ސުވަރުގެ އެދޭމީހާ އިހްމާލްވެގެން ނުވާނެ 3 ޢަމަލު: ކުރަންވެސް އެހައިމެ ފަސޭހަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ސުވަރުގެ އެދޭމީހާ އިހްމާލްވެގެން ނުވާނެ 3 ޢަމަލު: ކުރަންވެސް އެހައިމެ ފަސޭހަ!

ސުވަރުގެ އެދޭމީހާއަށް ކުރަން އޮތް ކަމަކީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުރުމެވެ. އަދި ސުވަރުގެ ވެއްދެވުން އެދިގެން ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމެވެ. ތިމާ ކުރާ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ތިމާއަށް އެކަމެއް ކުރުމުން ސުވަރުގެ ދެއްވަވާނެ ކަމުގެ އުފާވެރިކަން ލިބިދީފައިވާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. މިބުނަނީ އެޢަމަލެއް ކުރުންމަތީގައި ހުރުމުން ސުވަރުގެ ވައްދަވާނެކަން ޤުރްއާނާއި ޙަދީޘުން އެނގެންހުރި ކަންކަމުގެ ވާހަކައެވެ. 

ރަސޫލް މަދީނާއަށް ހިކުރަކުރެއްވެވުމަށްފަހު މިސްކިތްކޮޅު އަޅުއްވަވައި، މިސްކިތްކޮޅުގައި ދެއްވެވި ފުރަތަމަ ޚުޠުބާގައި 3 ކަމަކަށް ވަޞިއްޔަތް ކުރެއްވެވިއެވެ. އެއީ ﷲ ތަޢާލާ ދެއްވެވި ތަކެތިން އެހެން މީހުންނަށް ކާން ދިނުމަށާއި ޢާޢިލީ ގުޅުން ބަދަހިކުރުމަށާއި އަދި މީސްތަކުން ނިދާފައި ތިބޭ ވަޤުތު ރޭއަޅުކަން ކުރުމަށެވެ.  ދެން ޙަދީޘްފުޅުކުރެއްވެވީ މި 3 ޢަމަލުކުރާ މީހާއަށް ތަޤްވާވެރިކަން ލިބި އުފަލުގައި ސުވަރުގެ ވަދެވޭނެ ކަމަށެވެ. އިން ޝާ ﷲ 

ޢާއިލީ ގުޅުން ބަދަހިކުރުމުގެ ތެރޭގައި މީސްތަކުންނަށް ދަތި އުނދަގޫ ކަންކަން ނުކުރުމާއި ގެއްލުން ނުދިނުމާއި މީސްތަކުންނަށް ގިނަގިނައިން ސަލާމްކުރުން ހިމެނެއެވެ. މުޖުތަމަޢުގައި ހަމަޖެހުން އޮންނާނީ އެއިރުންނެވެ. 

މީހުން ނިދުމުން ތެދުވެ ރޭއަޅުކަންކުރަންވީ ކީއްވެގެންހެއްޔެވެ؟ އެއީ އެހެން މީހުންގެ އެއްވެސް އުނދަގުލަކާއި ނުލައި އަޅުކަމުގައި އިނދެވޭނެތީއެވެ. ހަމަހިމޭންކަންމަތީގައި އިނދެގެން އަޅުކަން ކުރެވޭނެތީއެވެ. 

މީސްތަކުންނަށް ކާންދިނުމަށްބަލާއިރު އެކަންކުރެވޭނެ ބައިވަރު ގޮތްތައް އެބަހުއްޓެވެ. އެގޮތުން ކިތަންމެ ފަޤީރުޙާލުގައި އުޅުނަސް އަތުގައި އެއްވެސް އެއްޗެއް އޮތްނަމަ ގެއަށް ޒިޔާރަތްކުރާ މެހްމާނުންނަށް ކާންދޭށެވެ. އެއީ ކުރަން ސުންނަތުގައި އޮތްކަމެކެވެ. އެކަމުގެ ސަބަބުން މަލާއިކަތުންގެ ހެޔޮ ދުޢާ ތިބާއަށް ލިބޭނެއެވެ. އިން ޝާ ﷲ 

އަތުގައި ހުރި މިންވަރުން އަވަށްޓެރިންނަށް ކާންދޭށެވެ. ކާންދިނުމުގެ މާނައިގައި އެމީހުންނަށް ކެވޭނެ ގޮތް ހަދައިދިނުންވެސް ހިމެނެއެވެ. އެނގޭހެއްޔެވެ؟ ފެންގަނޑުގައި އުޅޭ ބޮކަށް ކާންދިންނަމަވެސް މޫދުގައި އުޅޭ މަހަށް ކާންދިންނަމަވެސް ކާންދިން ކޮންމެ އެއްޗެއް ތިބާއަށްޓަކައި ހެޔޮދުޢާކުރާނެއެވެ. 

މި 3 ޢަމަލުކުރާ މީހަކަށް ސުވަރުގެއިން ޚާއްޞަ ދަރަޖަތައް ދެއްވަވާނެތެވެ. ލިބިގަންނަން މަސައްކަތްކުރެވޭނީ ދުނިޔޭގައި ދުނިޔޭގައި ހުރެވޭ ދުވަސްކޮޅުގައެވެ. ހީވާގިވާށެވެ! ދުޢާއަކީ ހެޔޮ ޢަމަލުކުރުންމަތީގައި ތިބޭ ބައަކު ކަމުގައި އަޅަމެން އެންމެން ލެއްވެވުމެވެ. އާމީން

 

- އިމާމް ޢުމަރު ސުލައިމާންގެ ޚުޠުބާއަކުން

 

 

 

މިއަދު އޮންލައިން