މައްސަރުކަންތައް ޖެހުމުން އަނބިންނާ ދުރުހެލިވެ ނިކަމެތިނުކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
މައްސަރުކަންތައް ޖެހުމުން އަނބިންނާ ދުރުހެލިވެ ނިކަމެތިނުކުރާށެވެ!: މުފްތީ މެންކް

ބައެއް ފިރިން އެމީހުންގެ އަނބިންނަށް މައްސަރު ކަންތައް ޖެހުމުން (ޙައިޟުވުމުން)  އެކަނބަލުން އެކަމުން ޠޯހިރުވަންދެން އެބަ ދުރުކޮށްލައެވެ. ދެރަކޮށް އެކަނިވެރިކޮށްލައެވެ. އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެކަން އެގޮތަށް ކުރާކަށް އަހަރެމެންގެ ދީނަކު ނެތެވެ.  

ޙައިޟުވުމުގައި އަންހެނުންގެ އޮތީ ކޮންކުށެއް ހެއްޔެވެ؟ އެއީ އެކަނބަލުން އަމިއްލައަށް ލިބިގަންނަ ކަމެއް ނޫނެވެ. އެއީ އަންހެނުންގެ ކިބައިގައި ﷲ ތަޢާލާ ލައްވަވާފައިވާ ކަމެކެވެ.  

ޞަޙީޙް ޙަދީޘްފުޅުން ޘާބިތުވާން އޮތް ގޮތުގައި ޙައިޟުގެ ދުވަސްވަރު (އެކަނބަލުންގެ ޞިއްޙަތު ތަންދޭނަމަ ތަންދޭ މިންވަރަކުން) ދެމީހުން ލޯބިކުރުން ހުއްދައެވެ. ހަމައެކަނި މަނާވެގެންވަނީ ޖިމާޢުވުމެވެ. އެކަންކުރުން ވަނީ ޙަރާމްވެގެންނެވެ.  

ކަންމިހެން އޮއްވައި 7 ދުވަސްވަންދެން (ޙައިޟުން ޠޯހިރުވަންދެން) އެކަނބަލުން އެކަނިވެރިކޮށް ނިކަމެތިނުކުރާށެވެ. ދެމީހުން ކުރިންވެސް ނިދައި އުޅުނު ގޮތަށް އެކުގައި ނިދައިއުޅޭށެވެ. ލޯތްބާއި އަލައިލުން ދޭށެވެ. ޙައިޟުގެ ދުވަސްވަރު އެކަމުގެ ސަބަބުން އެކަނބަލުންނަށް ވަރުބަލިކަމެއް ލިބޭނަމަ އޯގާތެރިކޮށް ކަންކަންކުރާށެވެ. ލިބޭމިންވަރަކުން ފައިދާހުރި ކާނާ ކާންދޭށެވެ. ވަރުބަލިވާނަމަ އަރާމުކުރަން ވަޤުތު ހޯދައިދޭށެވެ. ޑޮކްޓަރެއްގެ އެހީތެރިކަން ބޭނުންވާނަމަ އެކަންވެސް ކުރާށެވެ. ބޭސްފަރުވާ ކޮށްދޭށެވެ!  

އަނބިން ދެކެ ލޯބިވާން އޮތީ އެކަނބަލުން ފުރިހަމަ ޞިއްޙަތުގައި ތިބޭއިރު އެކަންޏެއް ނޫނެވެ. ބަލިޙާލެއް ކުރިމަތިވެއްޖެނަމަ އޮތީ ލޯބިދިނުން އިތުރުކުރުމެވެ. މުސްލިމުންގެ ގޮތަކަށްވާންވާނީ އަބަދުވެސް އަނެކާއަށް އެހީތެރިވުމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން