިވާ ޙާދިސާ މެދުވެރިވި މީހާއަކީވެސް އެކަން އެގޮތަށް ކުރި މީހަކަށްވާތީއެވެ. ވާހަކަ ވިދާޅުވެލައްވާށެވެ!
މިއީ އަހަރެންނަށް އޭނާގެ ދަރިފުޅު ކިޔައިދިން ވާހަކައެކެވެ. އޭނާގެ ބައްޕަ ދިރިއުޅެމުން ދިއައީ ގޭގައި އެކަންޏެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް ދަރިފުޅު ބައްޕަގެ ޙާލުބަލަން ޒިޔާރަތްކޮށް ކަންކަން ބަލަހައްޓައެވެ. އެއްދުވަހަކު ގެއަށް ދެވުނުއިރު ބައްޕަ އޮތީ ބަލިވެއެވެ. އަވަހަށް އެމްބިޔުލާންސަކަށް އަރުވައިގެން ހޮސްޕުޓަލަށް ގެންދިއައީއެވެ.
ގެންދަން އުޅުނުއިރު "ބައްޕައަށްޓަކައި މިސްކިތެއް އެޅުމަށް ވަރަށް ވަރުގަދައަށް ވަޞިއްޔަތް ކުރިއެވެ. އެކަމަށް އަހރެން އެއްބަސްވެސްވީމެވެ.
ހޮސްޕިޓަލަށް ގެންދިއުމުން ބައްޕަގެ ޙާލަތު ރަނގަޅަށް ދެނެގަތުމަށްފަހު ޑޮކްޓަރުން ބުނީ ބައްޕަގެ ޙާލަތު ވަރަށް ސީރިއަސް ކަމަށާއި ދުނިޔޭގައި އޮންނާނެ ކަމަށް ބެލެވެނީ 2 ދުވަހަކު ކަމަށެވެ. އެހިސާބުން ޕްރައިވެޓް ކޮޓަރިއަކަށް ބައްޕަ ބަދަލުކުރީއެވެ.
ފުރަތަމަ ދުވަހު ބައްޕަ ބުނީ ބައްދަލުކުރަން މީހަކު އަތުވެއްޖެކަމަށާއި އެއްކައިރިއަށްޖެހި އޭނާއަށް ތަންދެއްކުމަށެވެ. އެގޮތަށް ކަންތައް ކުރުމަށްފަހު މީހަކު ނުފެނުމުން ބައްދަލުކުރަން އައީ ކޮން ސިފައަކަށް ހުރި ކާކުތޯ ސުވާލުކުރުމުން ބުނީ ވަރަށް ރީތި މީހެއް ކަމަށާއި ހުރީ ހުދުހެދުމުގައި ކަމަށެވެ. އަދި ގައިން ވަރަށް މީރުވަސްދުވިކަމަށެވެ.
ދެވަނަ ދުވަހުވެސް ހަމައެފަދަ ގޮތަކަށް ބުނުމުން ޖާގަ ދެއްކީމެވެ. އެދުވަހަކު 10 ވަރަކަށް މިނިޓްވަންދެން "އައްސަލާމް ޢަލައިކުމް! ވަޢަލައިކުއްސަލާމް! ކިޔާފައި ނިދައިލީއެވެ. އެއިރު ބޮޑުބޭބެވެސް ހުއްޓެވެ. ބޮޑުބޭބެ ބުނަމުން ދިއައީ އެއްވެސް މީހަކަށްބުރައަކަށްނުވެ ނިމިގެންދިއުމަކީ ބައްޕަ އަބަދުވެސް އެދެމުން އަންނަ ކަމެއް ކަމަށެވެ.
ވާހަކައިގައި ތިބެފައި ބައްޕަ "ހުއްޓިއްޖެ"ހެން ހީވެގެން ބަލައިލިއިރު އޮތީ ނިޔާވެފައެވެ. ޖަނާޒާގެ ކަންކަން ނިމިދިއައީ އާދައާއި ޚިލާފަށް ފަސޭހަކަމާއިއެކުގައެވެ.
އެވާހަކަ ކިޔައިދިނުމުން "ބައްޕަގެ ދުނިޔޭގައި ކޮށްއުޅުނީ ކޮން ކަންތައްތަކެއްތޯ؟" ސުވާލުކުރީމެވެ. ޖަވާބުގައި ބުނީ ބައްޕައަކީ ދީނީ ޢިލްމުވެރިއެއް ނޫން ކަމަށާއި ފާހަގަކުރެވޭ މާގިނަ ކަންތައްތަކެއް ކުރިކަން ނުއެނގޭ ކަމަށެވެ. ނަމަވެސް ގޭތެރޭގެ ކަމެއްގައި ނުއުޅޭނަމަ އަބަދުވެސް ޓީވީން ބަލައި އަޑުއަހާނީ ޤުރްއާނާއި ދަރުސްތައް ކަމަށެވެ. އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ ދުވަހަކުވެސް އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކާއިބެހި އެފަދަ ވާހަކައެއްވެސް ނުދައްކާކަން ކަމަށެވެ.
އެހިސާބުން ހަނދާނަށް އައީ އެންމެ މަތިވެރި މުސްލިމުންނަކީ އެމީހަކާއި ނުބެހޭ ކަންކަމާ ނުބެހޭ މީހުން ކަމަށް އޮތް ޙަދީޘްފުޅެވެ.
- ޝައިޚް މުޙައްމަދު އަލްނަޤްވީގެ ދަރުސަކުން