މީހަކަށް ތިބާ ރަނގަޅަށް ކަންކަން ކުރަނިކޮށް ތިބާއަށް ނުބައި ބަސްތައް ބުނާނަމަ ކަންބޮޑުވުމުގެ ބަދަލުގަ އުފާވެރިކަން ލިބި ހިނިތުންވެވޭނެ މީހަކަށް ވެވިދާނެކަން އެނގޭތަ؟ މިގޮތަސް ޢަމަލުކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
މީހަކަށް ތިބާ ރަނގަޅަށް ކަންކަން ކުރަނިކޮށް ތިބާއަށް ނުބައި ބަސްތައް ބުނާނަމަ ކަންބޮޑުވުމުގެ ބަދަލުގަ އުފާވެރިކަން ލިބި ހިނިތުންވެވޭނެ މީހަކަށް ވެވިދާނެކަން އެނގޭތަ؟ މިގޮތަސް ޢަމަލުކުރޭ!

މީސްތަކުން އުޅެން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅުމުގެ މާނައިގައި މީސްތަކުންނާއި ބާއްވަންޖެހޭ ގުޅުން ރަނގަޅު ގޮތުގައި ބާއްވައިގެން އުޅުންވެސް ހިމެނެއެވެ. އެމީހެއްގެ ކިބައިގައި ކެރިކުޅަދާނަކަން ހުރި މިންވަރަކުން މީސްތަކުންނަށް އެހީތެރިވެދިނުންމަތީގައި ހުރުންވެސް ހިމެނެއެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާ ދެއްވަވާ ޖަޒާވެސް އެނގެން އެބައޮތެވެ. 

ޙައްޤު ގޮތުގައި (ޙައްޤު ކަންކަމަށް) މީސްތަކުންނަށް އެހީތެރިވުންމަތީގައި މީހަކު ދެމިހުރިހާ ހިނދަކު އެމީހަކަށް އެހީތެރިވެވޮޑިގަތުންމަތީގައި ﷲ ތަޢާލާ ދެމިހުންނަވާކަމަށްވުރެ ބޮޑު ނިޢުމަތެއް މީހަކަށް ލިބޭނެ ހެއްޔެވެ؟ 

ދެން ބަލައިލަންވީ މީސްތަކުންނަށް (މަދުބައަކަށް، އެކުވެރިންނަށް، ގާތް މީހުންނަށް ނަމަވެސް) ރަނގަޅަށް ކަންކަން ކުރަމުން ދަނިކޮށް އެމީހުން ތިބާއާއިމެދު ނުބައި ބަސްތައް ބުނުމެވެ. އެއީ ހަމަ އެއްގޮތަކަށްވެސް ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. 

މިހެން ބުނާއިރު ތަންކޮޅެއް ކުރިން އަހުރެންނަށްވެސް އެފަދަ އަޑުތައް އިވުމުން ކަންބޮޑު ވެވުނެވެ. އެކަން ނިމުމަކަށް ގެންނަން އަހުރެން ކަނަތއް ކުރި ގޮތްވެސް ބުނެލާނަމެވެ! އަހުރެންގެ ވިސްނުމަށް ގެންނަން ފެށީ އެކަމުން އަހުރެންނަށް ދެއްވަވާނެ ޘަވާބަށެވެ. ސުވަރުގެ ލިބި ސުވަރުގޭގައި އަހުރެންގެ ދަރަޖަ މަތިވެރިވެގެންދާނެ މިންވަރަށެވެ. 

ހަމަ ތެދެއް ބުނަން ހެއްޔެވެ؟ އެކަންކަމަށް ވިސްނަން ފެށުމުން އެފަދަ އަޑެއް އަހުރެންނަށް އިވުނަސް ހިނިތުންވެވެއެވެ. އުފާވެރިކަން އިޙްޞާޞްކުރެވެއެވެ. އެފަދަ އަޑެއް އިވިއްޖެނަމަ އެމީހަކަށް ރައްދުދޭން ވިސްނުނެވެ. ރައްދުދެވިފައިވެސް ހުންނނެއެވެ. ނަމަވެސް މިހާރު އަހުރެން ކުރާ ކަމަކީ އެމީހަކަށް ހެޔޮދުޢާކުރުމެވެ. އެއީ އޭނާ އެކޮށްދެނީ ޤިޔާމަތް ދުވަހު އަހުރެންނަށް އެންމެ ފައިދާކުރާނެ ކަންތައް ކަމުގައިވާތީއެވެ. 

ގޮތްބަލައިލަންވެސް ނިކަން މިމަގުން ޢަމަލުކުރަން ފަށައިބަލާށެވެ! އަހުރެންގެ ތަޖުރިބާއަށް ބަލައި ބުނެވެން އޮތީ އެކަމުން ލިބޭނީ އުފާވެރިކަން ކަމަށެވެ. 

- މަޢުލޫމާތު: އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން